ޕެނަލްޓީގައި ކޮލަމްބިއާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ސްވިޒަރލެންޑް ޖާގަ ހޯދައިފިއެވެ.
ގަދަ ސޯޅަ ޓީމްގެ ބުރުގައި މިދެޓީމް ވާދަކުރި މެޗުގެ 90 މިނިޓާއި، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައިވެސް ލަނޑެއް ނުޖެހުނެވެ.
އެހެންކަމުން ކުއާޓަރ ފައިނަލްގައި ޗެމްޕިއަން އާޖެންޓީނާއާ ވާދަކުރާނެ ޓީމެއް ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ސްވިޒަރލެންޑް ކުރި ހޯދީ 4-3 ނެެވެ. މުޅި މެޗުގައިވެސް ރަނގަޅަށް ކުޅުނު ކޮލަމްބިއާ މުބާރާތުގައި ބަލިވި ފުރަތަމަ މެޗާއެކު މުބާރާތުން ކެޓީ ސްވިޒަރލެންޑަށް ނަސީބުގެ އެހީވެސް ވެގެންނެވެ.
މެޗުގައި ކޮލަމްބިއާއިން ޕެނަލްޓީތައް ކާމިޔާބުކުރީ ހުއާން ކުއަންޓޭރޯ އާއި ކެމްޕާޒް އާއި ލުއިސް ޑިއޭޒް އެވެ. ނާކާމިޔާބުވީ ޑެވިންސަން ސަންޗޭޒް އާއި ކުޗޯ ހެނާންޑޭޒްގެ ޕެނަލްޓީ އެވެ.
ކުޗޯ ހެނާންޑޭޒްގެ ޕެނަލްޓީ ސްވިޒް ކީޕަރު ކޫބެލް މަތަކުރިއެވެ. ޑަވިންސަން ސަންޗޭޒްގެ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ.
ސްވިޒަރލެންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ޝަކާ އާއި ޒެކީ އަމްދޫނީ އާއި ސެޑްރިކް އިޓެން އާއި ރުބެން ވާގަސްް އެވެ. ސްވިޒަރލެންޑުން އުފާފާޅުކުރީ ވާގަސްގެ ޕެނަލްޓީ ކާމިޔާބުކުރުމަށްފަހުއެވެ. ޑިފެންޑަރ އަކަންޖީގެ ޕެނަލްޓީ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ.
މިއީ ވަރލްޑްކަޕެއްގެ ނޮކްއައުޓް ބުރުގެ ދެ މެޗު ސްވިޒަރލެންޑުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި 1954 ވަނަ އަހަރުގެ ފަހުން ވަރލްޑް ކަޕް ކުއާޓަރ ފައިނަލަށް ސްވިޒަރލެންޑް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ޕެނަލްޓީ ޖަހައިގެން ވަރލްޑްކަޕް މެޗެއް ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.