ޚަބަރު

އާކްއާއި ވައިޓަލް ކެއަރ ގުޅިގެން ހެލްތު ސްކްރީނިން ޕްރޮގްރާމެއް


  • ޕްރޮގްރާމު ބޭއްވީ ކުޅުދުއްފުށި ސިޓީއާއި ނޮޅިވަރަންފަރުގައި

  • 250 ކުދިންގެ ހެލްތު ސްކްރީނިން ކުރިއަށް ގެންގޮސްފައިވޭ

އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކާއި ވައިޓަލް ކެއަރ މޯލްޑިވްސްއިން ގުޅިގެން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ކުޅުދުއްފުށި ސިޓީ އަދި ހދ. ނޮރިވަރަންފަރު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 250 ކުދިންގެ ހެލްތު ސްކީރިންގ ކުރިއަށް ގެންގޮސްފައިވެއެވެ.

ވައިޓަލް ކެއަރއިން ބުނީ، މި ހަރަކާތަކީ ރާއްޖޭގެ ކުޑަކުދިންގެ ސިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދެ މުއައްސަސާގެ ދެމެދުގައި ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ކުރިޔަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށެވެ.

މި ސްކްރީނިންގ ޕްރޮގްރާމުގައި ކުޅުދުއްފުށި ސިޓީގެ ޖަލާލުއްދީން ސްކޫލުގެ 179 ދަރިވަރުންނާއި، ނޮޅިވަރަންފަރު ސްކޫލުގެ 75 ދަރިވަރުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގެ ދަށުން ގްރޭޑް 1، 4، 7 އަދި 9 ގެ ދަރިވަރުންނަށް، ތަޢުލީމީ ވުޒާރާގެ މިންގަނޑުތަކާ އެއްގޮތަށް ހެލްތު އެސެސްމެންޓުތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، ކޮންމެ ދަރިވަރަކަށް އެތެރެ ހަށީގެ ބަލިތަކާބެހޭ ޚާއްސަ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ދީފައިވެއެވެ.

ސްކްރީނިންގގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ކޮށްގެން ހޭލުންތެރި ކުރުމުގެ ސެޝަންތަކެއްވެސް ބާއްވާފައިވާ ކަމަށް ވައިޓަލް ކެއަރއިން މައުލޫމާތުދެއެވެ. މި ސެޝަންތަކުގައި އަނގަޔާއި، ދަތުގެ ޞިއްޙަތާއި، ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ނަޒީފް ވަނީ ބެލެނިވެރިންނަށް ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ނިދި ހަމަ ކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި އަދި ސްކްރީން ބޭނުންކުރާ ވަގުތު މަދުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް އަމަލީ އިރުޝާދު ދީފައިވާ ކަމަށްވެސް ވައިޓަލް ކެއަރއިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެޓްމޮސްފިއަރ ފައުންޑޭޝަންގެ އެހީތެރިކަން ލިބިފައިވާއިރު، ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒާއި އެ ރަށު ކައުންސިލުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، އެކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި އަފީފުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް މިފަދަ ސްކްރީނިންގތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އާކް އަދި ވައިޓަލް ކެއަރގެ އަމާޒަކީ، މިފަދަ ހެލްތު ސްކްރީނިންގ ހަރަކާތްތަކާއި، އާކުގެ 'ހީލް' ކެމްޕެއިން ރާއްޖޭގެ އިތުރު ސްކޫލުތަކަށާއި ރަށްރަށަށް ފުޅާކޮށް، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ.