އެމެރިކާއާއި އީރާނާ ދެމެދު އަލުން ހަނގުރާމަ ފެށުމުގެ ސަބަބުން، އެމެރިކާގެ ދިފާޢީ ޤާބިލުކަމާއި ހަތިޔާރުގެ ސްޓޮކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިއްޖެއެވެ. ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ގިނަ ޢަދަދެއްގެ އިންޓަރސެޕްޓަރ މިސައިލް ބޭނުންކުރަން ޖެހުމާ ގުޅިގެން، އެ ފަދަ މިސައިލްތަކުގެ ސްޓޮކު ހަލުވިމިނުގައި މަދުވަމުންދާ ކަމުގައި އަސްކަރީ އަދި ދިފާޢީ ދާއިރާގެ މާހިރުން ބުނެއެވެ. މެދުއިރުމަތީގައި އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ޞުލްޙައާއި އަމާންކަން ވަނީ ގެއްލިފައެވެ.
މި ހިނގާ ޖުލައި މަހުގެ ތެރޭގައި އެމެރިކާގެ ޢުދުވާނަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީން) ވަނީ އުރުދުން، ކުވައިތު އަދި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަަރީ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ބެލިސްޓިކް އަދި ކްރޫޒް މިސައިލާއި އަސްކަރީ ޑްރޯން ބޭނުންކޮށްގެން ދީފައިވާ ހަމަލާތައް ދިފާޢުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް ގިނަ އަދަދެއްގެ އިންޓަރސެޕްޓަރ މިސައިލް ބޭނުން ކުރަން ޖެހެއެވެ. މިއާއެކު، އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ވަނީ އެމެރިކާގެ ދިފާޢީ ޤާބިލުކަމާއި ހަތިޔާރުގެ ސްޓޮކާމެދު ސުވާލު އުފައްދަވާފައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ، ސެނެޓުގެ މެންބަރެއް ކަމުގައިވާ ކްރިސް ވަން ހޮލެންއެވެ.
އީރާންގެ ހަމަލާތައް ދިފާޢުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ޢާންމު ގޮތެއްގައި ބޭނުން ކުރަނީ ޕޭޓްރިޔަޓް އަދި ތާޑް މަރުކާގެ އިންޓަރސެޕްޓަރ މިސައިލެވެ. ސެންޓަރ ފޯރ ސްޓްރެޓީޖިކް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ (ސީއެސްއައިއެސް) ދިރާސާތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާގެ ސްޓޮކުގައި 2,300 ޕޭޓްރިޔަޓް މިސައިލާއި، 450 ތާޑް މިސައިލް ރައްކާކޮށްފައި ހުއްޓެވެ. ނަމަވެސް، ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި އެ ދެ މަރުކާގެ މިސައިލްގެ ސްޓޮކުގެ ދެބައިކުޅަ އެއްބައި ބޭނުންކޮށްފައިވާ ކަމުގައި ސީއެސްއައިއެސްއިން ބުނެއެވެ. މި މައްސަލައަށް އަވަަސް ޙައްލެއް ހޯދުމަށް އެމެރިކާ ސަރުކާރުން ވަނީ ޕޭޓްރިޔަޓް މިސައިލް އުފައްދާ ލޮކްހީޑް މާޓިން ކުންފުންޏާއެކު 58.6 ބިލިޔަން އެމެރިކާ ޑޮލަރުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެމެރިކާގެ އަސްކަރިއްޔާއަށް ބޭނުންވާ ހަތިޔާރުގެ ސްޓޮކު މަދުވަމުންދާ ކަމުގައި ރިޕޯޓުތައް ބުނާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އެ ކަން ދޮގު ކުރައްވަމުންނެވެ. ނަމަވެސް، މުސްތަގުބަލަށް އިތުރު ހަތިޔާރު ބޭނުންވާނެ ކަމަށް އޭނާ އެއްބަސްވެ ވަޑައިގަންނަވައެވެ. އަދި، ހަތިޔާރު އުފައްދާ އައު ކާރުޚާނާތައް ބިނާކުރަމުންދާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ. އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ކާމިޔާބުކުރުމަށް ބޭނުންވާ މިންވަރަށް ހަތިޔާރު ހުރި ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާރނެލް ވެސް ވިދާޅުވިއެވެ.
މި ދަނޑިވަޅުގައި، އެމެރިކާއިން އެންމެ ފަހުން ދިން ޢުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އައިއާރްޖީސީން ވަނީ ކުވައިތުގެ ޢަޙްމަދު އަލް-ޖާބިރު އަސްކަރީ ވައިގެބަނދަރަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފައެެވެ. މި ހަމަލާތައް ވެސް އަމާޒު ކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ އުޅަނދުފަހަރާއި އާލާތްތަކަށެެވެ. މި ހަމަލާތަކުގައި އަސްކަރީ އުޅަނދުފަހަރު ބޭނުންކުރާ ހެންގަރުތަކާއި، ސެޓެލައިޓް މުވާޞަލާތަށް ބޭނުންވާ ސާމާނުގެ އިތުރުން އަސްކަރީ ޑްރޯންތަކެއް ނައްތައިލާފައިވާނެ ކަމުގައި އެ ލަޝްކަރުން ބުނެއެވެ.