ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބެލްޖިއަމް ޓީމުގެ މެދުތެރެއަށް ކުޅޭ އަމަޑޫ އޮނާނާގެ ކަކުލަށް ލިބުނު އަނިޔާއާއެކު މިފަހަރުގެ ވޯލްޑް ކަޕްގައި އިތުރަށް އޭނާ ނުފެންނާނެކަން ޔަގީންވެއްޖެއެވެ.
އުމުރުން 24 އަހަރުގެ އޮނާނާއަށް އަނިޔާވެފައިވަނީ ފަހު 16 ޓީމުގެ ބުރުގައި މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ އެމެރިކާ އާއި ބައްދަލުކުރި މެޗުގެ 21 ވަނަ މިނެޓްގައެވެ. އެމެރިކާގެ ކްރިސްޓިއަން ޕުލިސިޗް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ލިބިގެންދިޔަ އަނިޔާ އާއެކު އޭނާ ވަނީ ދަނޑު މަތީ ފަރުވާ ދިނުމަށްފަހު ބާލާފައެވެ. އަދި މެޗު ނިންމާފައި އޭނާ ފެނިގެންދިޔައީ ދަނޑިގަނޑުގެ އެހީގައި ހަރަކާތްތެރިވަމުން ދިޔަ ތަނެވެ.
ބެލްޖިއަމް ޓީމުގެ ޑޮކްޓަރ ބްރަހީމް ހޮސޭން ބުނީ އޮނާނާއަށް ލިބިފައިވި އަނިޔާ ބެލުމަށްޓަކައި ހެދި ޓެސްޓް ތަކުގެ ނަތީޖާ ރަނގަޅު ނޫން ކަމަށެވެ. މިގޮތުން ޓެސްޓް ތަކުގެ ނަތީޖާ ދައްކާ ގޮތުން އޮނާނާގެ ކަނާއަތު ކަކުލުގެ ލިގަމަންޓަށް ވަނީ އަނިޔާވެފައެވެ. އަދި މިކަން މިހާރު އޮނާނާގެ އިތުރުން އޭނާ ކުޅޭ އިންގްލިޝް ޕްރިމިއަރ ލީގުގެ ކްލަބް އެސްޓަންވިލާއަށްވެސް އެންގިފައިވާނެކަމަށް ހޮސެން ބުންޏެވެ. އަދި އޮނާނާއަށް ފަރުވާ ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތެއް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކަނޑައެޅި އެއާއި އެއްގޮތަށް އޭނާގެ ފަރުވާގެ ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަށް ބެލްޖިއަމް ޓީމުގެ ޑޮކްޓަރ މައުލޫމާތުދެއެވެ.
ބެލްޖިއަމް ޓީމުން މާއުލޫމާތުދިން ގޮތުގައި އޮނާނާއަށް އަނިޔާވި ނަމަވެސް ކުއާޓަރ ފައިނަލްގައި ބެލްޖިއަމް ޓީމާއެކު އޮނާނާ ހުންނާނެއެވެ. އެމެރިކާގެ މައްޗަށް 4 ލަނޑު އެއް ލަނޑުން ހޯދި ކާމިޔާބީ އާއެކު މިއަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓަރ ފައިނަލް މެޗުގައި ބެލްޖިއަމް ނިކުންނާނީ ސްޕެއިން އާއި ދެކޮޅަށެވެ. އޭސީއެލްއަށް ލިބޭ އަނިޔާ ތަކުގައި އާންމުކޮށް 6 މަހާއި 9 މަހާއި ދެމެދުގެ މުއްދަތަކަށް ކުޅުމާއި ދުރަށްދާން ޖެހެއެވެ. ނަމަވެސް އޮނާނާ ކުޅުމާއި ދުރަށްދާން ޖެހޭނެ މުއްދަތެއް އެނގިގެންދާނީ އޭނާގެ ފަރުވާ ފެށުމާއެކުއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އޮނާނާވަނީ މިޞްރާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އިރު ނިއުޒީލަންޑާއި ސެނެގާލް އާއި ދެކޮޅަށް ކުޅުނު ދެމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފައެވެ. 2024 ވަނަ އަހަރު އެވަޓަން އިން ވިލާއަށް ބަދަލުވި އޮނާނާވަނީ އެޓީމަށް މިހާތަނަށް 38 މެޗު ކުޅެދީފައެވެ.