ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫޢުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާއި މުޢާމަލާތްކުރާނީ އެކަމަށް ޚާއްސަކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ކަމަށާއި، އެހެންކަމުން ޤަވާއިދުން ޕޯޓަލް ޗެކްކުރުމަށް ބިނާރާއި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާއިން އިލްތިމާސް ކުރައްވައިފިއެވެ.
ފޯމު ހުށައެޅުމާ ގުޅޭ އެންމެހާ މަރުހަލާތައް ނިމި، މިހާރު ކުރިއަށްގެންދަނީ އެޕްލިކަންޓުންގެ ގޯތި ގެދޮރާއި ބިންވެރިކަމާއި ގުޅޭ މަޢުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތްތަކެވެ.
ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢަށް 58،585 ފޯމު ހުށަހަޅާފައިވާއިރު، މިހާރު ކުރިއަށްގެންދަނީ ފޯމުތައް ވެރިފައި ކުރުމުގެ މަރުޙަލާއެވެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލުތައް، ސިޓީކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައިވެސް ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް އެއްކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ރަޖިސްޓްރީއާ ގުޅިގެން ފުށުއަރާ މީހުންނަށް އެކަން އަންގާ، އެކަމަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ، މި މަޢުލޫމާތު ބަލާނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމަކުން ކަމަށެވެ. މިގޮތަށް މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އަންގާނީ، ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. ފުށުއަރާ މީހުން، އެކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށް ނިންމާފައިވަނީ، މިހާރު ރާއްޖޭގެ ކަމާގުޅޭ ބައެއް އިދާރާތަކުގައި ހުރި މަޢުލޫމާތުތަކަކީ އެންމެ ރަނގަޅަށް ބަލަހައްޓާ، އަދާހަމަ ކުރެވިގެން އައިސްފައިވާ މައުލޫމާތުތަކަށްނުވާތީ، އެކަން ފޯމުގެ ވެރިފަރާތައް އަންގާ އެއަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށެވެ.
"7 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ނުދީފިނަމަ އެ މަޢުލޫމާތު ރަނގަޅުކުރުމަށް ދިން މުއްދަތު ބަންދުވާނެ. މިލްކުވެރިކަމާ ގުޅޭ މި ބައި، މިއީ ފުލީ އޮޓަމޭޓެޑް ބައެއް. ސިސްޓަމުން އެ މަޢުލޫމާތު ސައްޙަކަން ނޫންކަމަށް ފްލޭގް ކުރީމަ އެކަން މި އަންގަނީ އެޕްލިކަންޓަށް. ޖަވާބުދާރީވާން ފުރުޞަތެއް މި ދެނީ." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، މިލްކުވެރިކަމާ ގުޅޭ އެންމެހާ މަޢުލޫމާތުތައް ކަމާގުޅޭ އިދާރާތަކުން ހޯދާ، ޕޯޓަލް މެދުވެރިކޮށް އޮޓަމޭޓެޑް ސިސްޓަމްއަކުން އެކަން ބެލޭނެ ގޮތް ހަދާފައިވާ ކަމަށެވެ.
"ކައުންސިލެއްގައި ހުރެދާނެ އަދާހަމަ ނޫން މަޢުލޫމާތު، ޝަރުޢީ މަރުހަލާއެއްގައި އޮވެދާނެ ކަމެއް، ތަރިކަ މުދަލުގެ މައްސަލައެއް އޮވެދާނެ. އެކަން ރަނގަޅަށް ރަޖިސްޓަރ ނުވެ އޮވެދާނެ. އެޕްލިކަންޓަށް އެންމެ ރަނގަޅަށް އިނގޭނީ އޭގެ ޙަގީގަތް ބުނެދޭން. އެހެންވީމަ އެކަން ސާބިތުކޮށްދެން ފުރުޞަތެއް މި ދެނީ." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މިލްކުވެރިކަމާ ގުޅޭ މަޢުލޫމާތުގެ އިތުރުން، ތަޢުލީމާއި ވަޒީފާއާއި ދަފްތަރާ ގުޅުންހުރި މަޢުލޫމާތުތައްވެސް ކަށަވަރު ކުރުމުގެ މަރުޙަލާތައް މިހާރު ވަނީ ފަށާފައެވެ. އެކަންކަމާ ގުޅޭ މަޢުލޫމާތުތައް ކަމާގުޅޭ އިދާރާތަކުން ހޯދަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ނާޒިމް ވަނީ ޤަވާއިދުން ޕޯޓަލް ޗެކް ކުރަމުން ގެންދިއުމަށާއި، ޖަވާބުދާރީވުމުގެ މަރުޙަލާ ކަނޑައަޅާފައިވާ 7 ދުވަހުގެ މުއްދަތުގައި ޖަވާބުދާރީވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އިލްތިމާސް ކުރައްވާފައެވެ. މި އެންގުން އަންގާނީ، ކަނޑައަޅާ ވަކި ތަރުތީބަކުން ނޫނެވެ. މިއީ، ސިސްޓަމްއިން އޮޓަމޭޓް ޕްރޮސެސްއަކުން ކުރިއަށްގެންދާ މަރުޙަލާއެކެވެ.
އަދި އެފަދަ ކަމަކާ ގުޅޭ މަޢުލޫމާތެއް ފޯރުކޮށްދޭން އެ މުއްދަތުގައި ދަތިވިނަމަވެސް، އެކަން 7 ދުވަހުގެ މުއްދަތުގެ ތެރޭގައި އަންގާ، އެކަމުގެ މުޢާމަލާތްތައް ފެށުމަށް އެދިލެއްވިއެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޑިސެމްބަރު މަހަށް ވެރިފިކޭޝަން މަސައްކަތްތައް ނިންމާ، ޑިސެމްބަރު މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓް އާއްމުކުރުމަށެވެ.