ޚަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް މަޝްވަރާކޮށްފި


  • މި މަޝްވަރާތައް ކޮށްފައިވަނީ މޯލްޑިވިއަނާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު

  • ދަތުރުކުރާ މަންޒިލްތަކުގައި މާކެޓްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރި

  • މޯލްޑިވިއަނުން ބައިނަލްއަޤްވާމީ 4 މަންޒިލަކަށް ދަތުރުކުރޭ

ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްއާއި މޯލްޑިވިއަންއާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތަކުގައި މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އެއަރ ކަނެކްޓިވިޓީ އިތުރުކޮށް ރާއްޖޭގެ ފަތުރުވެރިކަން 2 ކުންފުނި ގުޅިގެން ކުރިއެރުވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

މޯލްޑިވިއަނުން އަލަށް ފަށާ މަންޒިލްތައް އިތުރުކުރުމާއި، އެ މަންޒިލްތަކުގައި މާކެޓްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ދެ ކުންފުނިން ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ގޮތްތައް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.


މޯލްޑިވިއަނުން މިހާރުވެސް ދަނީ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްއަށް ދަނީ ދަތުރުކުރަމުންނެވެ. މިއިން ކޮންމެ މަންޒިލަކަށް ހަފްތާއަކު 5 ދަތުރު ދަނީ ކުރަމުންނެވެ. އަދި އަންނަ ޑިސެމްބަރ މަހުން ފެށިގެން ހަފްތާއަކު 6 ދަތުރަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން ދަނީ ބަންގްލަދޭޝްއަށް ހަފްތާއަކު 2 ދަތުރު، ޗައިނާގެ ބެއިޖިން އަދި ޗެންގްޑޫއަށް ހަފްތާއަކު 1 ދަތުރު އަދި އޮސްޓްރޭލިއާގެ މެލްބާންއަށް ހަފްތާއަކު 1 ދަތުރުކުރަމުންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.