ކުޅިވަރު

ވާބީ ހުއްޓައި މޮރޮކޯ ބަލިނުވުން، ފްރާންސް ކަންބޮޑުވާ ކަމެއް


މޮރޮކޯގެ ކޯޗުކަމާ މުހައްމަދު ވާބީ އެ ގައުމުގެ ކޯޗުކަމާ ހަވާލުވީ އެފްރިކާ ކަޕުން ކެޓުމުންނެވެ. އޭނާގެ ކޯޗުކަމުގައި މޮރޮކޯ މިހާތަނަށް ބަލިވެފައި ނުވެ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ވޯލްޑް ކަޕުގެ ގަދަ އަށެއްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު މިއީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯންގެ ވިސްނުމުގައިވާ މުހިންމު ކަމެކެވެ.

އަނެއްކޮޅުން ބްރެޒިލް ވިދިވިދިގެން ތިން ފަހަރު ވޯލްޑް ކަޕުގެ ފައިނަލަށް ދަތުރު ކުރި ފަހުން އެކަން ކުރެވުނު އެހެން ބަޔަކު ނެތެވެ. ނަމަވެސް ފްރާންސަކީ މި ރެކޯޑް ވައްޓާލެވިދާނެ ބައެއް. އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގެ ފައިނަލްގައި ވެސް ކުޅުނު ގައުމަކީ އެއް ފެންވަރެއްގެ ތިން ޓީމު ވެސް ނެގޭނެހާ މޮޅު ކުޅުންތެރިން ތިބި ޓީމެކެވެ. މިވާހަކަ ނުދެއްކި ނަމަވެސް ފްރާންސްގެ އުއްމީދަކީ ވެސް ބްރެޒިލްގެ މި ރެކޯޑާ އަރާ ހަމަހަމަކުރމެވެ، އެކަމަކު އެކަން ކުރެވޭނީ މިރޭގެ މެޗު ކާމިޔާބު ކޮށްގެންނެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސުން، މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު ހަނދާނަށް ގެންނަންވީ މީގެ ހަތަރު އަހަރު ކުރި. ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ވާދަ ކުރީ މި ދެ ގައުމެވެ. މިހާރު ވެސް ދެ ޓީމުގައި ވެސް ގިނައިން އެ ތިބީ އޭރު ވެސް ތިބި ކުޅުންތެރިންނެވެ.

ފްރާންސްގެ ކޯޗު ޑެޝޯންގެ ނަޒަރުގައި މިރޭގެ މެޗަށް އޭނާގެ ޓީމު ވަރަށް ފުރިހަމަ އަށް ތައްޔާރުވާން ޖެހެނީ މިފަދަ ބައެއް ސަބަބުތަކާހުރެ އެވެ. ފްރާންސްގެ މިހާރުގެ ޓީމު އޭރަށްވުރެ ވަރުގަދަ އެވެ. އޭރާ އަޅާ ބަލާއިރު މޮރޮކޯގެ މިހާރުގެ ފެންވަރާމެދު ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް ގިނަ ބައެއްގެ ނަޒަރުގައި މިރޭގެ މެޗަކީ ފްރާންސަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާނެވެ. ސްވިޑްން އާއި ޕެރެގުއޭ ބަލިކޮށް ގަދަ އަށްކަށް ދަތުރުކުރި ފްރާންސް ޓީމަކީ މިހާތަނަށް މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވާ ޓީމެވެ. އެކަމަކު ދުނިޔޭގެ ތަޖުރިބާކާރުންގެ ނަޒަރުގައި މޮރޮކޯ އަކީ ފްރާންސް މިހާތަނަށް ކުޅުނު ކުޅުނު ހުރިހާ ޓީމުތަކަށްވުރެ މާ ފުރިހަމަ ޓީމެކެވެ. ވަކިވަކި ކުޅުންތެރިންނާއި ރޭވުންތެރިކަމާއި، ހުނަރާއި ތަޖުރިބާ އަށް ބެލި ނަމަވެސް މޮރޮކޯ އަކީ ފްރާންސަށް ހިރިވެސް ނުލެވޭވަރު ކޮށްލުމުގެ ގާބިލްކަން ލިބިފައިވެ އެވެ.

ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އޮސްމާނޭ ޑެމްބެލޭ އާއި މިކޭލް އޮލީސޭ އާއި ބާކޯލާ ފަދަ ކުޅުންތެރިންނާއެކު ފްރާންސްގެ އެޓޭކް ކިތަންމެ ވަރުގަދަ ނަމަވެސް މޮރޮކޯ އަކީ ޓީމެއްގެ ގޮތުގައި މި ކުޅުންތެރިން ހުއްޓުވަން އެނގޭނެ ބައެކެވެ. މުބާރާތުގައި އެ މީހުން ވަނީ މިހާތަނަށް އެކަން ސާބިތު ކޮށްދީފައި. ހާއްސަކޮށް ދިފާއަށް އިސްކަންދީފައި ކައުންޓަ އެޓޭކްގައި މޮރޮކޯ ދައްކާދީފައިވަނީ އެހެން ކުރިހާ ޓީމަކަށްވުރެ އެމީހުންނަކީ ފެންވަރު ހުރިކެނެވެ.
ފްރާންސްގެ ތަޖުރިބާ އާއި ވަކިވަކި ކުޅުންތެރިންގެ ހުނަރުގެ ސަބަބުން މި މެޗަކީ މޮރޮކޯ އަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު އިމްތިހާނެވެ. މީގެ ހަތަރު އަހަރު ކުރިން އެ މީހުން ފްރާންސާ ދެކޮޅަށް ނުކުތީ މޮޅުވެ ފައިނަލަށް ދަތުރު ކުރުމަށެވެ. އެކަމަކު މި ފަހަރުގެ ޓީމުގެ އެ އިތުބާރު އޮތް މިންވަރު ކުޑަކަމަށް ދެކެ މީހުން ވެސް މަދެއްނޫނެވެ.

މި މެޗަށް ކޯޗު ޑެޝޯން ކަންބޮޑުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ ވޯލްޑް ކަޕުގައި މިހާތަނަށް ފްރާންސަށް މި ފަހުން އެންމެ ގިނައިން ލަނޑު ދީފައިވާ ބަޔަކީ އެފްރިކާގެ ޓީމުތަކެވެ. ސެންގާލް ފެށި މި ދަތުރުގައި ފްރާންސް ވަނީ މިހާތަނަށް އެފްރިކާގެ ތިން ގައުމެއްގެ އަތުން ބަލިވެފައިވެ އެވެ. ނަމަވެސް އެއީ ޑެޝޯން ދެކޭ ގޮތުގައި އިދިކޮޅު ޓީމާމެދު ރަނގަޅަށް ފަރުވާތެރިވެގެން އޭނާގެ ކުޅުންތެރިން ތިބެފިނަމަ ސެމީ ފައިނަލަށް ދަތުރުކުރުން ދަތިވެގެން ނުވާނެ އެވެ. އަނެއްކޮޅުން އެންމެ ފަހުންގެ އެފްރިކާ ކަޕުގައި އަމިއްލަ ގައުމުގައި ދިމާވި ހިތްދަތިކަމަކީ މޮރޮކޯގެ ފެންވަރު ނޫން ކަމަށާއި ފުޓްބޯޅައިގައި ޕްރެޝަރާއެކު ވެސް އެ މީހުންނަށް ކުރިއަށް ދެވިދާނެކަން ސާބިތު ކޮށްދޭން މޮރޮކޯ ވެސް އެއޮތީ ހިމޭން އިންތިޒާރެއްގަ އެވެ.