ހުޅުމާލެއަކީ ޕްލޭންކުރެވިގެން ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ. ހުޅުމާލޭގެ މަގުތަކަކީވެސް ވަކި ޕްލޭނަކާ އެއްގޮތަށް ފަރުމާކޮށްފައިވާ މަގުތަކެވެ. ޕަކިންގއަށް ޚާއްސަ ސަރަޙައްދުތަކެއް ހުރިއިރު ބައެއް ސަރަޙައްދުތަކަށް މަޑުކުރުމަކީ ރައްކާތެރިކަމެއް ނޫނެވެ. މިގޮތުން ވިނަރެސް ސަރަޙައްދުގައި ދުއްވާފައި އުޅުމުގައިވެސް އަދި ހިނގާބިނގާ އުޅުމުގައިވެސް ސަމާލުކަންދޭންޖެ ކަންތައްތަކެއް ހުރެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކުރިމަތީގައި އޮންނަ މައި މަގަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ބޭނުންކުރާ ކާރޫބާރު ބޮޑު މަގެކެވެ. މަގުގެ ދެފަރާތުގައި ވިނަރެސްގެ ޓަވަރުތައް ތަރައްޤީކޮށްފައިވަނީ މަގުގައި ކާރާއި ސައިކަލުވެސް މަޑުނުކުރާގޮތަށެވެ. ދެކޮޅަށް ދުއްވޭގޮތަށް ފަރުމާކޮށްފައިވާ އެމަގުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ސައިކަލުވެސް މަގަށް މަޑުނުކޮށް ރައްކާތެރިކަމާއެކު މީހުން އަރާފޭބުމަށް ޚާއްސަ "ޑްރޮޕް އޮފް" ސަރަޙައްދުތަކެއް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ހެދިފައިވާ އުސޫލުން ތަންތަނުގެ ބޭނުންނުކުރާ ކަަން ފާހަގަކުރެވެއެވެ. ސައިކަލާއި ކާރު ޕާކުކުރެވޭނެ އިންތިޒާމު ވިނަރެސް ޓަވަރުތަކުގައިވެސް ވަނީ ހަމަޖެހިފައެވެ.
ވިނަރެސް ސަރަޙައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކަށާއި ޓެކްސީތަކަށް މީހުން އެރުވުމަށާއި ބޭލުމަށް ބައެއް އުޅަނދުތައް ދުއްވާ މީހުން މަގަށް މަޑުކުރެއެވެ. އަދި މަގުގެ އަނެއް ފަޅިންދާ ޓެކްސީއަށް އެރުމަށްޓަކައި މަގު ހުރަސްކޮށް އައުމަށް ޓެކްސީ ނަގާފަރާތުގެ ކިބައިން އެދެއެވެ. މަގުގެ އެކި ސަރަޙައްދުތަކުގައި މަގު ހުރަސްކުރުމަށް ކަފިހި ހުރަސް ކަނޑައަޅާފައިވީނަމަވެސް ވިނަރެސް ސަރަޙައްދުގައި މަގު ކަފިހިހުރަސް ނެތް ސަރަޙައްދުތަކުންވެސް މަގު ހުރަސްކުރާ މަންޒަރުފެނެއެވެ. އެއީ ދުއްވާފައިވާ ފަރާތަށާއި ތިމާއަށްވެސް އެހުށައެޅެނީ ބޮޑު ނުރައްކަލަކަށެވެ.
އުޅަނދުތައް ދުއްވާ ފަރާތްތަކާއި ހިނގާބިނގާވެ އުޅެ ފަރާތްތަކުންވެސް ރައްކަތެރިކަމަށްޓަކައި ބަލަންޖެހެއެވެ. ތިމާއެކޭ އެއްފަދައިން އަނެކާ ނުރައްކަލަށް ހުށައެޅިދާނެ ފަދަ ކަންކަމުން ދުރުވާންޖެހެއެވެ. މަގަކީ އެންމެންގެ ތަނެކެވެ. އެހެންކަމުން މަގުގެ އަމާންކަން ކަށަވަރުކުރުމަށް އެންމެންވެސް ވިސްނުން ބަހައްޓަންޖެހޭ ގިނަ ކަންކަން އެބަހުރެއެވެ.