ޚަބަރު

ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް


  • އިންވެސްޓަރުންނާ ރައްޓެހި މާޙައުލެއް ޤާއިމުކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ

  • ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތައް ހިއްސާކުރެއްވި

ދިވެހިރާއްޖެއަކީ ހަލުއިކަމާއެކު ކުރިއަރަމުން އަންނަ، ތަފާތު ދާއިރާތަކުން އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިވެފައިވާ މަންޒިލެއްކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ، ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިޒްނަސް ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ދެއްވި އަހައްމިއްޔަތުކަމަށްޓަކައި ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަފީރު މަހުލޫފު ވިދާޅުވީ، ދެމެހެއްޓެނިވި އަދި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމަށްޓަކައި، ޤާނޫނީ އަދި އިދާރީ އިޞްލާޙުތަކާއެކު، ދެފުށް ފެންނަ، އިންވެސްޓަރުންނާ ރައްޓެހި މާޙައުލެއް ޤާއިމުކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. ޚާއްޞަކޮށް އިންވެސްޓްމަންޓް އޮނިގަނޑު ހަރުދަނާކޮށް، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް މުހިންމު އިޞްލާޙުތަކެއް ތަޢާރަފުކޮށްފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހިއްސާދާރުންނާ ގުޅުވައިދިނުމުގައާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި ތިޔަބޭފުޅުންގެ ފުރަތަމަ މަރުޖިޢެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަދި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީން ޖަޕާނުގެ ވިޔަފާރިވެރިންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދެން." ސަފީރު ވިދާޅުވިއެވެ.

މި ވެބިނާގެ ސަބަބުން ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބައްލަވާއިރު އެމްބަސީއާ ގުޅުއްވުމަށް ސަފީރު ވަނީ ބާރުއަޅުއްވާފައެވެ.

އަންނަ އަހަރަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ. މި ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ފާއިތުވި ދިގު މުއްދަތުގައި ދެޤައުމުގެ ދެމެދުގައި އޮތް ވަރުގަދަ އެކުވެރިކަމާއެކު، ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަހުލޫފު ވިދާޅުވިއެވެ.