ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުންދިޔަ ސެންޑްރޯ ޓޮނާލީ ޓޮޓްނަމް ހޮޓްސްޕަރގެ ރެކޯޑް ފީއަކަށް އެ ކްލަބަށް ސޮއިކޮށްފި އެވެ.
އިޓަލީއަށް އުފަން އުމުރުން 26 އަހަރުގެ ޓޮނާލީ ޓޮޓްނަމް އަށް ސޮއިކޮށްފައިވަނީ 100 މިލިއަން ޕައުންޑްގެ ފީއަކަށް ކަމަށް މީޑިޔާ ރިޕޯޓްތައްވަނީ ބުނެފަ އެވެ.
ޓޮނާލީ ހޯދުމަށް ޓޮޓްނަމް އިން ފުރަތަމަ 80 މިލިއަން ޕައުންޑްގެ ބިޑެއް ހުށައެޅި ނަމަވެސް އެ ބިޑު ނިއުކާސަލް އިން ވަނީ އަނބުރާ ފޮނުވާލާފަ އެވެ. ނަމަވެސް ފަހުން ޓޮޓްނަމް އިން ވަނީ އެ އަދަދު 92.5 މިލިއަން ޕައުންޑަށް އިތުރުކޮށް, އޭގެ އިތުރުން އެޑްއޮންގެ ގޮތުގައި 7.5 މިލިއަން ޕައުންޑް ދޭން އެއްބަސްވެ ޓޮނާލީގެ ސޮއި ހޯދާފަ އެވެ.
ޓޮނާލީ ޓޮޓްނަމް އަށް ސޮއިކޮށްފައިވާއިރު މީގެ ކުރިން އެ ކްލަބުން ވަނީ 85 މިލިއަން ޕައުންޑްގެ ފީއަކަށް ވެސްޓް ހޭމް އިން މެތިއުސް ފެނާންޑޭޒްގެ ސޮއިވެސް ހޯދާފަ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ރެލިގޭޝަނުން ކިރިޔާ ސަލާމަތްވި ޓޮޓްނަމް އިން ކުރިއަށް އޮތް ސީޒަން ފެށެންވާއިރަށް އެ ޓީމު ވަރުގަދަ ކުރުމަށްޓަކައި ދަނީ ބޮޑު އަގުގައި ކުޅުންތެރިންތަކެއް ހޯދަމުންނެވެ.
އިޓަލީގެ އޭސީ މިލާނަށް ކުރިން ކުޅުނު ޓޮނާލީ ބެޓިންގެ ގަވާއިދާއި ހިލާފުވުމުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މީގެ ކުރިން އޭނާ 10 މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.