ޚަބަރު

އެމްއެމްއޭގެ 2 ގަވާއިދަކަށް ޚިޔާލު ހޯދަނީ


  • ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 26 އޮގަސްޓުގެ ނިޔަލަށް އޮންނާނެ

  • މާލީ އިދާރާތަކާއި ކަމާބެހޭ މުއައްސަސާތަކުގެ ޚިޔާލުވެސް ހޯދާނެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ 2 ގަވާއިދަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

އެމްއެމްއޭއިން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއުޑެލިޖަންސް ރެގިއުލޭޝަނަށެވެ.

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވާއިދެކެވެ. އަދި ކަސްޓަމަރ ޑިއު ޑެލިޖަންސްގެ ގަވާއިދަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި، އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުޠުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ 15:00އާ ހަމައަށް އޮންނާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. ޚިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.

މި ގަވާއިދުތަކަށް މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ޚިޔާލާއި މަޝްވަރާވެސް ހޯދާނެއެވެ.