ޚަބަރު

އިތުރު ރަށްރަށުގެ ކަރަންޓުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށައިފި


  • ރާއްޖޭގެ 61 ރަށަކަށް ޔޫޓިލިޓީގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުން

  • އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ދަނީ މަސައްކަތްކުރަމުން

ސަރުކާރުން ސްޓެލްކޯގެ ދަށަށް ބަދަލުކުރި އިތުރު ރަށްރަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ސްޓެލްކޯގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ. ސަރުކާރު ކުންފުނިތަކުގެ ހިންގުމުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު ސަރުކާރުންވަނީ، ފެނަކައިގެ ދަށުން ޚިދުމަތް ދޭ ބ.އަތޮޅާއި، މ.އަތޮޅާއި، ޅ.އަތޮޅުގެ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ.

ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދު ފުޅާއެކު ބައެއް ރަށްރަށުގެ ޔޫޓިލިޓީގެ ޚިދުމަތްތައްވަނީ، ފެނަކަ ކޯޕަރޭޝަނުގެ ދަށުން ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއާއެކު ޚިދުމަތް ދިނުމުގައި ޢަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ޑރ.ޢަލީ އަޒުވަރު ވިދާޅުވީ، ސްޓެލްކޯގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުގެ ކަރަންޓުގެ ފެންވަރު މަތިކުރުމަށް ކޮންމެ އަހަރަކުވެސް ބަޖެޓުކުރެވިގެން މުހިއްމު މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެހެންކަމުން އަލަށް ސަރުކާރުން އެކުންފުންޏާއި ހަވާލުކޮށްފައިވާ އަތޮޅުތަކުގެ ރަށްރަށުގެ ޚިދުމަތްތައްވެސް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

"ހުރިހާ ރަށަކާއި ގުޅޭގޮތުން، އަޅުގަނޑުމެން ގެންގުޅޭ މިންގަނޑަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އެބަގެންދަން ޕްލޭންކުރެވިގެން. އޭގެ އެއްކަމަކީ ކޮންމެ އަހަރަކުވެސް ބަޖެޓު ކުރެވޭއިރު އެރަށަކާއި ގުޅެގޮތުން ބަޖެޓު ކުރެވިގެން މިކުރިއަށްދަނީ. ފަހުން ހަވާލުކުރި މި ތިން އަތޮޅުގެ ކަންކަން އިތުރު ސަޕްލިމެންޓްރީ ބަޖެޓެއްގެ ތެރެއިން އެބަކުރަން." ޑރ އަޒުވަރު ވިދާޅުވިއެވެ.

ސްޓެލްކޯއާ އަލަށް ހަވާލުކުރި 3 އަތޮޅުގެ ރަށްތަކާއެކު މިހާރު އެކުންފުނިން ދަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ 61 ރަށުގެ ޔޫޓިލިޓީގެ ޚިދުމަތް ދެމުންނެވެ. ކަރަންޓު ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކުރުމަށް ރަށްރަށުގައި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ކުރީގެ އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމާއި، އިންޖީނުގެތައް އާބާތުރަފިލުވުމާއި، ތެޔޮ ހޮޅިތައް އެޅުމާއި، ޓޭންކު ބެހެއްޓުމުގެ ބޮޑެތި މަސައްކަތްތައް ކުންފުނީގެ ބަޖެޓުން ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އިޔާދަކުރަނި ހަކަތައިގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުގެ ސްޓެލްކޯގެ އިމާރާތްތަކުގައި ސޯލާ ހަރުކޮށް، އިތުރު ސަރަޙައްދުތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރަމުންނެވެ. ހަމައެއާއެކު ސަރުކާރުން ބޭރުގެ އެހީގައި ރަށްރަށުގައި ހިންގާ ސޯލާ ޕީވީ ހަރުކުރުމުގެ މަޝްރޫޢުތަކުގެ ދަށުން ސްޓެލްކޯގެ ބެލުމުގެ ދަށުގައި ހުރި ރަށްރަށުގައިވެސް އަންނަނީ، އެމަސައްކަތް ކުރަމުންނެވެ. އޭގެ ދަށުން މަސައްކަތް ކުރިއަށް ނުދާ ރަށްރަށުގައި ސްޓެލްކޯގެ އަމިއްލަ ޕްރޮޖެކްޓެއްގެ ތެރެއިން ސޯލާ ހަރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.