ސްރީ ލަންކާގެ ޖަލެއްގައި ޤައިދީންތަކެއްގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތިލުންތަކެއްގައި، މިހާތަނަށް 25 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
ނިގޮމްބޯގައި ހުންނަ އެ ޖަލުގައި ހަމަނުޖެހުން ހިނގީ، ޖަލަށް ޙުކުމްކޮށްފައިވާ ޤައިދީންތަކަކާއި ވަގުތީ ބަންދުގައި ތިބި ބައެއްގެ މެދުގައި ކަމަށް، ލަންކާގެ ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުންތަކުގައި 100 މީހުން ޒަޚަމްވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް، މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސަބަބެއް ސީދާ ސާފުނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، ޖަލުގައި ހަމަޖެހުން ޤާއިމުކުރުމުގެ މަސައްކަތާއެކު މަރުވި އަދި އަނިޔާވި މީހުންގެ ސީދާ ޢަދަދު ދެނެގަތުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ހަމަނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިފައިވާކަމަށް އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
ނަމަވެސް، ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި ސިފައިން އަދި ޙަރަކާތްތެރިނުވާ ކަމަށާއި، ނަމަވެސް ތައްޔާރީ ޙާލަތުގައި ތިބިކަމަށް އޭނާ ވިދާޅުވިއެވެ.
ލަންކާގެ ޓީވީތަކުން ފެންނަ މަންޒަރުތަކުން، ޖަލުގެ ވަށައިގެން ބަންދުކޮށް، ގިނަ ޢަދަދެއްގެ ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.