ޚަބަރު

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް 4 ބޭފުޅަކަށް


  • 4 ބޭފުޅަކަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަންގެ ޝަރަފު ވަނީ އަރުވާފައި

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގަތް 4 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދިވެހި ދައުލަތުން ދެއްވާ ޢިއްޒަތް ދެއްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ގާނޫނުގެ ދަށުންނެވެ. ދިވެހި ދައުލަތުން މީހުންނަށް ދިނުމަށް ޢިއްޒަތާއި މެޑައްޔާއި ލަޤަބާއި ކުލަ ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވައެވެ. އެގޮތުން ދެއްވާ ޢިއްޒަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތުން ދެއްވާ އެންމެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި އަދި ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޙްތިޔާރުގެ ދަށުން ދެއްވާ ދިވެހި ދައުލަތުގެ ޢިއްޒަތް ހިމެނެއެވެ.

މިއަދު 4 ބޭފުޅަކަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)ގެ ޝަރަފު ވަނީ އަރުވާފައެވެ.

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގަތް 4 ބޭފުޅުން:

ޗަމްޕާ މުހައްމަދު މޫސާ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަކީ، ޒުވާން އުމުރުފުޅުގައިވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ބޭފުޅެކެވެ. ޚާއްޞަކޮށް، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ވަރަށްބޮޑު ޝައުޤުވެރިކަމެއް ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މުޙައްމަދު މޫސާ، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު، ޢާއިލާގެ އެހީތެރިކަމާއެކުގައި، އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރު، ހިންދީބަހާއި، އުރުދޫބަސް ވަރަށް ރަނގަޅަށް ދަސްކުރެއްވިއެވެ. އެއަށްފަހު، ތަފާތު މަސައްކަތްތައް ދަސްކުރެއްވުމުގެ ގޮތުން، ކޮއިންބަތޫރަށް ވަޑައިގެން، އެތާނގެ ބައެއް ކާރުޚާނާތަކުގައި ޚިދުމަތް ކުރައްވައި، އެކިއެކި މަސައްކަތް ދަސްކުރައްވައި، އެކި ރޮނގުރޮނގުން ތަޖުރިބާ ހާސިލު ކުރެއްވިއެވެ.

މުޙައްމަދު މޫސާ އިންޑިއާއިން ކިޔަވައިވިދާޅުވެގެން އެކި މަސައްކަތްތައް ދަސްކުރައްވައިގެން އެނބުރި ރާއްޖެއަށް ވަޑައިގެން، ދަސްކުރެއްވި އެ މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ. މުޙައްމަދު މޫސާ، އިޤުތިޞާދީ އެކިއެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދެވީ، އެ މަނިކުފާނުގެ ހިތްޕުޅުގައި އެކަންކަމަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. އޭގެތެރެއިން ދަނޑުވެރިކަމަކީ، މުޙައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ކުރައްވަން ފެށްޓެވި މަސައްކަތެކެވެ. އަމިއްލަފުޅަށް އެ މަސައްކަތް ފަށްޓަވައި، ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ރާއްޖޭގައި ދަނޑުވެރިކަމުގެ މަސައްކަތް އެކި ފެންވަރުގައި ކުރަމުން ގެންދިޔަ ފަރާތްތަކަށް، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު މުޙައްމަދު މޫސާ ހަމަޖައްސަވައި ދެއްވިއެވެ. މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެ މަނިކުފާނަށް ވަނީ "ތިމާވެށީގެ ފެހިފަތް" ސަރުކާރުން އަރުވައިފައެވެ.

މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެތި އަދި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ. އަދި މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. އަދި އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ބޯޓުޔާޑެއްވެސް ހިންގަވަމުން ގެންދަވައެވެ. މުޙައްމަދު މޫސާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މިހާރުވެސް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރެކެވެ. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެގެން އައުމުގައި މުޙައްމަދު މޫސާގެ ޙިއްޞާ ވަރަށްބޮޑެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އެ މަނިކުފާނު ކުރައްވައިފައިވާ އިންވެސްޓްމަންޓުތަކުގެ މަންފާ މިހާރުވެސް ދިވެހި ޢާއިލާތަކަށް ލިބެމުންދެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފް.އެމް." އާއި، "ދި އެފް.އެމް. ޕްލަސް" ގެ އިތުރުން، "ދި ޓީ.ވީ."ގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ. މުޙައްމަދު މޫސާގެ ޢާއިލީ ފައުންޑޭޝަނެއް ކަމުގައިވާ "ޢަލިފުޅު ތުއްތު ފައުންޑޭޝަން" އިން ވަނީ ކޮންމެ އަހަރަކު ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވުމުގެ އިތުރުން، މުޖުތަމަޢަށް ފައިދާކުރަނިވި ތަފާތު މަޝްރޫޢުތައް ހިންގަވައިފައެވެ. މިގޮތުން، މުޙައްމަދު މޫސާގެ ވިޔަފާރީގެ ދަށުން ހިންގެވި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކުގެ ތެރޭގައި، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެއްވުމާއި، ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުން ހިމެނެއެވެ.

ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" އާއި، "ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް" ޤާއިމު ކުރެއްވުމުގައިވެސް މުޙައްމަދު މޫސާގެ ދައުރު ވަރަށް ބޮޑެވެ. މުޙައްމަދު މޫސާގެ ވިޔަފާރީގެ ބައިވެރިންނާ ގުޅިވަޑައިގެން، އުފެއްދެވި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމުގައިވާ "ޓްރީ ޓޮޕް ހޮސްޕިޓަލް" ރާއްޖޭގައި ޤާއިމުކުރުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު ކުރިއަރައިގެން ދިޔައެވެ.

މުޙައްމަދު މޫސާއަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެރުވީ، 26 ޖުލައި 2013 ގައެވެ. މުޙައްމަދު މޫސާއަށް ލިބިވަޑައިގެންފައިވާ އެހެން އެވޯޑުތަކުގެ ތެރޭގައި، 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި، 2024 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސްގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެއެވެ.

އަލްއުސްތާޘު އިބްރާހީމް ރަޝީދު މޫސާ

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވާފައިވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ވަނީ ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައެވެ. އަދު މިހާރުވެސް އެ ޚިދުމަތުގައި ދެމިހުންނެވި ޢިލްމުވެރި ބޭފުޅެކެވެ. އެމަނިކުފާނުގެ ޚިދުމަތް އެންމެ ފާހަގަވެގެންދަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމާއި، ދީނީ އެކި ފޮތްފޮތް އެކުލަވައިލެއްވުމުގެ ރޮނގުން ކުރައްވައިފައިވާ އަގުހުރި މުހިންމު މަސައްކަތްޕުޅުތަކެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، މިސުރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ފުރަތަމަ އަދާކުރެއްވީ، މަޖީދިއްޔާ ސްކޫލުގެ ހިސާބު މުދައްރިސެއްގެ މަގާމެވެ. އިބްރާހީމް ރަޝީދު މޫސާއަކީ، ހިސާބު ޢިލްމުގެ ރޮނގުން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރައީސްކަމުގެ ވަރަށް ކުރީކޮޅުގައި، ރާއްޖޭގައި އުފެއްދެވި ޢަރަބި އިސްލާމީ ތަޢުލީމުދޭ މަދަރުސާ ކަމަށްވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމުގައި އެމަނިކުފާނުގެ ޙިއްޞާ ބޮޑެވެ. މަޢުހަދު ހިންގެވުމާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި އޭރު އެކަށީގެންވާ ވަރަށް މީހުން ތައްޔާރުކުރެވިފައި ނުވާ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށެވެ. ފަށާތަޢުލީމުން ފެށިގެން މެދުމަދުރަސީ ތަޢުލީމާއި، ސާނަވީ ތަޢުލީމާއި، މަތީ ސާނަވީ ތަޢުލީމާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، އެތައް ދަރިވަރުންނަކަށް ރާއްޖެއިން ބޭރުން ޢަރަބި އަދި އިސްލާމީ ތަޢުލީމު އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގައި، ގިނަގުނަ މަސައްކަތްޕުޅުތަކެއް އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ކުރެއްވިއެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައި، އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމުދޭ މުއައްސަސާ ކަމުގައިވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާގައި އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ. 17 ނޮވެންބަރު 2018 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސް ކަމުގެ މަގާމުގައެވެ.

ޗަމްޕާ ޙުސައިން ޢަފީފް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. އެމަނިކުފާނަކީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި އެންމެ އިސް އެއް މޭސްތިރިވެސް މެއެވެ. ޙުސައިން ޢަފީފު ޤައުމީ ޚިދުމަތަށް އިސްކަންދެއްވުމުގައި މިހާތަނާ ޖެހެންދެންވެސް ދެމިހުންނެވިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ، އެ މަނިކުފާނު، ދިވެހިރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީކުރެއްވުމަށްޓަކައި ކޮށްދެއްވި ދެމެހެއްޓެނިވި މަސައްކަތްޕުޅުތަކެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއަރ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނޭޖްމަންޓުގެ ދާއިރާގައިވެސް ޢަފީފް މަސައްކަތް ކުރެއްވުން ހާމަކޮށްދެނީ، ދިވެހިރާއްޖޭގައި ހޮސްޕިޓޭލިޓީގެ ދާއިރާގައި ވަކި މިންގަނޑުތަކެއް ހިފެހެއްޓެވުމަށް ޢަފީފް ދެއްވި އިސްކަމެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ފާހަގަކޮށްލެވޭ މުހިންމު ބަދަލެއްގެ ގޮތުގައި ތަޢާރުފު ކުރެވިގެންދިޔަ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން، 2014 ވަނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު، މާލެއަތޮޅު ގަސްފިނޮޅުގައި ތަރައްޤީ ކުރައްވައި ޚިދުމަތް ދެއްވަން ފެށްޓެވުމާއެކު، އެ ބަދަލުވެގެން ދިޔައީ ފަތުރުވެރިކަމުގެ ދާއިރާއަށް ޢަފީފް ގެނެސްދެއްވި އިންޤިލާބީ އަދި އުންމީދީ ބަދަލެއްގެ ގޮތުގައެވެ. ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ޙުސައިން ޢަފީފު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައްވެސް އެމަނިކުފާނުގެ ޚިދުމަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވެއެވެ. ޙުސައިން ޢަފީފަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި، އެ އެސޯސިއޭޝަންގެ ފައުންޑިންގ މެންބަރެކެވެ. އެ މަނިކުފާނުވަނީ މަޓީގެ ވައިސް ޗެއަރމަން ކަމާއި، ޗެއަރމަންގެ މަގާމުފަދަ އެ އެސޯސިއޭޝަންގެ އިސް މަގާމުތައް ފުރުއްވައިފައެވެ. މިހާރުވެސް މަޓީގެ ޗެއަރމަންގެ މަގާމުގައި ޙުސައިން ޢަފީފު ހުންނަވައިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.

ފަތުރުވެރިކަމުގެ އިތުރުން، ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގގެ ދާއިރާއިންނާއި، ޞިއްޙީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓަރޕްރިނިއޯ އެއްގެ ހައިސިއްޔަތުން ޙުސައިން ޢަފީފް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި އެ މަނިކުފާނުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެވި ޚިދުމަތް ދޭން ފެށުމަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދިޔަ ކަމެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާޙުކުރުމާއި ގުޅިގެން، މީގެ ކުރީގައި ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފެށިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ފަރޓިލިޓީ ކްލިނިކް ތަޢާރުފުކުރި ހޮސްޕިޓަލްވެސް މެއެވެ.

ޙުސައިން ޢަފީފުގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ނަމަށް ނިސްބަތްކުރައްވައި "ޢަލިފުޅު ތުއްތު ފައުންޑޭޝަން (އޭ. އެފް. ޓީ އެފް) ގެ ދަށުން ޢަފީފުވަނީ ވަރަށް ގިނަ އަދަދެއްގެ ސީ.އެސް.އާރު. އަދި މުޖުތަމަޢަށް ފައިދާކުރަނިވި މަޝްރޫޢުތަކެއް ރާއްވަވައި ކުރިއަށް ގެންދަވައިފައެވެ. މި ފައުންޑޭޝަންގެ އެހީގައި މިއަދާ ހަމައަށް ތަޢުލީމު ހާސިލުކުރި ވަރަށް ގިނަ އަދަދެއްގެ ކުދިން، މިއަދު ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުން އެބަ ގެންދެއެވެ. މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު، ޢަފީފުގެ އިސްނެންގެވުމުގެ މަތިން ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. ހަމައެއާއެކު، ޙުސައިން ޢަފީފުގެ ބައިވެރިވެވަޑައިގަތުމާއެކުގައި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް މާލީގޮތުން ކުރިއެރުން ލިބުމުގެ މަގު ފަހިވެގެންދިޔައެވެ. ޢަފީފަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރމަންވެސް މެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފް ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ 1989 ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. 16 ސެޕްޓެމްބަރ 2010 ގައި ޙުސައިން ޢަފީފަށް ވަނީ "ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ"ގެ ލަޤަބުވެސް ސަރުކާރުން އަރުވައިފައެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވީ 26 ޖުލައި 2013 ގައެވެ.

ޑރ.މުޙައްމަދު ލަތީފް

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) އަރުވާފައިވާ ޑޮކްޓަރ މުޙައްމަދު ލަޠީފް ވަނީ ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެމަނިކުފާނުގެ ޚިދުމަތުގެ އެންމެ ދިގު މުއްދަތެއް ހޭދަކުރެއްވީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައެވެ. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށާއި، ރާއްޖޭގައި މަތީ ތަޢުލީމުގެ ދާއިރާ ފުޅާކުރައްވައި، ހަރުދަނާކުރެއްވުމަށް އެ މަނިކުފާނު ކުރައްވައިފައިވާ މަސައްކަތްޕުޅުތަކަކީ، ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވި އެންމެ އިސް އެއް މަގާމަކީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ހޭދަކުރެއްވި 22 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ތަފާތު އެކި ރޮނގުތަކުން ވަނީ ޚިދުމަތް ކުރައްވައިފައެވެ. ކިޔަވައިދިނުމުގެ މަންހަޖު އެކުލަވައިލައި، މުދައްރިސުން ތަމްރީނު ކުރުމުގެ ޚާއްޞަ މަރުކަޒެއްގެ ގޮތުގައި "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އުފެދިގެން ދިޔުމުގައްޔާއި، އޭގެ ފަހުން މުދައްރިސުން ތަމްރީންކުރުމަށްޓަކައި އަލަށް ގާއިމުކުރެވުނު "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" އުފެދިގެން ދިޔުމުގައްޔާއި، "މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން" އުފެދި ތަރައްޤީ ކުރެވިގެން ދިޔުމުގައިވެސް ޑޮކްޓަރ މުޙައްމަދު ލަޠީފް އަދާކުރެއްވި ދައުރު ވަރަށް މުހިއްމެވެ.

ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ޑޮކްޓަރ މުޙައްމަދު ލަޠީފެވެ. ދިވެހިރާއްޖޭގައި ސާނަވީ ތަޢުލީމު ފުޅާ ކުރައްވައި، ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ދެއްވަން ފަށްޓަވައި މުޅި ތަޢުލީމީ ދާއިރާގެ ފެންވަރު ހަރުދަނާ ކުރެއްވުމަށްޓަކައި "ބިލްޓް-އިން ސުޕަރވިޜަން ސިސްޓަމް" އެއް އެމަނިކުފާނު ޤާއިމު ކުރެއްވިއެވެ. ރާއްޖޭގެ ފުރަތަމަ ކޮލެޖް "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" 1998 ވަނަ އަހަރު ގާއިމު ކުރެވިގެން ދިޔައިރު، އެ ކޮލެޖު ގާއިމުކުރެއްވުމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން ޑޮކްޓަރ މުޙައްމަދު ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ޑޮކްޓަރ މުޙައްމަދު ލަޠީފް އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފަކީ، ރައްޔިތުންގެ މަޖިލީހުގައްޔާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ޑޮކްޓަރ މުޙައްމަދު ލަޠީފް، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ، އިނގިރޭސިވިލާތުގެ ޔުނިވަރސޓީ އޮފް ވޭލްސް އިން، އެޑިޔުކޭޝަނަލް ޕްލޭނިންގ ގެ ރޮނގުން 1992ވަނަ އަހަރުއެވެ. އެ މަނިކުފާނު، މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލު ކުރެއްވީވެސް، ޔުނިވަރސިޓީ އޮފް ވޭލްސް އިންނެވެ.