ޚަބަރު

އުއްމީދަކީ ކެންޕޭނާއެކު ޤާނޫނީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާވުން: އޭޖީ އޮފީސް


  • މި ޕްރޮގްރާމް ހިންގަނީ އެއިމް (AIM) ޕްރޮޖެކްޓްގެ ދަށުން

  • ޕްރޮގްރާމަށް ޔޫއެންޑީޕީގެ އެހީތެރިކަން ލިބޭ

އުއްމީދަކީ މިހާރު ފަށާފައިވާ "އެނގުމަކީ ބާރެއް" ކެންޕޭނާއެކު މިހާރަށްވުރެ ޤާނޫނީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާވުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބުގެ އޮފީހުގެ އިސްނެގުމާއެކު ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެންޕޭނެއް ފަށާފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވީ، އެ ޕްރޮގްރާމްގެ މަޤްސަދަކީ އާއްމުން ޤާނޫނަށް އަހުލުވެރިކުރުވުމާއި، ޤާނޫނީގޮތުން ލިބިދީފައިވާ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް އެނގޭ ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުންކަމަށެވެ. އަދި ޤާނޫނީގޮތުން އާއްމުން ހޭލުންތެރިވުމަކީ އާއްމުންނަށް ލިބިދޭ ބާރުތަކާއި ހައްގުތައް ސާފުވެ، ރައްޔިތުން ބާރުވެރިކޮށްދޭކަމެއްކަމަށް ވިދާޅުވިއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މާލީ އެހީތެރިކަމާއެކު "އެއިމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މި ކެންޕޭން މި ވަގުތު ތާވަލްކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނަމަވެސް އިތުރަށް ފަންޑު ލިބޭ ނަމަ އެއަށް ވުރެ ދިގު މުއްދަތަކަށް އެ ޕްރޮގްރާމް ކުރިއަށްގެންދާނެކަން ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ބޮޑަށް އާއްމުން ހޭލުންތެރިކުރުން. މީސްމީޑިއާ އާއި މީޑިއާ އަށް ވަރަށް ބޮޑަށް އެބަ ފޯކަސްކުރަން. ވީޑިއޯތައް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެން. އަދި މޯބައިލްކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ." ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވިއެވެ.

ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ މި ކެންޕޭންގެ ސަބަބުން ޤާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް މަގުފަހިވާނެކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އަދި ޤާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމަށް މީޑިއާ އާއި މީސްމީޑިއާގެ ޒަރީއާއިން މައުލޫމާތު ފޯރުކޮށްދޭނެކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް ބުނެދިނުމާއި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމަކީ މިފަދަ ޕްރޮގްރާމެއްގެ މަޤްސަދެކެވެ.

މި ކެންޕޭންގެ ތެރެއިން ރަށްރަށަށް ގޮސް އާޢްމުންނަށް ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއެވެ. އެ އޮފީހުން ހާމަކުރެއްވި ގޮތުގައި މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް ފަސޭހައިން އޮޅުންފިލުވުމަށް މަގުފަހިވާނެއެވެ.

ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ ބަންޑާރަނައިބުގެ އޮފީހުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެކެވެ.