މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސާކް ޤައުމުތަކުގެ މެދުގައި ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ރާއްޖެއަށް ވަޑައިގެންނެވި މަންދޫބުންނަށް މަރުޙަބާ ދަންނަވައި، ސަރަޙައްދީ އެއްބާރުލުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، އައު އީޖާދީ ގޮތްތައް ބޭނުންކުރުން މުހިންމު ކަމަށެވެ. މިކަންކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއާއި، އިޤްތިޞާދީ ތަނަވަސްކަން ކަށަވަރުކޮށްދޭ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި ސާކް ސަރަޙައްދީ މަޝްވަރާ ބައްދަލުވުމުގައި، ސާކުގެ މެންބަރު ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެން މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރައްވައި، މިދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ތަރައްޤީކުރުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، އައިޔޫޔޫ ފިޝިންގ (ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން) އާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ތިމާވެށީގެ ނިޒާމުތައް ހަލާކުވުން ފަދަ އާންމުކޮށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރަޙައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށް ޚިޔާލު ބަދަލުކުރުމަށް ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓަށް ވަނުމުގެ ފުރުސަތުތަކާއި، ކާބޯތަކެތީގެ ޔަޤީންކަމާއި ބެހޭގޮތުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ކުރިއެރުވުމަށްވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ޚާއްޞަކޮށްގެން ކޮންމެ ޤައުމަކަށް ޚާއްޞަ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމާއެކު، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.