ޚަބަރު

100 މެޗަށްފަހު ވޯލްޑް ކަޕުގައި ތިބޭނީ ކޮން 4 ޓީމެއްބާ؟


  • ކުއާޓަރ ފައިނަލް މެޗުތައް ފެށިގެންދާނީ ފަރަންސޭސީން އާއި މޮރޮކޯގެ މެޗުން

އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ޖޫން މަހުގެ 11 ވަނަ ދުވަހު 48 ޓީމާއި އެކު ފެށި ފީފާ ވޯލްޑް ކަޕްގެ ތާރީހީ މުބާރާތުގައި މިހާރު ބާކީ 8 ޓީމު އޮތް އިރު 40 ޓީމު މިވަނީ އެނބުރި ރަށަށް ގޮސްފައެވެ. ސެމީ ފައިނަލްގެ 4 ޖާގައަށް 8 ޓީމެއް ވާދަކުރާއިރު މީގެތެރޭގައި ފީފާ ރެންކިންގގެ އެންމެ ކުރީގައި އުޅޭ ހަތަރު ޓީމު ވަނީ ހިމެނިގެން ގޮސްފައެވެ.

މިހާރު އުފެދޭ ސުވާލުތައް ބައިވަރެވެ. އާޖެންޓީނާއަށް ވޯލްޑް ކަޕްގެ ތަށި ދިފާއު ކުރެވިދާނެތަ؟ އުތުރު އަދި މެދުތެރޭ އެމެރިކާގައި ބާއްވާ ވޯލްޑް ކަޕެއްގެ ތަށި ޔޫރަޕްގެ ޓީމަށް ކާމިޔާބު ކުރެވިދާނެތަ؟ ނޫނީ ވޯލްޑް ކަޕްގެ ތަށި ގަދަ ބާރެއްގެ ބަދަލުގައި މުޅިން އާ ޓީމަށް އުފުލާލެވިދާނެބާ؟ ނަމަވެސް މިފަހަރު މިބަލާލަނީ 100 މެޗަށްފަހު ވޯލްޑް ކަޕުގައި ދެމި ތިބޭނީ ކޮށް 4 ޓީމެއްބާ؟ މިސުވާލަށެވެ.



ފަރަންސޭސިވިލާތާއި މޮރޮކޯގެ ކުރިމަތިލުން – ބޮސްޓަން ސްޓޭޑިއަމް – 10 ޖުލައި 2026

މިފަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގެ މެޗުތައް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފަރަންސޭސިވިލާތާއި މޮރޮކޯގެ ކުރިމަތިލުމުން ފެށިގެންދާނެއިރު 2022 ވަނަ އަހަރުގެ މުބާރާތުގެ ސެމީފައިނަލްގެ ހަނދާންތައް މިވަނީ އާވާން ފަށައިފައެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަހޯދި އެފްރިކާގެ ފުރަތަމަ ޓީމުގެ ހައިސިއްޔަތުން ވަރަށް އުއްމީދާއެކު ކުޅެމުންދިޔަ މޮރޮކޯ ޓީމުގެ ދަތުރަށް ހުއްޓުން ގެނުވީ ތަށި ދިފާއު ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ފަރަންސޭސި ޓީމުންނެވެ.

ހަތަރު އަހަރު ފަހުން މިފަހަރުގެ ވޯލްޑް ކަޕްގެ ކްއާޓަރ ފައިނަލްގައި މިދެޓީމު ބައްދަލުކުރުމަށް ތައްޔާރުވަމުން އަންނައިރު ގިނަ ބަދަލުތަކެއް މިވަނީ އައިސްފައެވެ. މޮރޮކޯ ޓީމުގައި މިހާރު ތިބީ 2022 ވަަނަ އަހަރުގެ ޓީމުން 9 ކުޅުންތެރިންނެވެ. އަދި ފަރަންސޭސީންނާއި ދެކޮޅަށް ފެށި ފުރަތަމަ އެގާރައިގެ ތެރެއިން އެންމެ ފަހުން ކެނެޑާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވާދަކޮށްފައިވަނީ ހަތަރު ކުޅުންތެރިންނެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ އިތުރުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ގެންގޮސްދިން ކޯޗު ވާލިދު ރެގްރަގޫއީގެ ބަދަލުގައި އެމަގާމަށްވަނީ މުހަންމަދު އުއަހްބީ އައްޔަން ކުރެވިފައެވެ. 32 ޓީމުގެ ބުރުގައި ނެދަލަންޑްސް އާއި ދެކޮޅަށް ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު އެމެޗުގައި މޮރޮކޯއަށް އެއްވަރު ކުރެވިފައިވަނީ އިތުރު ވަގުތުގައެވެ.

ފަހު 16 ޓީމުގެ ބުރުގައި މުބާރާތް ބާއްވާ އެއް ޤައުމުކަމުގައިވާ ކެނެޑާ އާއި ބައްދަލުކުރި މެޗު 3 ލަނޑު ސުން ލަނޑުން ކާމިޔާބު ކުރި ނަމަވެސް ފުރަތަމަ ހާފުގައި ކެނެޑާގެ ޕްރެޝަރާއި ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުމުގެ އިތުރުން އެޓީމުގެ މުހިންމު ފޯވަޑް އިސްމާއީލް ސައިބާރީއަށްވަނީ އެމެޗުގައި އަނިޔާވެފައެވެ.

މިފަހަރުގެ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު މިހާރު ބުނަމުންދާ ފަރަންސޭސި ޓީމަށް ބަލާލާއިރު ފުރަތަަމަ މެޗުގެ ފުރަތަމަ ހާފުގައި ސެނެގާލްގެ ކައުންޓަރ އެޓޭކްތަކާއި ދެކޮޅަށް މައްސަލަ ކުރިމަތިވިއެވެ. ނަމަވެސް ސެނެގާލްއަށް އެކަމުގެ ފައިދާ ނުނެގުނު އިރު އޭގެ ފަހުން ފަރަންސޭސީން ފެނިގެން ގޮސްފައިވަނީ އެއްވެސް މައްސަލައެއް ކުރިމަތިވުމެއް ނެތި މެޗަކަށްފަހު މެޗެއް ކާމިޔާބު ކުރާ ތަނެވެ.

9 ޕޮއިންޓާއެކު ގްރޫޕް މަރުހަލާ ނިންމާލާ 32 ޓީމުގެ ބުރުގައި ސްވިޑްން ފަސޭހަ ކަމާއެކު ބަލިކުރިއިރު ފަހު 16 ޓީމުގެ ބުރުގައި ޕެރަގުއާއީ މައްޗަށް ކުރި ހޯދިތަން ފެނިގެންދިޔައީ ގިނަ އުނދަގުލާއެކުއެވެ.

މިމެޗުގައި ފަރަންސޭސީންގެ އުންމީދުތައް ބިނާވެގެންދާނީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ފޯވަޑް ލައިން ކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ކިލިއަން އެމްބާޕޭ، މައިކަލް އޮލީސޭ، އުސްމާން ޑެންބެލޭ އަދި ޑިޒައިރޭ ޑޫއޭ ނުވަތަ ބްރެޑްލީ ބާކޯލާގެ ޕާޓްނަރޝިޕްގެ މައްޗަށެވެ. އަދި މޮރޮކޯގެ އުންމީދަކަށް ވެގެންދާނީ އެޓީމުގެ ކީޕަރ ޔަސީން ބޯނޯ އާއި ޑިފެންސް ލައިން ފޫއަޅުވާނުލެވޭ ވަރަށް ވަރުގަދަ ވުމުގެ އިތުރުން ލިބޭ ފުރުސަތު ތަކުގައި އެޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން އެކަމުގެ ފައިދާ ނެގުމުގެ މައްޗަށެވެ.

މިކަން ކާމިޔާބު ކުރެވިއްޖެނަމަ މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު ހައިރާންކަން މޮރޮކޯއަށް ގެނެވިގެން ދިއުމުގެ ފުރުސަތު އޮތް އިރު އެކަން އެހެން ނުވެއްޖެނަމަ ފަރަންސޭސީން ސެމީ ފައިނަލުން ނުފެންނާނެ ގޮތެއް ވެގެންދިއުން ވާނީ ނާދިރު ކަމަކަށެވެ.

ސްޕެއިން އާއި ބެލްޖިއަމްގެ ކުރިމަތިލުން – ލޮސް އެންޖަލިސް ސްޓޭޑިއަމް – 12 ޖުލައި 2026

ގްރޫޕް މަރުހަލާގެ ފުރަތަމަ ދެމެޗަށްފަހު ބެލްޖިއަމް މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި ވާދަކުރާތަން ފެނިގެންދާނެކަމަށް ގަބޫލް ކުރާނެ މީހަކު އެޤައުމުގައިވެސް މަދުވާނެއެވެ. މިގޮތުން ފުރަތަމަ މެޗުގައި މިޞްރާއި ފަހަތުން އަރާ އެއްވަރު ކުރިއިރު އީރާން މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ.

އެޓީމަށް ފަހު 32 ޓީމުގެ ބުރުން ޖާގަ ލިބިގެންދިޔައީ ނިއުޒީލަންޑްގެ މައްޗަށް ހޯދި ކާމިޔާބީއާ އެކުއެވެ. ސެނެގާލް އާއި ބައްދަލުކުރި ދެވަނަ ބުރުގެ މެޗުގެ ފަހު 4 މިނެޓަށް ވެފައިވީއިރު ބެލްޖިއަމް އޮތީ 2 ލަނޑު ސުން ލަނޑުން ފަހަތުގައެވެ.

ނަމަވެސް އެޓީމުގެ ތަޖްރިބާކާރު ފޯވަޑް ރޮމެލޫ ލުކާކޫ ކާމިޔާބު ކޮށްދިން ލަނޑާއި ކެޕްޓަން ޔޫރީ ޓިއެލެމަންސް ކާމިޔާބު ކޮށްދިން ލަނޑުން މެޗު އެއްވަރުކޮށް މިމެޗު ކާމިޔާބު ކޮށްފައިވަނީ އިތުރު ވަގުތުގެ ކުޅުން ނިމެން 5 މިނެޓަށް ވެފައިވަނިކޮށް ލިބިގެންދިޔަ ޕެނަލްޓީ އަކުންނެވެ. އަދި ފަހު 16 ބުރުގެ މެޗު ވެގެންދިޔައީ ދަނޑުން ބޭރުގެ ނިންމުމަކާއި ގުޅިގެން ގިނަ ބަޔެއްގެ ސަމާލުކަން އެމެޗަކަށް ލިބިގެންދިޔަ މެޗަކަށެވެ. ނަމަވެސް މިމެޗު މާބޮޑު އުނދަގުލަކާއި ނުލާ ބެލްޖިއަމް އިން ވަނީ އެމެރިކާ ބަލިކޮށްފައެވެ.

ނަމަވެސް ކްއާޓަރ ފައިނަލްގައި ބެލްޖިއަމްއަށް އެއްވެސް ވަރަކަށް ފަސޭހަ ވާނެކަމަކަށް ނުބެލެވެއެވެ. މިމެޗުގައި ބެލްޖިއަމް އާއި ކުރިމަތިލާ ސްޕެއިން ޓީމު ކޮޅަށް މިހާތަނަށް މިމުބާރާތުގައި ލަނޑެއް ވަދެފައެއް ނުވެއެވެ. މިގޮތުން ސްޕެއިން އިން ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު 6 މެޗުގައި ބައިކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ.

މިއީ ވޯލްޑް ކަޕްގައި އާ ރިކޯޑެކެވެ. ނަމަވެސް ސްޕެއިންގެ ވެސް ފެށުން ދިޔައީ އެޓީމުން އެންމެ ބޭނުންވިގޮތަކަށް ނޫނެވެ. ކާބޯ ވާޑޭ އާއި ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް އޭގެ ފަހުން އެޓީމުން ފަސް އެނބުރި ބަލާފައެއް ނުވެއެވެ.

ފަހު 16 ޓީމުގެ ބުރުގައި ޕޯޗުގަލް އާއި ބައްދަލުކުރި މެޗު އިތުރު ވަގުތަށް ހިނގައިދާނެ ކަމަށް ބެލެވުނު ނަމަވެސް ބަދަލު ކުޅުންތެރިޔާ މިކޭލް މެރީނޯވަނީ އިތުރު ވަގުތުގައި ލަނޑެއް ޖަހާ ކްއާޓަރ ފައިނަލްގެ ޖާގައެއް ކަށާވަރު ކޮށްދީފައެވެ.

ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ 38 މެޗުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކެވިން ޑި ބްރުއިނަރ ބެންޗުގައި ބައިންދައިގެން އެމެރިކާ މެޗު ކުޅެ ކާމިޔާބީ ހޯދި ނަމަވެސް 1986 ވަނަ އަހަރުގެ މުބާރާތުގެ ކްއާޓަރ ފައިނަލުން ސްޕެއިން ކަޓުވާލާ ބެލްޖިއަމް އިން ސެމީ ފައިނަލްގެ ޖާގައެއް ހޯދި ހޯދުން ތަކުރާރު ކުރާނަމަ އެޓީމަށް ޑި ބްރުއިނަރ ބެންޗްގައި ބޭންދުމަށް ވުރެ ގިނަ ކަންތައްތައް އެޓީމާއި އެއްކޮޅަށް ދާން ޖެހޭނެއެވެ.

އިންގްލަންޑާއި ނޯވޭގެ ކުރިމަތިލުން – މައޭމީ ސްޓޭޑިއަމް – 12 ޖުލައި 2026

މިމެޗު ވެގެންދާނީ މިފަހަރުގެ މުބާރާތުގައި ރަން ބޫޓަށް ވާދަކުރާ ދެ ކުޅުންތެރިއެއްގެ ފުރަތަމަ ކުރިމަތިލުމަށެވެ. ގްރޫޕް މަރުހަލާގައި ނޯވޭ އާއި ފަރަންސޭސިވިލާތް ބައްދަލުކުރި މެޗުގައި އެފަދަ ކުރިމަތިލުމެއްް ފެނިގެންދާނެކަމަށް ބެލެވުނު ނަމަވެސް ނޯވޭގެ ކޯޗު ސްޓާލް ސޮލްބަކެންވަނީ އެފުރުސަތު ގެއްލުވާލައިފައެވެ.

މިމެޗަށް ނިކުންނައިރު ނޯވޭގެ ފޯވަޑް އާލިންގ ހާލަންޑް ވަނީ ގްރޫޕް މަރުހަލާފައި އިރާގާއި ސެނެގާލް އާއި ބައްދަލުކުރި ދެމެޗުގައިވެސް 2 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ގްރޫޕް މަރުހަލާގެ ފަހު މެޗުގައި ފަރަންސޭސީންނާއި ދެކޮޅަށް އޭނާ ނުކުޅުއިރު ރަން ބޫަޓަށް ލަނޑު އިތުރު ކުރުމަށް ގެއްލިގެން ދިޔަ ފުރުސަތުގެ ބޭނުން އޭނާވަނީ 32 ޓީމުގެ ބުރުގައި ކޯޓެޑިއުއަރ ކޮޅަށް ޖެހި ލަނޑާއި ފަހު 16 ޓީމުގެ ބުރުގައި ބްރެޒިލް ކޮޅަށް ޖެހި ދެ ލަނޑާއެކު ހިފައިފައެވެ. އަދި ރަން ބޫޓަށް ކުރާ ވާދައިގާ ހާލަންޑް އުޅެނީ އެއްވަނައިގާ އުޅޭ ލިއޮނެލް މެސީއަށް ވުރެ އެއް ލަނޑު ފަހަތުން ތިން ވަނައިގައެވެ. އެއީ އެމްބާޕޭ އާއި އެކު 7 ލަނޑު ކާމިޔާބު ކުރެވި ނަމަވެސް އެސިސްޓައް ބަލާއިރު އެމްބާޕޭއަށް ކުރި ލިބޭތީއެވެ.

ނޯވޭ އާއި ދެކޮޅަށް މިމެޗުގައި ނިކުންނަ އިންގްލަންޑް ޓީމުގެ ކެޕްޓަން އަދި ފޯވަޑް ހެރީ ކޭން އުޅެނީ 6 ލަނޑުގައެވެ. އޭނާވަނީ ގްރޫޕް މަރުހަލާގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ ކޮޅަށް 2 ލަނޑު ޖަހާ އަދި ޕެނަމާ ކޮޅަށް އެއް ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި 32 ޓީމުގެ ބުރުގައި ކޮންގޯ އަތުން މޮޅުވިއިރު އެޓީމުގެ ދެ ލަނޑު ކޭން ޖަހައިދިންއިރު ފަހު 16 ޓީމުގެ ބުރުގައި މެކްސިކޯ ކޮޅަށް އޭނާވަނީ ޕެނަލްޓީ އަކުން 6 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.

ކޭން އާއި ހާލަންޑް އަކީ އެއްގޮތް ގިނަ ކަންތައްތަކެއް ހިމެނޭ ދެ ކުޅުންތެރިންނެވެ. މިގޮތުން ޖުލައި މަހު ހަފްތާއެއްގެ މުއްދަތުން އުފަންދުވަސް ތަފާތުވާ މިދެކުޅުންތެރިންވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ރަން ބޫޓު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުުރުން ޖަރުމަނު ބުންޑެސްލީގާގައި ކާމިޔާބީ ހާސިލް ކޮށްފައެވެ.

މިދެ ކުޅުންތެރިން މީގެކުރިން ވާދަކޮށްފައިވަނީ ދެ ފަހަރުއެވެ. 2022-2023 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި ދެމެޗަށް ބަޅާއިރު ކޮންމެ ކުޅުންތެރިޔަކުވަނީ އެއް މެޗު ކާމިޔާބު ކޮށް އެއް ލަނޑު ކާމިޔާބު ކޮށްފައެވެ.

އެހެން ކަމުން މިކުރިމަތިލުން މިހާރުވެސް އަންނަނީ މިދެ ކުޅުންތެރިންގެ ކުރިމަތިލުމެއްގެ ގޮތުގައި ބުނެވެމުންނެވެ. އަދި މިމެޗުގައި މިދެ ކުޅުންތެރިންގެ ފަރާތުން ލަނޑު ފެންނާނެކަމަށް ބެލެވިފައިވާއިރު މިމެޗުގައި ކުރި ހޯދާ ޓީމަކަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ރަން ބޫޓަށް އިތުރަށް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އާޖެންޓީނާ އާއި ސްވިޓްޒަލަންޑްގެ ކުރިމަތިލުން – ކެންސަސް ސިޓީ ސްޓޭޑިއަމް – 13 ޖުލައި 2026

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ނޮކް އައުޓް ދެ މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔަ ކުޅުމަކީ ޗެމްޕިއަނުންގެ ފަރާތުން ފެންނަ ކަހަލަ ކުޅުމެއް ކަމަށެވެ. ކާބޯ ވާޑޭ އާއި މިޞްރު 3 ލަނޑު 2 ލަނޑުން ވަރަށް އުނދަގުލުން ބަލިކޮށް ކްއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ސްވިޓްޒަލަންޑާއި ދެކޮޅަށް ނިކުންނައިރު އަނެއްކާވެސް އެފަދަ ކުރިމަތިލުމެއް ފެނިގެން ދިއުމަކަށް ނޭދޭނެއެވެ.

މީގެތެރެއިންވެސް މިޞްރާއި ބައްދަލުކުރި މެޗު ނިމެން 11 މިނެޓަށް ވެފައިވީއިރު އާޖެންޓީނާ އޮތީ 2 ލަނޑު ސުން ލަނޑުން ފަހަތުގައެވެ. މިމެޗުގައި އާޖެންޓީނާއަށް އެންމެ ބޮޑު އުނދަގުލެއް ކުރިމަތި ކުރުވާފައިވަނީ އެއް ފަޅިން ކުޅެމުންދިޔަ ހައިސެމް ހަސަންއެވެ.

އޭނާވަނީ އެވެރެޖް އުމުރެއްކަމަށްވާ 30 އަހަރާއި 173 ދުވަހުގެ މައްޗަށް އެކުލެވިގެންވީ އާޖެންޓީނާގެ ޑިފެންސަށް ގިނަ އުނދަގޫ ތަކެއް ކުރިމަތި ކުރުވާފައެވެ. މިއީ ވޯލްޑް ކަޕްގެ މެޗެއްގައި އާޖެންޓީނާއިން ނެރުނު ދެވަނައަށް އެންމެ ދުވަސްވީ ޓީމެވެ.

މިމެޗުގައި އާޖެންޓީނާއަށް ކުރެވޭ އުންމީދު ކާމިޔާބީ އަކަށް ކުރެވޭނެއިރު ސްވިޓްޒަލަންޑުން އަނެއްކާވެސް އާޖެންޓީނާއަށް ކައުންޓަރ އެޓޭކްގައި ނުރަންކާކުރުމަށް ވިސްނާނެކަން ޔަގީނެވެ. އަދި ފަހު 16 ޓީމުގެ ބުރުގައި އަނިޔާގެ ސަބަބުން ކޮލޮމްބިއާ އާއި ދެކޮޅަށް ނުކުޅެވުނު ޔޮހާން މަންޒަމްބީ މިމެޗަށް ފިޓްވެ އޭނާގެ ހަލުވި ކުޅުމުގެ ބޭނުން ހިފޭނެކަމަށް އެޓީމުން އުންމީދު ކުރާނެއެވެ.

މަންޒަންބީ މިމުބާރާތުގައި ތިން ލަނޑު ޖަހައިދީ އެއް އެސިސްޓް ކޮށްފައިވާއިރު ރުބެން ވާގާސް ވެސް ވެގެންދާނީ އާޖެންޓީނާއަށް ހުރި ނުރައްކަލަކަށެވެ.

މިމެޗާއި ކުރިމަތިލާއިރު އާޖެންޓީނާއިން ކެންސަސް ސިޓީގައި ކޭމްޕް ޖަހާފައިވާއިރު އެޓީމުން ކެންސަސް ސިޓީ ސްޓޭޑިއަމްގައި މިހާތަނަށް ދެމެޗުވަނީ ކުޅެފައެވެ. އަދި ސްވިޓްޒަލަންޑަށް ބަލާލާއިރު އެޓީމުން މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކުޅެފައިވަނީ އުތުރު އެމެރިކާގެ ހުޅަނގު ފަޅީގައެވެ. އަދި ވަކިން ހާއްސަކޮށް އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ކުޅެފައިވަނީ ވެންކޫވަރގެ ބީސީ ޕްލޭސް ގައި ކަމުން ކެންސަސްގައި ކުޅެން ޖެހޭ މެޗަށް ހޭނެން އާޖެންޓީނާއަށް ވުރެ އުނދަގޫ ވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.

މިމެޗަށް ސްވިޓްޒަލަންޑް ނިކުންނައިރު މިއީ 1954 ވަނަ އަހަރަށް ފަހު ކްއާޓަރ ފައިނަލުން ޖާގަ ހޯދުނު ފުރަތަމަ ފަހަރު ކަމުން އެޓީމާއި މެދު ކުރާ އުންމީދު އެހާ ބޮޑު ނުވުމުން މިމެޗުގައި އެޓީމަށް މާބޮޑު ޕްރެޝަރެއް ނެތި ކުޅެވޭނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުމަށް ހަމަޖެހިފައިވާ 104 މެޗުގެ ތެރެއިން 100 މެޗު ކުޅެ ނިމޭއިރު މި 8 ޓީމުގެ ތެރެއިން މުބާރާތުގައި ދެމި ތިބެވެނީ ކޮށް 4 ޓީމަކަށް ކަމެއް އެނގިގެންދާނެ