ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގައި ކުލަބް އެޗްޑީސީން ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވިއިރު، ޕޮލިސް ކްލަބަށް ފުރަތަމަ މޮޅު ލިބިއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ހުކުރު ދުވަހު ހަވީރު ޕޮލިސް ކުލަބުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-16، 25-16 އަދި 25-21 އިންނެވެ.
ހުކުރު ދުވަހުގެރޭ އެޗްޑީސީން ނުކުތީ ލަޔަންސް ރެކްރިއޭޝަން ކްލަބާ ދެކޮޅަށެވެ. މި މެޗު އެޗްޑީސީން ކާމިޔާބުކުރީ ފަހަތުން އަރައި 3-2 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި އެޗްޑީސީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާ ނަގާ ލަޔަންސް އިން ވަނީ މި ދެ ސެޓު 20-25 އަދި 22-25 އިން ގެންގޮސްފައެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓުގައި އެޗްޑީސީން ވަނީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައިފައެވެ. އެގޮތުން މެޗުގެ ފަހު ތިން ސެޓު އެޗްޑީސީން ގެންދިޔައީ، 25-17، 25-17 އަދި 15-07 އިންނެވެ.
މި ފަހަރުގެ މުބާރާތުގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޕޫލް އޭގައި ހިމެނޭ ޓީމުތަކަކީ އެޗްޑީސީއާ ޕޮލިސް ކްލަބްގެ އިތުރުން ޔުނައިޓެޑް ހެންވޭރިއަންސް އަދި ލަޔަންސްއެވެ.
ޕޫލް ބީގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބް، ދަނޑިމަގު ރެކްރިއޭޝަން ކްލަބް، އެމްޓީސީސީ އަދި ސަން ސްޕޯޓްސް ކްލަބެވެ.