ޚަބަރު

މިނިވަން ދުވަހަށް އެންމެ ގިނަ ޑިޕްލޮމެޓުން ރާއްޖެ އައީ މިއަހަރު


  • 113 ޑިޕްލޮމެޓުން ރާއްޖެ އައިސްފައިވޭ

  • މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޑިޕްލޮމެޓުން އައި އަހަރު

މިއަހަރަކީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް އެންމެ ގިނަ ބޭރުގެ ޑިޕްލޮމެޓުން އައި އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

ރައީސް ވިދާޅުވީ މިއހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށްޓަކައި 43 ޤައުމާއި އދ. 5 އެޖެންސީތަކުގެ 113 ޑިޕްލޮމެޓުން ބައިވެރިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބު ފެނިގެންދާކަމެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ވޭތުވެދިޔަ 10 އަހަރުތެރޭގައި މިނިވަން ދުވަސް ފާހަކުރުމަށް ބޭރުގެ ޤައުމުތަކުން އެންމެ ގިނަ ޑިޕްލިމެޓުން އައި އަހަރުކަމަށެވެ.

ރައީސްގެ ވާހަކައިގައި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އާއި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާންއަށް ޝުކުރު އަދާކުރައްވާފައެވެ.

"މި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު. ދިވެހިންނަަށް އިސްކަންދީ ރާއްޖެއަށް ރަނގަޅު ގޮތް ލިބިގެންދާނެގޮތަށް އެންމެނާ ގުޅިގެން މަސައްކަތް ކުރަމުންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން އިޒްރޭލް ފިޔަވާ ދުނިޔޭގެ ހުރިހާ ޤައުމަކާ ގުޅުން ބާއްވާނެކަމަށެވެ. އިޒްރޭލުން ފަލަސްތީންގެ ރައްޔިތުންގެ ނަސްލު ހެދަކުރަމުންދާ ދިއުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަމެއް ނޫކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ރީތިކަން ލިބިގަތުމަށް އިސްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭނެކަމަށް ނިންމީ ފަޚުރުވެރިކަމާއެކުގައިކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިސްކުރާނީ ސްލްހަވެރިކަންކަމަށާއި އަނިޔާވެރިކަމާއި ހަނގުރާމަތަކަށް ދެކޮޅުކަމަށެވެ. ރާއްޖެއަީ ސްލްޙައަށް ލޯބިކުރާ ޤައުމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ޚިޔާލުތަފާތުވުންތައް ހުރިނަމަވެސް އެއްމޭޗަށް އައިސް މަޝްވަރާކޮށް ކަންކަން ހައްލުކުރުުމަށްކަމަށެވެ.