ޚަބަރު

ހަނގުރާމައިގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރުމަށް ބޮޑެތި ހުރަސްތަކެއް


މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެޔޮ އުފުލުމުގައި ބޭނުންކުރާ އެންމެ މުހިންމު ދެ ކަނޑުއޮޅި ކަމަށްވާ ހުރްމުޒް އަދި ބާބުލް މަންދަބުގައި ކުރިމަތިވަމުންދާ ނުރައްކާތަކާ ހުރެ ގަލްފުގެ ގައުމުތަކަށް ތެޔޮ އެކްސްޕޯޓުކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއްޖެއެވެ.

ހަނގުރާމަ ފުޅާވެ، ތެޔޮ އެކްސްޕޯޓުކުރުމަށް ބޭނުންކުރާ މަގުތަކުގައި ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން،، ސަޢުދީ ޢަރަބިއްޔާއިން ވަނީ މިޞްރުގެ ސުވޭޒް ކެނަލް މެދުވެރިކޮށް ތެޔޮ އެކްސްޕޯޓް ކުރަން ފަށާފައެވެ.

މީގެ ކުރިންވެސް ބައެއް ޝިޕްމަންޓްތަކަށް ސުވޭޒް ކެނަލް ބޭނުންކުރި ނަމަވެސް، ސައުދީން ތެޔޮ ބޭރުކުރުމުގައި މައިގަނޑު މަގެއްގެ ގޮތުގައި މި މަގު ބޭނުންނުކުރާތާ މިހާރު ދިހަވަރަކަށް އަހަރު ވަނީ ވެފައެވެ.

1970 އާއި 1980 ގެ އަހަރުތަކުގައި ސަޢުދީން ތެޔޮ މައިގަނޑު ގޮތެއްގައި ތެޔޮ ބޭރުކޮށްފައިވަނީ ކަސްޓަމަރުންނަކީ ޔޫރަޕާއި އެމެރިކާ ކަމަށްވީ ނަމަވެސް، މިހާރު އެންމެ ގިނައިން ސަޢުދީގެ ތެޔޮ ގަންނަނީ އޭޝިޔާގެ ޤައުމުތަކުންނެވެ.

ސުވެޒް ކެނަލް ބޭނުންކުރަން މަޖުބޫރުވުމުގެ ސަބަބުން، އޭޝިޔާގެ ބައްރަށް ދިއުމަށްޓަކައި މުޅި އެފްރިކާ ބައްރު ވަށާލަން ޖެހުމުން، ދަތުރުގެ މުއްދަތަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް އިތުރުވެއެވެ. ކުރިން ސަޢުދީގެ ރަތްކަނޑުގެ ބަނދަރުން ބާބުލް މަންދަބު މެދުވެރިކޮށް ޓައިވާނަށް ދިއުމަށް ނަގަނީ 19 ދުވަހެވެ. ނަމަވެސް، މިހާރު ސުވޭޒް ކެނަލް، މެޑިޓެރޭނިއަން އަދި ޖިބްރޯލްޓާ ހުރަސްކޮށް 'ކޭޕް އޮފް ގުޑް ހޯޕް' ވަށާލާފައި ދިއުމަށް މިހާރު 48 ދުވަސް ހޭދަވެއެވެ.

ދަތުރުގެ މަގަށް އައި މި ބަދަލާއެކު، ހަމައެކަނި ތެލުގެ ޚަރަދުވެސް ވަނީ ދެގުނަވެފައެވެ. ރޮއިޓަރސް ނޫހުގެ ހިސާބުތަކުން ދައްކާގޮތުގައި ކުރިން 1.26 މިލިއަން ޑޮލަރު ހޭދަވި ދަތުރަކަށް މިހާރު 2.87 މިލިއަން ޑޮލަރު ހޭދަވެއެވެ. މީގެ އިތުރުން ސުވޭޒް ކެނަލް ހުރަސްކުރާ ކޮންމެ ފަހަރަކު ފީގެ ގޮތުގައި އިތުރު 1 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.

ސަޢުދީން ގަލްފުގެ ސަރަޙައްދުން ރަތްކަނޑަށް ތެޔޮ ފޮނުވާ މަގު ބަދަލުކުރީ، އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން، މިދިޔަ ފެބުރުއަރީ މަހު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން ނުރައްކާވުމުންނެވެ.

ނަމަވެސް، ޙޫޘީން ރަތްކަނޑުގައި ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެ ސަރަޙައްދުވެސް މިހާރު ވަނީ ނުރައްކާތެރިވެފައެވެ.

ހަކަތައިގެ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ބޮޑެތި ޓޭންކަރުތަކަށް ސުއޭޒް ކެނަލް ހުރަސްކުރެވެނީ، ދެ ބައި ކުޅަ އެއް ބަޔަށް ތެޔޮ ހުސްކުރުމަށްފަހުއެވެ. އެކަމުގެ ސަބަބުން، މެޑިޓެރޭނިއަންއަށް ވަނުމަށްފަހު، ސުމޭދު ތެޔޮ ހޮޅިން އަނެއްކާވެސް ތެޔޮ ބަރުކުރަންޖެހެއެވެ.