ޚަބަރު

ވެލެންސިއާ މިނީ ވޯލްޑް ކަޕް ފެސްޓުގައި ބައިވެރިވުމުގެ ފުރުސަތު


  • މި ފެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް އެބައޮތް

  • ވޯލްޑް ކަޕް ނިމެންދެން ހަރަކާތް ކުރިއަށްދާނެ

މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ފޯރި އާލާކުރުމަށް ވެލެންސިއާ އެކެޑަމީއިން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ.

ވެލެންސިއާ މިނީ ވޯލްޑްކަޕް ފެސްޓްގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ވޯލްޑްކަޕް ނިމެންދެން ކުރިއަށްދާނެއެވެ. ވޯލްޑްކަޕްގެ މެޗުތައް ކުޅޭ ކޮންމެ ދުވަހަކު މި ހަރަކާތް ބާއްވާއިރު، އުމުރުން 4 އަހަރާއި 15 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް ވެލެންސިއާ އެކެޑަމީއިންވަނީ މައުލޫމާތުދީފައެވެ.

މިމަހުގެ 9 ވަނަ ދުވަހު ވެލެންސިއާ މިނީ ވޯލްޑްކަޕް ފެސްޓް ފަށާފައިވާއިރު، ވޯލްޑްކަޕުގެ މެޗުތައް އޮންނަ ކޮންމެ ދުވަހަކު އެދުވަހު ވާދަކުރާ ޓީމުތަކެއްގެ ޖާޒީގައި ވެލެންސިއާ މިނީ ވޯލްޑްކަޕް ފެސްޓްގެ މެޗުތައް ކުޅެލަން އައުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސްވަނީ ހުޅުވިފައެވެ. މިމެޗުތައް ކުޅޭނީ ހުޅުމާލޭ ފޭސް 1 ގެ ޓްރީޓޮޕް ހޮސްޕިޓަލްއާއި އިންވެގެން އޮންނަ ގްރައުންޑް 5 ގައެވެ.

ވެލެންސިއާ އެކަޑަމީއިން މިފަދަ ފެސްޓެއް ބޭއްވުމުގެ މަގްސަދަކީ ވޯލްޑްކަޕުގެ ފޯރި ކުޑަކުދިންގެ މެދުގައި އާލާކޮށް، އުފާވެރި މަޖާ މާހައުލެއްގައި ފުޓުބޯޅަ ކުޅެލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ހަރަކާތުގެ ސަބަބުން ކުދިންގެ މެދުގައި އެކުވެރިކަން ބަދަހިވެ، ޓީމް ވޯކް ވަރުގަދަވާނެކަމަށް ވެލެންސިއާ އެކަޑަމީއިން ބުނެއެވެ.