ރާއްޖޭގެ 129 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތައް ޤާއިމުކޮށް އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ކުނި މެނޭޖްކުރާއި މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލްގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު މުރުތަޟާ ވިދާޅުވީ، ކުނިމެނޭޖްކުރާ މަރުކަޒުތައް ނިންމުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. މީގެ ތެރޭގައި ފައިނޭންސްގެ ދަތިތަކާއި، މަރުކަޒުތަކުގެ ލޮކޭޝަން ބަދަލުކުރަން ޖެހުންފަދަ މަަސައްކަތް ހިމެނޭކަމަށް ވިދާޅުވިއެވެ. މިގޮތަށް ލޮކޭޝަން ބަދަލުކުރާއިރު އިތުރު ޚަރަދުތަކެއް ހިނގާކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤައިމްކުރަމުންދާއިރު މިފަދަ މައްސަލަތަކާއެކު ބައެއް މަސައްކަތްތައް ލަސްވެފައިވާކަމަށް މުރުތަޟާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމަށް ހަވާލުކޮށްފައިވާ 129 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އަންނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި އެމްޓީސީސީ، ފެނަކަ، އާރްޑީސީ އަދި ވެމްކޯއާއި ހަވާލުކޮށްފައިވާ 110 ރަށަކާއި، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައިވާ 19 ރަށެއް ހިމެނެއެވެ.
"ލޮކޭޝަން ބަދަލުކުރީމަ އައު ކުނިކޮށްޓެއްގެ ކޯސްޓް އެ އަންނަނީ. ލޮކޭޝަން ބަދަލުކޮށްފައި އަޅުގަނޑުމެން އަލުން ޑިޒައިން ކުރީމަ ކޯސްޓް އެބަ އަރާ 3.5 ނުވަތަ ހަތަރު މިލިޔަނަށް. އެގޮތަށް ރިކުއެސްޓެއް އައިމަ އަޅުގަނޑުމެން އެބަ ޖެހޭ އެ ކޯސްޓް އަޅުގަނޑުމެން ހޯދާނީ ކިހިނެއް ތޯ ބަލަން." އަޙްމަދު މުރުތަޟާ ވިދާޅުވިއެވެ.
އަޙްމަދު މުރުތަޟާ ވިދާޅުވީ ރަށު ފެންވަރުގެ ނިޒާމުތައް ތަރައްޤީކުރުމަށް މަސައްކަތުގެ ދަށުން 28 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކޮށް ނިމިފައިވާކަމަށެވެ. އަދި 82 ރަށަކަށް ކުނި މެނޭޖްކުރާ އާލާތްތައް ފޯރުކޮށްދީފައިވާކަމަށެވެ. ކާދު ހަދާ ޓެކްނޮލޮޖީ 6 ރަށެއްގައި އިންސްޓޯލްކޮށް ކައުންސިލްތަކާއި ހަވާލުކޮށްފައިވާއިރު 92 ރަށަކަށް ކުނި އުފުލުމަށް ވެހިކަލް ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަށާޖެހޭ ނިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަތޮޅުތަކުގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުތަކާއެކު، ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.