ޚަބަރު

އެމްބީބީގެ މުބާރާތްތައް މާލެއިން ބޭރުގައި ބާއްވަން މަސައްކަތް ކުރަނީ


  • މީގެ ކުރިން ވެސް މާލެއިން ބޭރުގައި މުބާރާތްތައް ބޭއްވުމަށް މަސައްކަތްކޮށްފައިވޭ

  • ތުލުސްދޫގައި ޤައުމީ ލީގުގެ މުބާރާތެއް ބޭއްވުމަށް އަންނަނީ މަސައްކަތްކުރަމުން

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ގައުމީ ބޮޑީބޯޑިން ލީގުގެ ކުރިއަށް އޮތް ދެ މުބާރާތް މާލެއިން ބޭރުގައި ބާއްވަން މަސައްކަތް ކުރަމުން އަންނަކަމަށް އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މިދިޔަ އަހަރު ވެސް އެމްބީބީއޭއިން ވަނީ މާލެއިން ބޭރުގައި ބޮޑީބޯޑިން ލީގުގެ މުބާރާތެއް ބާއްވަން މަސައްކަތްކޮށްފައެވެ. އެ ފަހަރު އެމްބީބީއޭއިން މަސައްކަތްކުރީ ފުވައްމުލަކު ސިޓީގައި މުބާރާތް ބޭއްވުމަށެވެ. އެކަމަކު ދިމާވި މާލީ މައްސަލަތަކުގެ ސަބަބުން އެ ފަހަރު މުބާރާތް ނުބޭއްވުނީއެވެ.

އެމްބީބީއޭއިން ވަނީ މި މަހު ފަށާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް ކ. ތުލުސްދޫގައި ބާއްވަން ނިންމާފައެވެ. މީގެ ކުރިން މޯލްޑިވްސް ޕްރޯގެ ތިން މުބާރާތްވެސް މާލެގައި ބޭއްވިއިރު، މި ފަހަރުގެ މުބާރާތް ތުލުސްދޫއަށް ބަދަލުކުރީ މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ސާފިން އެރީނާ ހެދުމުގެ މަސައްކަތް ކުރަމުންދާތީއާ އެކުގައެވެ.

ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރަޝީދު ވިދާޅުވީ، އެމްބީބީއޭގެ މިހާރުގެ އަމާޒަކީ ގައުމީ ބޮޑީބޯޑިން ލީގުގެ ކުރިއަށް އޮތް ދެ މުބާރާތް މާލެއިން ބޭރުގައި ބޭއްވުން ކަމަށެވެ. އަދި އޭގެ ތެރެއިން އެއް މުބާރާތް ކ. ތުލުސްދޫގައި ބާއްވަން އެ ރަށުގެ ކައުންސިލާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް އެއީ މާލެއިން ބޭރުގައި މުބާރާތްތައް ބޭއްވުން. އެހެންވެ މި ބަލަނީ ލީގުގައި ބާކީ އޮތް ދެ މުބާރާތް މާލެއިން ބޭރަށް ގެންދަން. އޭގެ ތެރެއިން އެއް މުބާރާތް ތުލުސްދޫގައި ކުރިއަށް ގެންދަން މަޝްވަރާ ކުރަމުން މި އަންނަނީ ވެސް." ރަޝީދު ވިދާޅުވިއެވެ.

އެމްބީބީއޭއިން މާލެއިން ބޭރުގައި މިހާތަނަށް މުބާރާތެއް ބާއްވައިފައި ނުވި ނަމަވެސް ޒުވާން ބޮޑީބޯޑަރުން އުފެއްދުމަށް ކުރިއަށް ގެންދާ ހުދު ފޮނު ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެ ގޮތުން މި މަހު ފަށާ މޯލްޑިވްސް ޕްރޯގެ ތެރެއިން، ބައިނަލްއަގްވާމީ އެތުލީޓުންނާއެކު މި ފަހަރުގެ ޕްރޮގްރާމް ތުލުސްދޫގައި ކުރިއަށްދާނެ ކަމަށް އެމްބީބީއޭއިން މައުލޫމާތުދެއެވެ.