ޚަބަރު

ފުންފަޅުގޭގެ އަލިފާނުގެ ހާދިސާ: އިންސާނީ އެހީއަށް މިހާތަނަށް 95،000ރ


  • އަލިފާނުގެ ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ރޭ

  • 5ވަނަ ފަންގިލާގައި ރޯވެ އެޕާޓްމަންޓަށް ބޮޑު ގެއްލުމެއްވަނީ ލިބިފައި

  • މިވަގުތު އެންޑީއެމްއޭގެ ބެލުމުގެދަށުގައި ތިބީ 3 އެޕާޓްމަންޓެއްގެ މީހުން

ގ.ފުންފަޅުގޭގެ އަލިފާނުގެ ހާދިސާއާއި ގުޅިގެން، ގެތަކަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އެއޮތޯރިޓީގެ އެހީތެރިކަމުގައި މިވަގުތު ތިބީ އަލިފާން ރޯވި ފަންގިފިލާގެ 3 އެޕާޓްމަންޓްގައި ދިރިއުޅެމުންދިޔަ މީހުންކަމަށެވެ. އަދި މިއަދު އެ އެޕާޓްމަންޓްގެ ވެރިންނާއެކު، އެޕާޓްމަންޓްތައް ބަލައި ލިބުނު ގެއްލުން ދެނެގަތުމުގެ އެސެސްމަންޓް ހަދާނެކަމަށެވެ. އަދި އެއަށްފަހު ލިބުނު ގެއްލުމުގެ އަންދާޒާތައް ހަދާ، އެގެތަކަށް ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ދޭނެކަމަށެވެ.

އަލިފާން ރޯވީ ފުންފަޅުގެ 5ވަނަ ފަންގިފިލާގެ އެއް އެޕާޓްމަންޓްގައެވެ. ދެން ހިމެނޭ އެޕާޓްމަންޓްތަކަށް ދުމުގެ ނުވަތަ ގެނދަބުޅީގެ އަސަރު ވަނީ ކޮށްފައެވެ. އެތަންތަން ސާފުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގީ އާދީއްތަ ދުވަހުގެ ރޭ 22:50 ހާއިރުއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ގަޑިއެއްހާއިރުތެރޭ އަލިފާން ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އަލިފާނުގެ ސަބަބުން ސީދާ ގެއްލުމެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން ގިނަ ބަޔަކު ޞިއްޙީ އެހީތެރިކަން ހޯދާފައިވެއެވެ.

ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗުން ވަނީ ފަރުވާދީފައެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން 3 މީހަކަށް ވަނީ ފަރުވާދީފައެވެ.

އަލިފާނުގެ މިހާދިސާއާ ގުޅިގެން، އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް ދެ ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާކަމަށެވެ. އަލިފާން ރޯވި 5 ވަނަ ފަންގިފިލާގެ ތިން އެޕާޓްމަންޓްގައި ދިރިއުޅޭ 16 މީހަކަށް، ފަސް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ޖުމްލަ 109 މީހުންނަށް އަސަރުކުރި މި ހާދިސާގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95،000ރ (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުވެފައިވާކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ދުމާއި ގެދަބުޅި ސާފުކޮށް ސިއްޚީގޮތުން ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހު އަލުން އެތަންތަނަށް ބަދަލުވުމަށް ދެދުވަސްވަރު ހޭދަވާނެ ކަމަށެވެ. އަދި ރޯވި އެޕާޓްމަންޓް ތަކަށް މީހުންނަށް ބަދަލުވެވޭނީ މަރާމާތުކޮށްގެންކަމަށްވެސް އެއޮތޯރިޓީން ވިދާޅުވިއެވެ.