މާލޭގެ މަގުތައް ތޮއްޖެހިފައިވާ މައްސަލައާއި ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ވަނީ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި އޮފީހެއް އުފައްދާފައެވެ. ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެކެވެ. ގަވަރނިންގ ބޯޑު އެކުލަވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މި އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ސެޝަނެއް ކުރިއަށްގެންގޮސްފައެވެ. މި ސެޝަންގައި ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ އެ އޮފީސް އުފައްދަވާ މާލޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައާއި ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
ވަޒީރު ވިދާޅުވީ މި ބޮޑު މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވާ ރިސޯސް ލިބެން ހުރިކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި އަވަހަށް ކުރަންޖެހޭ ކަންކަން ދެނެގަނެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ އެންމެ އިސްކަންދެއްވާ 11 ކަމެއް ހިއްސާކުރައްވާފައެވެ. އަދި އެކަން ކަން ތަންފީޒް ކުރުމަށްޓަކައި ފުޅާދާއިރާއެއްގައި މަޝްވަރާކޮށް އެކި މުއައްސަސާތަކާއި ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭނަމަ އެކަން ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިކަމަށް ދެކޮޅު ޖެހޭ ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، އާބާދީއާ އެއްވަރަށް އުޅަނދުފަހަރުގެ އަދަދުވެސް އަންނަނީ އިތުރުވަމުން. މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދާފައިވަނީ."އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
މި ބޮޑު މަޝްރޫޢަކީ 11 ދާއިރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރައްވައި، ވަޒީރު ސައީދު ވިދާޅުވީ މީގައި ކަމާބެހޭ އެކި މުއައްސަސާތަކުގެ ބައިވެރިވުން ހިމެނޭ ކަމަށެވެ. އެގޮތުން އެ ވުޒާރާގެ އިތުރުން، ފުލުހުންނާއި އެޗްޑީސީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އިތުރުން މާލެ ސިޓީ ކައުންސިލުންވެސް ބައިވެރިވާނެކަމަށެވެ.
- ލެޖިސްލޭޓިވް ރީފޯރމް
- ޑިޖިޓަލައިޒޭޝަން އޮފް ޓްރާންސްޕޯޓް ސަރވިސް
- ޕަބްލިކް އެވެއަރނަސް
- ރޯޑް މޭކިން އެންޑް ޓްރެފިކް ސައިން
- ޓްރެފިކް ފްލޯ އިމްޕްރޫވްމަންޓު
- ޓްރެފިކް މެނޭޖްމަންޓު ސެންޓަރ
- ޕާކިން ސޮލިއުޝަން
- ޕަބްލިކް ޓްރާންސްޕޯޓް އެންޑް ސްޕެޝަލް ބަސް ރޫޓް
- އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ސިސްޓަމް
- ވެހިކަލް ރި-ލޮކޭޝަން އެންޑް ޑިސްޕޯސަލް ފެސިލިޓީ
- އާރބަން ޕްލޭނިން އެންޑް ސިޓީ މެނޭޖްމަންޓު
މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވުމުގެ ސަބަބުން ދިމާވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދުމަށް އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމަށް ކަމާބެހޭ ފަރާތްތަކަށް މި އޮފީހުން ލަފާދިނުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުމުގައި އިސްދައުރެއް މިއޮފީހުން އަދާކުރާނެއެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި 254,557 މީހުން ދިރިއުޅެމުންދެއެވެ. އަދި މި ސަރަހައްދުގައި ބޭނުންކުރާ އުޅަނދުފަހަރުގެ އަދަދު 131,689 އަށް އަރާއިރު، މާލެ ސަރަހައްދުގެ 82 އިންސައްތަ ބޭނުންކުރެވެނީ އުޅަނދުފަހަރު ޕާކުކުރުމަށާއި ދުއްވުމަށެވެ. މީހުންނަށް ހިނގާބިނގާވެ އުޅުމަށް ބޭނުންކުރެވެނީ ބާކީ އޮތް 18 އިންސައްތަ
ސަރަހައްދެވެ.