ޚަބަރު

މެޗަކަށްފަހު މެޗެއް ހުރިހާ ޓީމެއްވެސް އަންނަނީ ކުޅުން ރަނގަޅުކުރަމުން: ފައްރާހު


  • ރިކަވަރީއަށް ލިބޭ ވަގުތު ކުޑަވުމުން އޭގެ އަސަރުކުރޭ

  • ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ފައިދާ ގޯލުގެ ތަފާތުން

މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްވެސް، މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކުރަމުން އަންނަ ކަމަށާއި ނަމަވެސް މެޗުތައް ކައިރިކައިރީގައި ހުރުމުން ކުޅުންތެރިންގެ ރިކަވަރީއަށް ލިބޭ ވަގުތުކޮޅު ވަރަށް ކުޑަކަމަށް އޮޑި ސްޕޯޓްސް ކުލަބްގެ ހެޑް ކޯޗު، އަޙްމަދު ފައްރާހު (ފައްރަ) ބުނެފިއެވެ.

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި އޮޑި އާއި ޓީސީ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ފައްރާހު ވަނީ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ނުލާ ކުޅެން ޖެހުނު ނަމަވެސް މެޗުގައި އޮޑިން ދެއްކި ކުޅުމަށް ތައުރީފުކޮށްފައެވެ. މީގެ އިތުރުން، ފުރަތަމަ ހާފުގެ ފަހުކޮޅު އެޓީމުގެ ކުޅުންތެރިއަކަށް ސީދާ ރަތްކާޑެއް ދެއްކުމުން ދެވަނަ ހާފު 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމުންވެސް އޭނާގެ ޓީމުން ދެއްކި ކުޅުން ރަނގަޅުކަމަށް ފައްރާހު ބުންޏެވެ.

"ޓީމު އަނެއްހެން ގޯހެއްނޫން ކުޅޭލެއް. ދެން ބައިވަރު ކަންތައްތައް ހަމަ ރަނގަޅުކުރަން ހުންނާނެ، ކިތަންމެ ރަނގަޅަށް ނަތީޖާ ނިކުތަސް ރަނގަޅުކުރަން ހުންނާނެ އެއް މެއްޗަށްވުރެ އަނެއް މެޗަށް. ދެން އަޅުގަނޑަށް މިހާރު ހުރިހާ ޓީމުތަކެއްގެ މެޗުތައް ބަލާއިރު ކޮންމެ ޓީމެއްވެސް ފެށި މެޗަށްވުރެ ސްޓްރޯންގް ވަމުން އަންނަނީ މެޗަކަށްވުރެ މެޗެއް. ދެން އަޅުގަނޑު ޓީމަށް ބަލާއިރު މިއަދު ތަންކޮޅެއް މުހިންމު ދެ ކުޅުންތެރިން ތަންކޮޅެއް ބަލިވެގެން ޓްރެއިނިންގ ގަ ބައިވެރި ނުވެވުނީމަ މިއަދު މެޗަކަށް ނުގެނެވުނު. ނަމަވެސް އަނެއްހެން އޯވަރޯލްކޮށް ބަލައިފިއްޔާ މިއަދު ދިހަ ޕްލޭޔަރުންނާ އެކީގަ ގޯހެއް ނޫން ދެއްކި ޕަރފޯމަންސް." ފައްރާހު ބުންޏެވެ.

އޮޑި ސްޕޯޓްސް ކުލަބުން އިއްޔެގެ މެޗުގެ ދެވަނަ ހާފު، އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހިފައިވަނީ، ފުރަތަމަ ހާފު ނިމެންދަނިކޮށް ޓީސީ ކުޅުންތެރިއަކު އޮޑީގެ ޢަލީ އައިހަމަށް ފައުލްކުރުމުން، ރެފްރީ ފައުލަށް ގޮއްވާފައި ވަނިކޮށް ފައުލްކުރި ކުޅުންތެރިޔާ ގައިގައި ކުޅުމުގެ ބޭރުން ޖެހުމުންނެވެ.

އިއްޔެގެ މެޗުން އޮޑި ސްޕޯޓްސް ކުލަބް މޮޅުވެފައިވަނީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ޖެހި ހަމައެކަނި ގޯލު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުޒަމް ރަޝީދެވެ. މިއާއެކު އޮޑި ސްޕޯޓްސް ކުލަބުން ވަނީ ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު، ވަގުތީގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ނަމަވެސް ރޭ ކުޅުނު މެޗުން މާޒިޔާ ހޯދި ބޮޑު މޮޅާއެކު ފައިދާ ގޯލުގެ ތަފާތުން މިހާރު އެއްވަނައި އޮތީ މާޒިޔާއެވެ.