ހަމަ ރަނގަޅަށް އެމެރިކާ ކަޓުވާލާ، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލުން ބެލްޖިއަމް ޖާގަ ހޯދައިފިއެވެ.
ކްއާޓާ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ފުރުޞަތު ބެލްޖިއަމް އިން ހޯދީ އެމެރިކާގައި 4-1 ން އެމެރިކާ ބަލިކޮށްގެންނެވެ. ކެވިން ޑިބުރޭނާ އަށް ފުރަތަމަ އެގާރައިން ފުރުޞަތު ނުދީ، ލުކަކޫ އާއި ޑޮކޫ އަށްވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ފުރުޞަތު ދިން މެޗުގެ ކޮންމެ ހާފެއްގައި ބެލްޖިއަމްއިން ދެ ލަނޑު ޖެހިއެވެ.
ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު ޖެހީ ޑި ކަޓަލާރޭ އެވެ. ފުރަތަމަ ލަނޑު ނުވަވަނަ މިނިޓްގައި ރަސްކިން އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ އެއް ޓަޗުން ގޯލަށް ފޮނުވާލައިގެން ކާމިޔާބުކޮށް ނަގައިދިން ލީޑް، އެމެރިކާއިން ގެއްލުވާލިއެވެ. އެއީ 31 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުން ޓިލަމަން ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. ބޯޅަ ގޯލަށް ވަންއިރު ކީޕަރު ކޯޓުއާ ހުރީ ހުއްޓުން އަރާފައެވެ.
އެކަމަކު އެހިތްހަމަ ޖެހުން އެމެރިކާއަށް ލިބުނީ އެންމެ ތިން މިނިޓެވެ. 33 ވަނަ މިނިޓްގައި ޑި ކަޓަލާރޭ އޭނާގެ ދެވަނަ ލަނޑު ޖެހިއެވެ. ޓްރޮސާޑް އަރިމަތިން ނަގައިދިން ހުރަސް ގޯލް އޭރިޔާ ރޮނގުމަތިން ގޯލަށް ފޮނުވާލީ ބޮލުންނެވެ.
ދެވަނަ ހާފް ފަށައިގެން ބެލްޖިއަމްއިން ތިންވަނަ ލަނޑެއް ޖެހީ އެމެރިކާ ކީޕަރު މެޓް ފްރީސާ އަށް ހެދުނު ވަރަށް ބޮޑު ގޯހަކުންނެވެ. ބެލްޖިއަމްގެ ފަހަތުން ފޮނުވާލި ބޯޅައެއް ސާފްކޮށްލަން ކީޕަރު މަސައްކަތްކުރީ ޑީއޭރިޔާ ބޭރުންނެވެ.
ކައިރީގައި ހުރި ޑި ކަޓަލާރޭ ބޯޅައަށް މަސައްކަތްކުރި ވަގުތު ގެއްލުނު ބޯޅަ ހުސް ގޯލަށް ފޮނުވާލީ ހަންސް ވަނަކެން އެވެ. ބެލްޖިއަމްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ލުކަކޫ އެވެ. ލުކަކޫ ކުޅެން ނިކުތީ 67 ވަނަ މިނިޓްގައެވެ. މިއީ މުބާރާތުގައި ލުކަކޫ ގެ ތިންވަނަ ގޯލެވެ.
މެޗު ފަށައިގެން ފުރަތަމަ ދެ އެޓޭކް ފެނުނީވެސް ބެލްޖިއަމްގެ ފަރާތުންނެވެ. ޓިމޮތީ ކަސްޓަންޏޭ ފޮނުވާލި ބޯޅަ ގޯލްގެ މަތީ ކަނާ ދިމާއަށް ވަންނަން ދަނިކޮށް ކީޕަރު އަތުން ޖައްސާ ކޯނަރަކަށް ބޭރުކޮށްލިއެވެ.
ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ރަނގަޅު ބޯޅައެއް ޓިއެލެމަންސް އަށް ފައި ޖައްސާނުލެވިގެން ބޭކާރުވިއެވެ. ފުރަތަމަ ހާފް ނިމެނިކޮށް ލުކެބާކިއޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
މެޗުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު އެމެރިކާ ފޯވާޑް ފޮލަރިން ބަލޮގަން އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް ލިބުނު ފުރުޞަތެވެ. އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ކީޕަރު ކޯޓުއާ މަތަކުރިއެވެ.
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑް ދައްކާފައި ވަނިކޮށް، އެކާޑް ސަސްޕެންޑްކޮށް މެޗުގައި ކުޅުމުގެ ފުރުޞަތު އޭނާއަށް ދިނުމުން ގިނަ ފާޑުކިއުންތަކެއް އޮތީ އަމާޒުވެފައެވެ.
އެމެރިކާއިން ދެން ލަނޑެއް ޖަހަން އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ބާހޯލްޓާ އަށެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ.