މ.ވޭވަށު ޔޫޓިލިޓީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. ސްޓެލްކޯއިން މިހާރުވަނީ އެރަށަށް ބޭނުންވާ ޕެނަލް ބޯޑުތައް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައެވެ.
ސަރުކާރުންވަނީ އިތުރު 3 އަތޮޅެއްގައި ހިމެނޭ ރަށްތަކުގެ ޔޫޓީލިޓީގެ ޚިދުމަތް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ ދަށުން މ.އަތޮޅުގައި ހިމެނޭ 8 ރަށްވެސްވަނީ ބަދަލުކޮށްފައެވެ. އެރަށްތަކަކީ މ. މުލި، ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލައް، ނާލާފުށި، ރަތްމަންދޫ އަދި ވޭވަށެވެ. މިއާއެކު ސްޓެލްކޯއިންވަނީ މިހާރު އެއަތޮޅު ވޭވަށުގެ ޔޫޓިލިޓީގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައެވެ.
ސްޓެލްކޯއިން ވިދާޅުވީ ވޭވަށުގެ ޔޫޓިލިޓީގެ ޚިދުމަތާއި ހަވާލުވުމަށްފަހު ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު ޕެނަލް ބޯޑެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެޕެނަލް ބޯޑު އެރަށަށް ގެންގޮސް މިހާރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މ. ވޭވަށުގެ ޔުޓިލިޓީ ހިދުމަތްތަކާއި މިކުންފުނިން ހަވާލުވެ، ވޭވަށުގައި ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމުގެ ގޮތުން ބެހެއްޓުމަށް ނިންމާފައިވާ ޕެނަލް ބޯޑު އެރަށަށް ގެންގޮސް،… pic.twitter.com/36OQgsrd4L
— STELCO (@STELCOMALDIVES) August 11, 2026
މ.އަތޮޅުގެ އިތުރުން ބ.އަތޮޅު އަދި ޅ.އަތޮޅުގެ ރަށްތަށްވެސް ސަރުކާރުންވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއާއެކު މާލެ ސަރަޙައްދުގެ އިތުރުން 7 އަތޮޅުގެ ޖުމްލަ 61 ރަށުގެ ޔޫޓިލިޓީގެ ޚިދުމަތް ދެމުންދަނީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ. ސްޓެލްކޯއާއި އަލަށް ހަވާލުކުރި ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ސްޓޭންޑަޑަށް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް އެކުންފުނިންވަނީ ވިދާޅުވެފައެވެ.