މާލޭގައި އަލަށް ތަރައްޤީކުރާ ވަޤްފު އިމާރާތްކަމަށްވާ "ދާރުލްއަރްޤަމް"ގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
"ދާރުލްއަރްޤަމް"ގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
"ދާރުލްއަރްޤަމް"ގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަނުންނެވެ. މި އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިއީ 12 ފަންގިފިލާއަށް އިމާރާތް ކުރާ ވަޤުފު އިމާރަތެކެވެ.
މި އިމާރާތުގެ ބޭސްމަންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. އިމާރާތުގެ ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މިއިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.
މި އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިވަޤުފު އިމާރާތް ތަރައްޤީކުރުމަށް އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢަށް 39.4 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭސިންގެ ދަށުންކަމަށެވެ.
މާލޭގައި އިމާރާތް ކުރާ ވަޤުފު ބިލްޑިންގ ދާރުލް އަރަޤަމްގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދަނީ. މީއީ 12 ފަންގިފިލާގެ އިމާރާތެކެވެ.@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/o9DAPQjL3h
— Ministry of Islamic Affairs & Endowments (@MVIaffairs) August 6, 2026
މި އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އާމްދަނީގެ %80 އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ދާރުލްއަރުޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤުފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.