ޚަބަރު

ތެލަސީމިއާ ބަލި ތަހައްމަލު ކުރާ މީހުންގެ ތެރެއިން ގިނައީ އަންހެނުން


  • ދުނިޔޭގައި މިވަގުތު ތިބީ ތެލަސީމިއާ 668 މީހުން

  • އޭގެ ތެރޭގައި 319 ފިރިހެނުން، 349 އަންހެނުން ހިމެނޭ

ރާއްޖޭގައި ތެލަސީމިއާ ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ތެރެއިން ގިނައީ އަންހެނުންކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ލޭ އަޅާ ކުދިންގެ ގޮތުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގައި 981 މީހަކު ރަޖިސްޓަރކޮށްފައިވެއެވެ. ނަމަވެސް މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް މީގެ ތެރެއިން ދުނިޔޭގައި ތިބީ 668 މީހުންނެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލޭ އަލާ ކުދިންގެ ގޮތުން އެންމެ ގިނައިން މީހުން ތިބީ އަތޮޅުތެރެއިންނެވެ. އެއީ 505 މީހުންނެވެ. މާލެ ސަރަޙައްދުގައި ތިބީ 163 މީހުންނެވެ. މި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 319 މީހުންނަކީ ފިރިހެނުންނެވެ. އަދި 349 އަންހެނުން ތިބިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ 5 އަހަރަށް ބަލާއިރު އަހަރަކު 11 މީހުންނަށް ވުރެ ގިނަ މީހުން ލޭ އެޅުމަށް ރަޖިސްޓަރކޮށްފައިވެއެވެ. 2025 ވަނަ އަހަރު 11 މީހަކު ރަޖިސްޓަރކޮށްފައިވާއިރު 2024 ވަނަ އަހަރު 18 މީހުން އަދި 2023 ވަނަ އަހަރު 22 މީހަކު އެމްބީއެސްގައި ރަޖިސްޓަރކޮށްފައިވެއެވެ. 2022 ވަނަ އަހަރު 16 މީހަކު އަދި 2021 ވަނަ އަހަރު 22 މީހަކު ވަނީ ރަޖިސްޓަރކޮށްފައިވެއެވެ.

ލޭ އަޅާ މީހުންގެ ގޮތުގައި އެންމެ މަދުން މީހުން ރަޖިސްޓަރ ކޮށްފައިވަނީ 2020 ވަނަ އަހަރުގައެވެ. އެއަހަރު ރަޖިސްޓަރކޮށްފައިވަނީ 5 މީހުންނެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އައިރު 7 މީހަކު ރަޖިސްޓަރކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އަތޮޅުތަކަށް ބަލާއިރު، އާބާދީގެ ނިސްބަތުން ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުން އެންމެ ގިނައިން ތިބީ ނ. އަތޮޅާއި ހދ. އަތޮޅުގައެވެ. އެ އަތޮޅުތަކުގައި 55 މީހަކު ރަޖިސްޓަރކޮށްފައިވެއެވެ. ދެން އެންމެ ގިނައީ ރ. އަތޮޅުގައެވެ. އެ އަތޮޅުގައި 51 މީހުން ތިބިއިިރު ލ. އަތޮޅުގައި 44 މީހަކު އެބަތިއްބެވެ. އަދި ހއ. އަތޮޅުގައި 42 މީހުން ތިބިއިރު ސ. އަތޮޅުގައި 30 މީހުން ލޭ އަޅާމީހުންގެ ތެރޭގައި އެބަތިއްބެެވެ. މި ތަފާސް ހިސާބުތަކަށް ބަލާއރި ވ. އަތޮޅުގައި މި ބަލި ތަޙައްމަލުކުރާއެއްވެސް މީހެއް ނެތެވެ.

ތެލަސީމިއާއަކީ މުޅި ޢުމުރު ދުވަހަށް ތަހައްމަލު ކުރަންޖެހޭ ބައްޔެކެވެ. މި ބަލި ތަޙައްމަލު ކުރާ މީހުންގެ ޢަދަދު، އާބާދީގެ ނިސްބަތުން ބަލާއިރު ރާއްޖޭގައި ގިނައެވެ. އެހެންކަމުން ރާއްޖެއިން ތެލަސީމިއާ ބައްޔަށް ޙައްލު ގެނައުމަށް ޤައުމީ ފެންވަރުގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.

ތެލަސީމިއާއަށް އާންމުން ހޭލުންތެރި ކުރުވުމާއި، މިބަލި އިތުރުވަމުންދާ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ފެށްޓެވި އެންމެ މުހިންމު އެއް މަސައްކަތަކީ ސްކޫލު ކުދިން ތެލެސީމިއާއަށް ސްކްރީންކުރަން ފެށުމެވެ. އަދި ތެލެސީމިއާ ބައްޔަށް ފަރުވާ ކުރުމަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހަދައިދޭ ކުދިންގެ ޢަދަދުވެސް ވަނީ އިތުރުކޮށްފައެވެ.

ތެލަސީމިއާ ހުންނަ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ ތަޞައްވުރާއެކީ، ސަރުކާރުން ވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖު ހިޔާގައި ދޭން ފަށާފައެވެ. އަދި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީއެންއޭ ލެބޯރެޓަރީ ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއާއެކު އެންޑޮކްރައިނޮލޮޖީ، އެތެރެ ހަށީގެ ބަލިތަކަށް ޚާއްސަ އަދި ހެމަޓޮލޮޖީ ކްލިނިކް ގާއިމުކުރުމާއި އަދި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ޚިދުމަތް ހިމެނެއެވެ.

ތެލަސީމިއާ ސެންޓަރުން ޚިދުމަތްދޭން ފެށިތާ 31 އަހަރުގެ ތެރޭގައި ހުކުރު ދުވަހު އެސެންޓަރުން ޚިދުމަތްދޭން ފަށާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ތެލަސީމިއާ ފަރުވާ ދިނުމަށް ޚާއްޞަ ހޮސްޕިޓަލެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.

މި ދާއިރާއިން ކުރިއަށްގެންގޮސްފައިވާ އިތުރު މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވާފައެވެ. އަދި މިއަހަރުވެސް އިތުރު ކުދިން ބޯންމެރޯ ހެދުމަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް ދޭންފަށާފައިވާއިރު ޖޫން މަހުގެ ތެރޭގައި ތެލަސީމިއާ ބަލި މީހުންނަށް މާލީ އެހީގެ ގޮތުގައި ޖުމްލަ 1.05 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.