ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 64 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ސިންގަލްސް، ޑަބަލްސް، މިކްސްޑް ޑަބަލްސް އަދި ޓީމް އިވެންޓްތައް ހިމެނޭހެންނެވެ. އެގޮތުން މުބާރާތުގައި ވާދަކުރެވޭނެ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް، 19 އަހަރުންދަށެވެ. މީގެ އިތުރުން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ އިތުރުން ވެޓަރަންސް ކެޓަގަރީއިންވެސް މިމުބާރާތުގައި ވާދަކުރެވޭނެއެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގެ ޕްރޮސްޕެކްޓަސް އާއި އެއް ކަރުދާސްކޮށްފައިވާ އެންޓްރީ ފޯމް ފުރިހަމަކުރުމަށްފަހު އައިޑީކާޑުގެ ކޮޕީއާއެކު، ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ހުށަހެޅުއްވުމަށް އެއެސޯސިއޭޝަނުން އެދެއެވެ.
64 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 2 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ މާލޭ ޓީޓީ ހޯލުގައެވެ.