ފުވައްމުލަކު ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ފަށައިފިއެވެ. ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަކީ ބޮޑުބެ ޗެލެންޖެއެވެ.
މިދިޔަ އަހަރު ތަޢާރަފްކުރި މުބާރާތުގައި މިއަހަރު ވާދަކުރަނީ 8 ޓީމެވެ. ވެސްޓްރޭޑް ބޮޑުބެ ޗެލެންޖްގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 50,000 ރުފިޔާއެވެ. މުބާރާތުގެ ފުރަތަމަ މެޗު ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ދަށި ކިޅި ކްލަބް އެވެ. އެއީ ހޯދަޑު އެކަޑަމީއާ ވާދަކޮށް 9-0 ނެވެ. މެޗުގައި މުޙައްމަދު ޝަޔާން 3 ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އަހުމަދު ޖަވާދު, އަލީ މައުލޫފް އިބްރާހީމް, ނިހާން އަމްޖަދު, މާން އަހުމަދު, ހަމްދު ހުސެއިން އަލީ އަދި ޔޫސުފް ޝަރަފުއްދީން އިބްރާހީމް އެވެ.
މުބާރާތުގެ ދެވަނަ މެޗު ކާމިޔާބުކުރީ ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ޔުނައިޓެޑް ދިގުވާނޑޮ އެވެ. އެއީ ދަޑިމަގު ސްޕޯރޓްސް ރެކްރިއޭޝަން ޖޫނިއަރއާ ވާދަކޮށް 5-2 ނެވެ. މެޗުގައި އަހުމަދު ބައްސާމް މުޙައްމަދު (ބައްކު) ދެ ގޯލް ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ޔުނައިޓެޑް ދިގުވާނޑޮއަށް ދެން ލަނޑު ޖަހައިދިނީ މުޙައްމަދު ވިޝާހު އިބްރާހީމް (ވިއްޓު) އާއި އަލީ ހައިޝަމް (ޗުމްޕު) އެވެ. ޑީއެސްއާރުސީ ޖޫނިއަރގެ ދެ ލަނޑު ޖެހީ އަލީ ރަޔާން މުޙައްމަދާއި މުހައްމަދު ލޫތް އާގިސް އެވެ.
ތިންވަނަ މެޗު 3-2 ން ކާމިޔާބުކުރީ ގަލޯނާ ސްޕޯރޓްސް ކްލަބް އެވެ. އެއީ ޔުނައިޓެޑް ދިގުވާންޑޮ ސްޓްރައިކަރސްއާ ވާދަކޮށް 3-2 ނެވެ. މެޗުގައި ގަލޯނާގެ ތިން ލަނޑުވެސް ޖެހީ ފުރަތަމަ ހާފްގައެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ސިނާހު އެވެ. އަނެއް ލަނޑު ޖެހީ އިސްމާއީލް މާދިހު އެވެ. ޔުނައިޓެޑް ދިގުވާންޑޮ ސްޓްރައިކަރސްގެ ދެ ލަނޑު ޖެހީ އަލީ ޝިނާޒު ހުސެއިން އާއި އިބްރާހީމް ޝުޖާއު އެވެ.
މުބާރާތުގައި މިރޭވެސް ތިން މެޗު ކުޅޭނެއެވެ.