އީރާނާއެކު ކުރަމުންދާ ޞުލްޙައިގެ މަޝްވަރާތަކުގައި އެއްބަސްވުމެއްގެ "އޮނިގަނޑު" އެކުލަވައިލެފައިވާ ކަމުގައި ވިދާޅުވެ، އީރާނާ ދެކޮޅަށް އިތުރު ހަމަލާތަކެއް ދިނުމުގެ ރޭވުން ރައީސް ޑޮނަލްޑް ޓްރަމްޕް ފަސްކުރައްވައިފިއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި މި ވަނީ، އީރާނަށް އަމާޒުކޮށް ފުޅާ އަދި ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވާފައިވާ ކަމުގެ އިންޒާރު ދެއްވިތާ އެއް ދުވަސް ފަހުންނެވެ.
ހަމަލާ ދިނުމުގެ ރޭވުން ފަސްކުރައްވާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވީ އޮގަސްޓު 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރުތު ސޯޝަލް މީސްމީޑިއާ މަންސައިގައި ކުރެއްވި ޕޯސްޓެއްގައެވެ. ޞިހްޔޫނީ ޔަހޫދީ ފައުޖާ ގުޅިގެން އެމެރިކާއިން ރާވާފައި ވަނީ އީރާންގެ ހަކަތައިގެ ބިނާރާއި ވަސީލަތްތަކަށް ހަމަލާދީ، ސުންނާފަތި ކޮށްލުމަށެވެ. ޓްރަމްޕް ވިދާޅުވީ، ހަމަލާތަކުގެ ރޭވުން އުވައިލައްވާފައި ވަނީ، ޞުލްޙައިގެ އެއްބަސްވުމެއްގެ އޮނިގަނޑު ޤާއިމުކުރެވިފައިވާ ކަމުގައި އީރާނާއި މެދުއިރުމަތީގެ ބައެއް ޤައުމުތަކުން އެންގުމުންނެވެ. އަދި، ހަމަލާތައް މެދުކަނޑައިލުމަށް އެދުމުންނެވެ.
ހަމަލާގެ ރޭވުން އުވައިލައްވާފައި ވަނީ، މަޝްވަރާތައް ކުރިއަށް ގެންގޮސް، ވީއެންމެ އަވަހަކަށް ޞުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ޝަރުޠާ އެކުގައި ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި، އެއްބަސްވުމާއެކު "ހުރްމުޒް ކަނޑުއޮޅި ވަގުތުން، ފުރިހަމައަށް އަދި މުޅިން ހުޅުވައިލެވޭނެ" ކަމަށާއި، "އީރާނުގެ ނިއުކްލިޔަރ ނުރައްކާ" ނިމުމަކަށް ގެނެވޭނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ހަމަލާތައް ހުއްޓައިލުމަށް އީރާނުން އެދިފައިވާ ކަމުގައި ޓްރަމްޕް ދަޢުވާ ކުރެއްވި ނަމަވެސް، ތެހްރާނުން މި ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ. ނަމަވެސް، އޮގަސްޓު 1 ވަނަ ދުވަހު އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވަނީ، އެމެރިކާގެ އިތުރު ޢުދުވާންތަކަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އެމެރިކާ ނުވަތަ ޔަހޫދީންގެ ކޮންމެ ހަމަލާއަކަށް "އެކަށީގެންވާ ރައްދެއް" އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ދޭނެ ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާއެކު ކުރެއްވި މަޝްވަރާތަކެއްގެ ތެރެއިންނެވެ.
މި ދަނޑިވަޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން ޓްރަމްޕަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމުގައި އެމެރިކާގެ ނޫސް، އެކްސިޔޮސްއިން ރިޕޯޓު ކުރިއެވެ. އަދި، އީރާނަށް ދިނުމަށް ރާވާފައިވާ ހަމަލާތައް ހުއްޓައިލުމަށް ވަލީއަޙުދު ޓްރަމްޕްގެ ކިބައިން އެދިވަޑައިގެންނެވި ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ. އީރާނަށް "ވަރުގަދަ ހަމަލާތަކެއް" ދެއްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައި ވަނީ ޖުލައި 31 ވަނަ ދުވަހުއެވެ. މެދުއިރުމަތީގެ ޙާލަތު ގޯސްވަމުންދާ ކަމުގައި ބުނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް 10 ޤައުމެއްގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނަށް އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން އޮގަސްޓު 1 ގައި އިލްތިމާސް ކޮށްފައިވެއެވެ.