ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިރުމަތީ ޤުދުސްގައި ހުރި މަސްޖިދުލްއަޤްޞާގެ މުޤައްދަސް ބިމަށް ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން ގަދަބާރުން ވަދެގަތް މައްސަލަ، ޢަރަބި އަދި އިސްލާމީ އަށް ޤައުމަކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ޖުލައި 23 ވަނަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި، މިޞްރު، އިންޑޮނީޝިއާ، އުރުދުން، ޕާކިސްތާނު، ޤަޠަރު، ސަޢޫދީ ޢަރަބިއްޔާ، ތުރުކީވިލާތް، އަދި އެކުވެރި ޢަރަބި ޢިމާރާތުގެ ޚާރިޖީ ވަޒީރުން ވަނީ ހައްދުފަހަނައެޅި ޔަހޫދީ ވަޒީރުން އިސްވެ ތިބެ، މަސްޖިދުލްއަޤްޞާގެ ބިމަށް ވަދެގަތް މައްސަލަ ކުށްވެރިކޮށް، އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ޖާރިމާ ހިންގާފައި ވަނީ ޔަހޫދީ ސިފައިންގެ ފުރިހަމަ ޙިމާޔަތުގެ ދަށުގައި ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޔަހޫދީންގެ ޢީދެއް ފާހަގަކުރުމުގެ ނަމުގައި ޖުލައި 23 ވަނަ ދުވަހު 4,200 އަށްވުރެ ގިނަ ޔަހޫދީ ވަޒަންވެރިން މަސްޖިދުލްއަޤްޞާގެ ސަރަޙައްދަށް ގަދަބާރުން އަރައިގަތެވެ. މިއީ، މި އަހަރުގެ ތެރޭގައި އަޤްޞާއަށް ވަދެގަނެ، ޖަރީމާ ހިންގާފައިވާ ޔަހޫދީންގެ އެންމެ ބޮޑު ބައިގަނޑެވެ. މި ކަމުގައި އިސްކޮށް އުޅުނީ، ޔަހޫދީ ދައުލަތުގެ ޤައުމީ ސަލާމަތާ ބެހޭ ނިރުބަވެރި ވަޒީރު އިތަމާރް ބެން-ގްވީރެވެ. އޭނާ ވެސް އަޤްޞާގެ ބިމަށް ވަދެގަތީ ޔަހޫދީ ސިފައިންނާއި ފުލުހުންގެ ފުރިހަމަ ޙިމާޔަތާ އެކުގައެވެ. މި ޖަރީމާތައް ހިންގި ވަގުތު، ޔަހޫދީ ސިފައިންނާއި ފުލުހުން ވަނީ، ފަލަސްޠީނުގެ ރައްޔިތުންނަށް އަޤްޞާއަށް ވަނުމަށް ހުރަސް އަޅާފައެވެ. އަދި، ބައެއް މީހުންނަށް ހަމަލާދީފައެވެ.
މި ފަދަ ޖަރީމާތަކުގެ ސަބަބުން ނަފުރަތު އުފެދި، ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށާއި، މިއީ އެ ސަރަޙައްދުގެ ތާރީޚީ އަދި ޤާނޫނީ ޙާލަތު ބަދަލުކުރުމަށް ޔަހޫދީން ހިންގަމުންދާ ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި ޢަރަބި އަދި މުސްލިމް އަށް ޤައުުމުގެ ޚާރިޖީ ވަޒީރުންގެ ބަޔާނުގައި ފާހަގަކުރިއެވެ. އަދި، ބައިތުލްމަޤްދިސްގެ މައްޗަށާއި، އެ ރަށުގައި ހުރި މުސްލިމުންގެ މުޤައްދަސް ބިންތަކުގެ އިތުރުން ނަޞްރާނީންގެ ފައްޅިތަކަށް ބާރުފޯރުވުމުގެ އެއްވެސް ޙައްޤެއް ޔަހޫދީންނަށް ލިބިގެންނުވާ ކަމުގައި ވެސް ބަޔާނުގައި ބުނެފައިވެއެވެ. ޔަހޫދީން ބައިތުލްމަޤްދިސްގެ މައްޗަށް އަތްގަދަކުރީ 1967 ވަނަ އަހަރުއެވެ. އަދި، 1980 ވަނަ އަހަރުން ފެށިގެން ޔަހޫދީން ދަނީ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. އެއީ، ޣައިރުޤާނޫނީ ވެރިކަމެއްގެ ގޮތުގައި 2024 ވަނަ އަހަރު ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އިސްތިޢުމާރީ ބާރުގެ ގޮތުން، މަސްޖިދުލްއަޤްޞާއަށް ވަނުމަށް ފަލަސްޠީނުގެ މުސްލިމުންނަށް ކުރިމަތިކުރަމުންދާ ހުރަސްތައް ނައްތައިލުމަށް ވެސް ބަޔާނުގައި ގޮވައިލާފައިވެއެވެ. މިހާރުގެ ޙާލަތުގެ ދަށުން، މަސްޖިދުލްއަޤްޞާ ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި ވަނީ އުރުދުންގެ ޚާއްޞަ ވަޤުފު އިދާރާއަކަށެވެ. ޔަހޫދީ ވަޒީރުންނާއި ހައްދުފަހަނައެޅި ވަޒަންވެރިންނާއި ގުރޫޕުތަކުން ހިންގާ މި ފަދަ ހަރުކަށި ޖަރީމާތައް ކުށްވެރިކޮށް، މުސްލިމުންގެ މުޤައްދަސް ތަންތަނުގެ ޙުރުމަތް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ގުޅިފައިވާ ބަޔާނުގައި ގޮވައިލާފައިވެއެވެ.