މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު ދަށްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މެއިމަހާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި މީހުންގެ އަދަދު މަދެވެ. މޭއި މަހު ޑެންގީގެ 794 ކޭސް ރިޕޯޓް ކޮށްފައިވާއިރު، ޖޫން މަހު 652 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާނަމަ މޭއި މަހު 179 ކޭސް އަދި ޖޫން މަހު 168 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
އެހެނިހެން ބަލިތަކަށް ބަލާއިރު، ޖޫން މަހު އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތަކުގެ އަދަދު ވަނީ ދަށްވެފައެވެ. މި އަހަރުގެ މޭއި މަހު އަރިދަފުސް ރޯގާގެ 40،457 ކޭސް އަދި ޖޫން މަހު 34،877 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މޭއި މަހު 39،317 ކޭސް އަދި ޖޫން މަހު ރިޕޯޓްކޮށްފައިވަނީ، 33،156 ކޭހެވެ.
މީގެ އިތުރުން މިދިޔަ ޖޫން މަހު އިންފްލުއެންޒާއަށް ޓެސްޓު ކުރި 451 މީހުންގެ ތެރެއިން 142 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މޭއި މަހު ޓެސްޓް ކުރި 1،035 މީހުންގެ ތެރެއިން 681 މީހުން ބައްޔަށް ޕޮޒިޓިވްވިއެވެ. މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓު ކުރި 2،694 މީހުންގެ ތެރެއިން 999 މީހުން ބައްޔަށް ޕޮޒިޓީވްވެފައިވެއެވެ.
މި އަހަރުގެ މޭއި މަހާއި އަޅާބަލާނަމަ ޖޫން މަހު ބޭރަށް ހިންގުމުގެ ކޭސްތައް ވެސް ވަނީ ދަށްވެފައެވެ. މޭއި މަހު ބޭރަށް ހިންގުމުގެ 4،726 ކޭސް ރިޕޯޓް ކޮށްފައިވާއިރު، ޖޫން މަހު ރިޕޯޓް ކުރީ 4،442 ކޭހެވެ. މިދިޔަ އަހަރުގެ މޭއި މަހު ބޭރަށް ހިންގުމުގެ 4،494 ކޭސް އަދި ޖޫން މަހު 3،950 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
އެޗްޕީއޭއިން ވަނީ، އަރިދަފުސް ރޯގާއާއި ކޮވިޑު ފަދަ ބަލިތަކާއި ޑެންގީއިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިރުޝާދު ދެއްވާފައެވެ. އަދި ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރު ހިއްކުމާއި، ބޮަލަށް އެނބުރުން އެރުމާއި، މާބޮޑަށް ވަރުދެރަވުމުގެ އިތުރުން ކުޑަކަމުދެވޭ މިންވަރު މަދުވުމާއި، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭ ހޮޑުގައި ލޭހުރުމާއި، ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރުކުރުން އަދި އާދަޔާއި ޚިލާފަށް ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އެ އިދާރާއިން އެދެއެވެ. އަދި ހޮޑުލުމާއި، ބޭރަށް ހިންގުން ޖެހިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެ އިދާރާއިން އިރުޝާދު ދެއްވައެވެ.