ޚަބަރު

އދ.ދިއްދޫ ފުޓްސަލް ދަނޑު ހުޅުވައިފި


  • މަޝްރޫޢަށް 1.74 މިލިޔަން ރުފިޔާ ޚަރަދުވި

  • މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީން

  • ދިއްދޫ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢެއް

އަރިއަތޮޅު ދެކުނުބުރީ ދިއްދޫގައި ގާއިމްކުރި ފުޓްސަލް ދަނޑު ހުޅުވައިފިއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރި މިދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މި ރަސްމިއްޔާތުގައި ދަނގެތީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ރަޝީދާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު މުބީން، އެރަށު ކައުންސިލްގެ ރައީސް އަނީސް މުހައްމަދު، އަދި ކައުންސިލްގެ މެމްބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

1.74 މިލިޔަން ރުފިޔާ ޚަރަދުވި މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ ބިންގަނޑު އެއްވަރުކުރުން، ލައިޓް ޕޯސްޓް ހަރުކުރުން، ގޯލް ޕޯސްޓް ހެދުން، ބެންޗް ހެދުން، ދަވާދުލުމުގެ މަސައްކަތުގެ އިތުރުން ޓާރފް އެޅުމުގެ މަސައްކަތެވެ.

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެކުވެރިކަމުގެ ފުޓްސަލް މެޗެއްވެސް އެ ދަނޑުގައި ވަނީ ކުޅެފައެވެ.

ދިއްދޫގައި އަލަށް ގާއިމުކުރެވިގެން މިދިޔަ ފުޓްސަލް ދަނޑަކީ ރަށުގެ ކުޅިވަރަށް ލޯބިކުރާ އެންމެހާ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. 234 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫއަށް އަލަށް އިތުރުކުރެވުނު މި ދަނޑާއެކު ރަށުގެ ކުޅިވަރުގެ ތަރައްގީއަށް ގިނަ ކުރިއެރުންތަކެއް އަންނާނެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރާއި ގުޅުންހުރި ވަސީލަތްތައް ގާއިމްކޮށްދެވުމަށް ސަރުކާރުން އަންނަނީ ހަލުވިދުވެލީގައި ގިނަ މަސައްކަތްތަކެއްކޮށްދެއްވަމުންނެވެ. ރާއްޖޭގެ އާބާދީއަކީ ހެލިވެ ފެލިވެ އުޅޭ، ކަސްރަތަށް ލޯބިކުރާ އާބާދީއަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލްވެ ލައިފްސްޓައިލްގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކާއި ދުރު ތަނަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ދަނޑުތަކާއި ކޯޓުތަކާއި ޓްރެކްތަކުގެ އިތުރުން އައުޓްޑޯ ޖިމްތައްވެސްދަނީ ގާއިމުކޮށްދެއްވަމުންނެވެ.