ޚަބަރު

ހުޅަނގު އައްސޭރީގައި ހިންގާ ޖަރީމާތަކަށް ޔަހޫދީ ދައުލަތުން ހިތްވަރުދޭ: އެމްނެސްޓީ


  • []

އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ނިރުބަވެރިން ހިންގާ ޖަރީމާތަކަށް ޔަހޫދީ ދައުލަތުން ވާގިވެރިވާ ކަމަށް ބުނެ އެމްނެސްޓީން އެކަން ކުށްވެރިކޮށްފިއެވެ.

އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ނާބުލުސްގެ ދެކުނުއިރުމަތީގައިވާ ޤުޞްރާ އަވަށުގައި ފަލަސްޠީނުގެ ރައްޔިތުން ގެއިން ނުނިކުމެވޭނެހެން މަގުތައް ބަންދުކޮށްގެން ޔަހޫދީން ހިންގާ ޖަރީމާތައް އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެމްނެސްޓީގެ ސީނިއަރ ޑިރެކްޓަރ، އެރިކާ ގުއޭވާރާ ރޯސަސް ވިދާޅުވީ، ޤުޞްރާގައި ހިނގަމުންދާ ނުރައްކާތެރި ޙާދިސާތަކަކީ ވަކިން ހިނގާ ކަންކަމެއް ނޫން ކަމަށެވެ. މިއީ ފަލަސްޠީނުގެ އާބާދީ އެމީހުންގެ ބިމުން ނެރެލުމަށްޓަކައި، ޔަހޫދީ ދައުލަތުގެ ބައިވެރިވުމާއި، މަދަދާއި، ޚަރަދުގައި ޔަހޫދީ ނިރުބަވެރިން ރޭވުންތެރިކަމާއެކު ހިންގަމުންދާ ޢަމަލުތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްނެސްޓީން އިތުރަށް ވިދާޅުވީ، ފަލަސްޠީނުގެ އާބާދީ އެމީހުންގެ އާސާރީ ބިމުން ނައްތާލުމަށް ހިންގާ މިފަދަ ކަންކަމާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ސަމާލުކަން ދޭންޖެހޭކަމަށްށެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢު، މިފަދަ ކަންކަމަކީ ވަކިވަކި ޙާދިސާތަކެއްގެ ގޮތުގައި ދެކުން ހުއްޓާލައި، ޔަހޫދީ ދައުލަތް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގެއިން ނުނިކުމެވޭނެހެން ބަންދުކޮށްފައިވާ 3 އާއިލާއެއް ވާއިރު، ކައިރީގައިވާ ވަޒަންވެރިންގެ ޖަގަހަތަކުން އައިސް ޔަހޫދީ ނިރުބަވެރިން އިންޒާރުދީ، ޙަމަލާތައް ދެމުންދާތާ އެތައް މަހެއް ވެއްޖެއެވެ. އޮގަސްޓު 9 ވީ އާދީއްތަ ދުވަހުން ފެށިގެން އެ މީހުން ގޭގޭގައި ބަންދުވެފައިވާއިރު، ކާބޯތަކެއްޗާއި، ބޯފެން ފަދަ އަސާސީ ޚިދުމަތްތައް ވަނީ ހުސްވާންކައިރިވެފައެވެ.

އޮސްލޯ އެއްބަސްވުމުގެ ދަށުން "އޭރިއާ ބީ" ގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަރަޙައްދަކީ ފަލަސްޠީނުގެ އިދާރީ ބާރާއި ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ ތަނެކެވެ.

ބުރާސްފަތި ދުވަހު ޔަހޫދީ ހަނގުރާމަވެރިން ވަނީ ގޭގައި ބަންދުކޮށްފައިވާ 2 އާއިލާއަކާއި ކައިރީގައިވާ އަވަށްޓެރި 6 އާއިލާއެއް އެމީހުންގެ ގޭގޭގެއިން އެތައް ގަޑިއިރަކަށް ނެރެ، އެ ގޭގެ އަސްކަރީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. އަދި ހަމަލާދޭ ޔަހޫދީ ނިރުބަވެރިން ފޮނުވާލުމުގެ ބަދަލުގައި، ޔަހޫދީ ސިފައިން ވަނީ އަނިޔާލިބޭ ފަލަސްޠީނުގެ އާއިލާތައް ނެރެ، ނިރުބަވެރިންނަށް އެތަނުގައި ތިބުމުގެ ފުރުޞަތު ދީފައެވެ.