އެމެރިކާގެ އަސްކަރިއްޔާއިން މެދުއިރުމަތީގައި އަސްކަރީ ޑްރޯން ހަމަލާދިނުމުގެ ޤާބިލުކަން ފުޅާކުރުމުގެ ގޮތުން އައު ލަޝްކަރެއް ނުވަތަ ނިޒާމެއް ޤާއިމުކޮށްފިއެވެ. 'ޓާސްކް ފޯސް ފެލްކަން ސްޓްރައިކް' ގެ ނަމުގައި ޤާއިމު ކޮށްފައި މި ލަޝްކަރުގެ މައިގަނޑު ބޭނުމަކީ، ކަނޑާއި، ވައިގެ މަގުން އަދި ކަނޑުގެ އަޑިން ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ 'ވަން-ވޭ އެޓޭކް ޑްރޯން' އެކުވެރި ޤައުމުތަކާ ގުޅިގެން ބޭނުންކުރަން ފެށުމެވެ. 'ވަން-ވޭ އެޓޭކް ޑްރޯން' އަކީ، ހަމަލާގެ އަމާޒަށް ވާސިލުވުމުން ގޮވާ ޒާތުގެ، އެއް ފަހަރު ބޭނުން ކުރެވޭ ފަދަ އަސްކަރީ ޑްރޯނެވެ. ފެލްކަން ސްޓްރައިކް ލަޝްކަރުގައި އެކުވެރި ޤައުމުތަކުގެ ބައިވެރިވުން އޮންނާނެ ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ހާމަކުރިއެވެ.
މީގެ ކުރިން އެމެރިކާއިން ވަނީ މެދުއިރުމަތީގައި 'ޓާސްކް ފޯސް ސްކޯޕިޔަން ސްޓްރައިކް' ގެ ނަމުގައި ވެސް، އަސްކަރީ ޑްރޯން ހަމަލާތައް ހިންގުމަށް ލަޝްކަރެއް ޤާއިމުކޮށްފައެވެ. ތަފާތަކީ، އެއީ އެމެރިކާގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓުރޯލު އޮތް، ސެންޓްކޮމުން އެކަނި އޮޕަރޭޓުރާކުރާ ނިޒާމެކެވެ. އެންމެ ބާވަތެއްގެ ޑްރޯނަކަށް އިސްކަންދީގެން އެކުލަވައިލި 'ސްކޯޕިޔަން ސްޓްރައިކް' ލަޝްކަރު ޤާއިމުކޮށްފައި ވަނީ މީގެ ނުވަ މަސް ކުރިންނެވެ. ސަރަޙައްދީ ބައިވެރިންގެ ކިބައިން ފެންނަމުންދާ އީޖާދީ ކުރިއެރުންތަކާއެކު، ފެލްކަން ސްޓްރައިކްގެ ސަބަބުން ސްކޯޕިއަން ސްޓްރައިކްގެ ކާމިޔާބީ އިތުރަށް ފުޅާވާނެ ކަމުގައި ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކުޕަރ ވިދާޅުވިއެވެ. މީގެއިތުރުން، ޑްރޯން ހަމަލާދިނުމުގެ ޤާބިލުކަން ފުޅާކުރެވުމާއެކު، ކުރިމަގުގައި އައު ފުރުޞަތުތައް ޙަޤީޤަތަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ސެންޓްކޮމުން ބުނީ، އައު ލަޝްކަރުގައި ބައިވެރިވުމަށް މެދުއިރުމަތީގެ އެކުވެރިންނަށް ދަޢުވަތު އަރުވާފައިވާ ކަމުގައެވެ. އަދި، މިހާރު ވެސް ބައެއް ޤައުމުތަކާއެކު މަޝްވަރާ ކުރަމުންދާ ކަމުގައެވެ. ގިނަ ޤައުމުތަކުން މި ލަޝްކަރުގައި ބައިވެރިވެއްޖެ ނަމަ، އަސްކަރީ ޑްރޯން ހަމަލާ ދިނުމުގެ ޤާބިލުކަން ކުރިއަށްވުރެ ފުޅާކުރެވިގެންދާނެ ކަމުގައި ވެސް ސެންޓްކޮމުން ބުނެއެވެ. އަދި، މެދުއިރުމަތީގައި އެމެރިކާއާއެކު އަސްކަރީ ދާއިރާއިން ގުޅުން ބަދަހިކުރާ ގިނަ ބައިވެރިންތަކެއް ތިބިކަން ވެސް އެޑްމިރަލް ކުޕަރ ފާހަގަކުރެއްވިއެވެ.