ޚަބަރު

ރިސަރޗް ލައިބްރަރީއަކާއެކު ބިނާކުރާ މިސްކިތް އަންނަމަހު ހުޅުވަނީ


  • ހުޅުމާލޭގައި ބިނާކުރާ މިމިސްކިތުގެ %86 މަސައްކަތް ވަނީ ނިމިފައި

  • މިއީ 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް

ރިސަރޗް ލައިބްރަރީއަކާއެކު އަމިއްލަ ފަރާތަކުން ހުޅުމާލޭގައި ބިނާކުރާ "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" މިސްކިތް އަންނަ ސެޕްޓެމްބަރު މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

"މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ" މިސްކިތުގެ މަސައްކަތް ފެށީ، މިދިޔަ އަހަރުގެ މާރިޗުމަހުގައެވެ.

އިސްލާމީ ކަންތައްތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެ މިސްކިތުގެ %86 މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހަށް މަސައްކަތް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މި މިސްކިތަކީ، ހުޅުމާލެ ފޭސް 1ގެ ރެޑްވޭވް ކައިރި ވަގުތީ މިސްކިތް ހުރިތަނުގައި ބިނާކުރާ މިސްކިތެކެވެ.

މި މިސްކިތަކީ، އަލްމަރުޙޫމް ފަޟީލަތުއްޝައިޚު އިސްމާޢީލު މުޙައްމަދުގެ ދީލަތި އެހީގައި ބިނާކުރާ މިސްކިތެކެވެ. މި މަސައްކަތް މެނޭޖުކުރަނީ، މަދީނާ އިންވެސްޓްމަންޓުގެ ފަރާތުންނެވެ. އެތައް އަހަރެއް ވަންދެން ޓިނުން ހަދާފައިވާ ވަގުތީ މިސްކިތް ހުރި ތަނުގައި ބިނާކުރާ މި މިސްކިތަކީ، އިސްލާމީ ދިރާސާކުރަން ބޭނުންވާ ފަރާތްތަކާއި، ކިޔަވާ ކުދިންނަށް ރިސާރޗު ހެދުމަށާއި، އެސައިންމަންޓް ހަދަން ފޮތްކިޔަން ތިބެވޭ ގޮތަށް ފުރިހަމަ ލައިބްރަރީއަކާއެކު 2 ބުރިއަށް ބިނާކުރާ މިސްކިތެކެވެ.

މި މިސްކިތުގެ އެތެރެއާއި ބޭރާއެކު 2000 ވަރަކަށް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މި މިސްކިތަކީ، ރިސާރޗު ލައިބްރަރީއަކާއެކު ހުޅުމާލޭގައި ޤާއިމު ކުރާ ފުރަތަމަ މިސްކިތެވެ. މިސްކިތް ނިސްބަތް ކޮށްފައިވަނީ، ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށެވެ. މި މިސްކިތުގައި ފުރިހަމަ ސޯލާ ނިޒާމަކުން ކަރަންޓު ދީ އޭސީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން އަންހެނުންނަށް ވެސް ޚާއްސަކޮށް ނަމާދު ކުރެވޭ ޖާގައަކާއެކު ފާޚާނާބަރި އެއްވެސް މި މިސްކިތުގައި ހުންނާނެއެވެ. މިސްކިތް ހުޅުވުމަށްފަހު، މިސްކިތުގައި ޢިލްމީ ދަރުސްތަކާއި ޤުރުއާން ހިތު ދަސްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ.