ކުޅިވަރު

ފްރާންސްގެ ގޯލްކީޕަރު ކޯޗަކަށް ބާތޭޒް


ފްރާންސްގެ ގައުމީ ފުޓްބޯޅަ ކޯޗު ޒައިނުއްދީން ޒިދާނާއެކު ކުރީގެ ގައުމީ ކީޕަރު ފަބިއަން ބާތޭޒް ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗަކަށް ހަމަޖައްސައިފި އެވެ.

ޒިދާނާއެކު ފްރާންސްގެ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ގިނައިން ހަމަޖައްސާފައިވަނީ އޭނާއާއެކު ރެއާލް މެޑްރިޑުގައި މަސައްކަތް ކުރި ފަރާތްތަކެވެ. ނަމަވެސް ބާތޭޒަކީ މިހާތަނަށް ފުޓްބޯޅައާ ދުރުގައި ހުރި މީހެކެވެ.
ބާތޭޒް މި މަގާމަށް ހަމަޖެއްސުމުން އޭނާ އަށް ޖެހޭނީ ގޯލްކީޕަރުން ތަމްރީނު ކުރުމުގެ އެންމެ މަތީ ފާސް ހޯދުމަށް ވަގުތުކޮޅެއް ހޭދަކުރާށެވެ.

ބާތޭޒް އެންމެ ފަހުން ފުޓްބޯޅައިގައި މަސައްކަތް ކުރީ 2010 ވަނަ އަހަރު ވަރަށް ކުޑަ ދުވަސްކޮޅަކަށް ފްރާންސްގެ ގައުމީ ޓީމުގަ އެވެ. އެއީ އޭނާ އާއި ޒިދާނާއެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ޑިފެންޑަރު ލޯރަންޓް ބްލޮންކް 2010 ވަނަ އަހަރު ގައުމީ ޓީމަށް ކޯޗުކޮށްދިން އިރު އެވެ.

އޭގެ ފަހުން އޭނާ ބާތޭޒް ފެނިގެން ގޮސްފައިވަނީ މޮޓަރ ރޭސިން މުބާރާތްތަކުންނާއި ހައިކް ކުރުމުގަ އެވެ. ނަމަވެސް އޭނާ އަކީ ފްރާންސަށް 98ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ އަދި އޭގެ ފަހުން ކޮންފެޑަރޭޝަން ކަޕް ވެސް ކާމިޔާބު ކޮށްދިން އޭރު ދުނިޔޭގެ އެންމެ މޮޅު ކީޕަރެވެ. 98ގެ ވޯލްޑް ކަޕުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު މެންޗެސްޓާ ޔުނައިޓެޑަށް ވެސް ބާތޭޒް ގެންދިޔަ އެވެ. ނަމަވެސް ޔުނައިޓެޑްގައި އޭނާ ގިނަ ގޯސްތަކެއް ހެދުމުން ކޯޗު އެލެކްސް ފާގަސަން ލަސްނުކޮށް އޭނާ ވިއްކާލި އެވެ.

އުމުރުން 55 އަހަރުގެ ކީޕަރު ވަނީ ފްރާންސްގެ ގައުމީ ޓީމަށް 87 މެޗު ކުޅެދީފަ އެވެ. އޭނާ އަކީ 98ގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރު ވެސްމެ އެވެ. އޭނާ ކުޅުން ހުއްޓާލީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅެފަ އެވެ.