ޚަބަރު

"ޤާނޫނަށް ގެންނަ އިސްލާހުން ފަޅުރަށްތަކަށް އިންވެސްޓްމަންޓުތައް ފަހިވާނެ"


  • ފަޅުރަށްތަކާބެހޭ ޤާނޫނަށްވެސް ޒަމާނާ އެއްގޮތަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ވިދާޅުވި

  • ފަޅު ރަށްތަކުގެ ކުލި އަލުން ކަނޑައަޅަން 6 މަސް ދުވަސް ދީފައިވޭ

ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ އައު ޤާނޫނާއެކު އިޤްތިޞާދަށް އައު ދިރުމެއް ލިބި، ދައުލަތަށް އޭގެ ސަބަބުން މަންފާތަކެއްކޮށް އައު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވުމާއި ގުޅިގެން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި "ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ޤާނޫނު" ވެފައިވަނީ، ދިވެހި އިޤްތިޞާދަށް އިންޤިލާބީ ބޮޑެތި ފައިދާތަކެއް ގެނެސްދޭނެ މުހިންމު ފެށުމަކަށެވެ. މި އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1988 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އައި ޤާނޫނު ވަނީ އުވިފައެވެ. އެ ޤާނޫނަށް އެންމެފަހުން އިޞްލާޙެއް ގެނެސްފައިވަނީ، 2022 ގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކަކީ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށެވެ. ޒަމާނުއްސުރެ ރާއްޖޭގެ ފަޅުރަށްތަކާއި، ފަޅުތައް ބޭނުންކުރަމުން އައީ މަދު ދާއިރާތަކަކަށް ހަނިވެފައިވާ އުޞޫލުތަކެއްގެ ދަށުން ކަމަށެވެ. ނަމަވެސް، ޒަމާނަށް އަންނަ ބަދަލުތަކާއެކު މި ވަސީލަތްތަކުން ޤައުމަށް ލިބޭ މަންފާ އިތުރުކުރުމަށް ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ޤާނޫނެކޭ އެއްފަދައިން މި ޤާނޫނަށްވެސް ޒަމާނާ އެއްގޮތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. ކުރީގެ ޤާނޫނު އޮތްގޮތުން ސިނާޢީ އެކިކަހަލަ އިޤުތިޞާދީ ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދެވެން ނޯންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އައު ޤާނޫނުގެ ސަބަބުން އެކިއެކި ބޭނުންތަކަށް ފަޅުތައް ނަގައިގެން އިންވެސްޓްކުރުމުގެ ފުރުޞަތު ފުޅާވެ، އިޤްތިޞާދަށް އޭގެ އެދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ޤާނޫނު ތަޞްދީޤުކުރާތާ 30 ދުވަސްފަހުން ޢަމަލުކުރަން ފަށާއިރު، އެ މުއްދަތުގެ ތެރޭގައި ކަމާގުޅޭ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރުވެސް އެބަހުރި ވަރަށް ގިނަ އެގްރީމެންޓުތަކެއް މަސްވެރިކަމަށް އަދި ދަނޑުވެރިކަމަށްވެސް ދޫކޮށްފަހުރި. އެއެގްރީމެންޓުތަކުގެ ރެންޓް ބަދަލުވެގެންދާނެ. އަދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ޤާނޫނަަށް އަމަލުކުރަންވާއިރަށް އަޅުގަނޑުމެން މިކަމާ ގުޅުންހުރި ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުންމިދަނީ. ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ ޤާނޫނުން އިޤުތިސާދީގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ." ވަޒީރު ވިދާޅުވިއެވެ.

އަލަށް ގެނައި މި ބަދަލުތަކުގެ މައިގަނޑު މަޤުޞަދަކީ ދަޢުލަތުގެ ވަސީލަތްތައް އެންމެ އިންޞާފުވެރި އަދި އިޤުތިޞާދީ ގޮތުން އެންމެ މަންފާހުރި ގޮތެއްގައި ބޭނުންކުރުމުގެ ހަރުދަނާ އުޞޫލުތަކެއް ޤާއިމުކުރުމެވެ. މިގޮތުން ފަޅުތައް ކުއްޔަށް ދޫކުރުމުގެ އުޞޫލުތައް ސާފުކޮށް ކަނޑައެޅިގެން ދިއުމަކީ، ދަޢުލަތަށް ލިބޭ މަންފާ އިންތިހާއަށް އިތުރުވެގެންދާނެ ކަމެކެވެ. ފަޅުގެ ކުލީގެ އިތުރުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެގެންދާއިރު، އެކުއަކަލްޗަރ އަދި މެރިކަލްޗަރ ފަދަ ތިމާވެށްޓާ ރައްޓެހި، އައު އިޤުތިޞާދީ ސިނާޢަތްތައް ރާއްޖޭގައި ފުޅާވުމަށް މަގުފަހިވެގެންދާނެއެވެ.

ޤާނޫނުގައިވާ ގޮތުން ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައެޅުމުގެ ބާރު ކުރިއެކޭ އެއްގޮތަށް ލިބިގެންވަނީ، ރައީސުލްޖުމްހޫރިއްޔާއަށެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ސިނާޢީ، އިޤުތިޞާދީ އަދި އިޖުތިމާޢީ ބޭނުންތަކުގެ އިތުރުން ދައުލަތުގެ އެކި ބޭނުންތަކަށް ރައީސަށް ފަޅުރަށްތައް ކަނޑައެޅިދާނެއެވެ. އަދި އެތައް އަހަރެއް ކުރިން ކުޑަ ކުއްޔަކަށް ވަރުވާއަށް ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ކުލި އަލުން ކަނޑައަޅަން އަލަށް ފާސްކުރި ޤާނޫނުގެ ދަށުން 6 މަސް ދުވަހުގެ މުއްދަތެއް މިވަނީ ދީފައެވެ.

ޤާނޫނުގައިވާ ގޮތުން، އެކި ބޭނުންތަކަށް ކަނޑައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ، 21 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރުނުވާގޮތަށް ހަމަޖެއްސޭނެއެވެ. އަދި ވަރުވާއަށް ދޫކުރެވޭނީ، ވަކި ބޭނުމަކަށް ޚާއްސަކޮށްފައިނުވާ ރަށްތަކެއް ކަމަށާއި، ވަރުވާއަށް ދޫކުރާ މުއްދަތަކީ ގިނަވެގެން 5 އަހަރު ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި ޤާނޫނުގެ ދަށުން ފަޅުރަށްތައް ދޫކުރާ ރޭޓުތައްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސިނާޢީ އަދި އިޤުތިޞާދީ ބޭނުންތަކަށް އަކަމީޓަރަކަށް އަހަރަކަށް 3 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުރަށްތަކުން އަކަމީޓަރަކަށް އަހަރަކަށް 2.50 ރުފިޔާ ނެގުމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިޖުތިމާޢީ ބޭނުމަށް، އަކަމީޓަރަކަށް އަހަރަކަށް 2 ރުފިޔާ ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި މި ޤާނޫނުގައި ވަނީ، ޖޫރިމަނާތަކެއް ކަނޑައަޅާފައެވެ. އެގޮތުން ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ 500,000 (ފަސްލައްކަ) ރުފިޔާ އަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ފަޅުރަށެއްގައި ނުވަތަ ފަޅެއްގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 1,000,000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.