ޚަބަރު

"ކަނޑާލާ މުވައްޒަފުންގެ އަދަދު އޮޅުވާލަނީ ސިޔާސީ މަގުޞަދެއް ހާސިލްކުރަން"


  • ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށް ޕީސީބީއިން ވަނީ އަންގާފައި

  • މުވައްޒަފުން މަދުކުރަނީ ހިންގުން ހަރުދަނާ ކުރުމަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަަދަދުތަކާާ މެދު އިދިކޮޅުން ދައްކަނީ ޚިޔާލީ ވާހަކަތައް ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.

މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން 14،733 މުވައްޒަފުން ކަނޑާލަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. ފައްޔާޒްގެ އިތުރުން އިދިކޮޅު އެހެން ފަރާތްތަކުން ވެސް އެފަދަ ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.

އެކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތަރުޖަމާން ވިދާޅުވީ އެ އަދަދުތަކުގައި އެއްވެސް ހަޤީގަތެއް ނެތްކަމަށާއި އެއީ ޚިޔާލީ އަދަދުތަކެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް އެމްޑީޕީން ސައްޙަ އަދަދުތަކާއި، މައުލޫމާތުތަކަށް ބިނާކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އާއްމުން ޖަޒުބާތުގައި ޖައްސަން މަސައްކަތްކުރާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، ކުންފުނިތަކުގެ އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ސަރުކާރުން މަސައްކަތް ފެށީ އާއްމުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ތަރުޖަމާން ވިދާޅުވީ އެމްޑީޕީއިން ސަރުކާރާއި ދެކޮޅަށް ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރަމުންކަމަށާއި، އެގޮތުން އެންމެ ފުރަތަމަ ދެއްކީ ގެދޮރުވެރިކަމާއި ގުޅުންހުރި ވާހަކަތައް ކަމަށެވެ. އަދި އޭގެ ފަހުން ޑޮލަރުގެ ސިޔާސަތަށް ފާޑުކިއުންތައް އަމާޒުކުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ބޭނުންވާ މަގުސަދު ޙާސިލުވުނުމުން ވަޒީފާއިން މީހުން ކަނޑަމުންދަނީ އާއްމުންނަށް ގެއްލުންވާގޮތަށްކަމަށް ބުނެ ދައްކާ ވާހަކަތައް ފަށާފައިވަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

"އާއްމުންނަށް މިހާރު އެނގޭ އެ ދައްކާ ވާހަކަތައް ދައްކަނީ ހިތުލަފަޔަށްކަން. އެއްވެސް ކަހަލަ ދިރާސާއެއް ހަގީގަތެއް އޮވެގެން ދެއްކި ވާހަކަ އެއް ނޫންއެއީ. ބޭނުމަކީ އާއްމުންގެ މެދުގައި ވައިހިފާނެ ވާހަކަ އެއް ދެއްކުން. މިއުޅެނީ އަސްލު ރެލެވެންޓް ވާންވެގެން، ރެލެވެންސް ގެއްލިދާނެތީ ދައްކާ ވާހަކަ" ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ.

3 މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ވަނީ އަންގާފައެވެ. މިމުއްދަތު ދީފައިވަނީ މިމަހުގެ 13ވަނަ ދުވަހުން ފެށިގެންނެވެ. މި ނިންމުމަކީ، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ޕީސީބީއަށް ދީފައިވާ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. މާލީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އިންސާނީ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރުމަށް އަޅާ ފިޔަވަޅެކެވެ. މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގައި ތަޢުލީމާއި ހުނަރަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު މިހާރަށްވުރެ ހަރުދަނާ ކުރުމަށްވެސް މާލީ ވުޒާރާއިން މީގެކުރިން އަންގާފައިވެއެވެ.