ޚަބަރު

ހިޔާ 8ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް


  • އަލިފާން ރޯވީ އެޕާޓްމެންޓެއްގެ ބަދިގޭގައި

  • އެ ސަރައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައި

ހިޔާ ފްލެޓްގެ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުގެ އޮފިޝަލަކު ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު އެންޑީއެމްއޭއަށް ލިބިފައިވަނީ 01:27ގައި ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި އަލިފާން ރޯވެފައިވަނީ، ހިޔާ ފްލެޓުގެ 8 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްގެ ބަދިގޭގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރޯވި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް އެ ސަރައްދުގައި ވަރަށް ބޮޑަށް ދުމުގެ އަސަރު ހުރި ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށް މައުލޫމާތުލިބެއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށްވާއިރު، ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެ ސަރަހައްދުގައި ދުމުގެ އަސަރު ހުރި މިންވަރަށް ބެލުމަށްފަހު ވަގުތީގޮތުން އެތަނުގައި ދިރިއުޅޭ މީހުންނަށް އިތުރު ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ޖެހޭނަމަ އެ ހާލަތަށް އެ އިދާރާއިން ތައްޔާރުވެފައިވާ ކަމަށްވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ރޭވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. ހުޅުމާލެ 100 ނަމްބަރު ފްލެޓުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ކައްކަން އުދާފައި ހުރި ތެއްޔެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ.