އާސަންދައަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޞިއްޙީ ފަރުވާއަށް ލުއިފަސޭހަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައާރަފްކޮށްފައިވާ ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމެވެ.
މިފަދަ ނިޒާމެއްގެ ބޭނުމަކީ އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ބޭސްފަރުވާގެ ޚިދުމަތުން އެންމެ އާދައިގެ ރައްޔިތު މީހާވެސް ބާކީ ނުވާކަން ކަށަވަރުކޮށްދިނުމެވެ.
އާސަންދަ ނިޒާމް ހަރުދާނަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް 2024ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ފައްޓަވާފައެވެ. އޭރު މާލީ ވުޒާރާއާއި އާސަންދައިން ވަނީ ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ރައްޔިތުންނަށް އެންމެ ބޭނުން ހިފޭފަދަ ނިޒާމަކަށް އެ ނިޒާމު ހެދުމަށް މަސައްކަތްކުރާކަން ހާމަކުރައްވާފައެވެ.
މީގެކުރިން މި ނިޒާމަށް ގެންނަވާފައިވާ އެހެނިހެން ބަދަލުތަކަށް ބަލާއިރު، ރާއްޖޭގައި ލިބެން ހުންނަ ފަރުވާތައް ބަލިމީހާގެ ހާލަތަށް ބަލައި، ރާއްޖެއިން ބޭރުން އާސަންދަ ލިބޭގޮތަށް މި އަހަރުގެ ތެރޭގައި ހަމަޖެއްސުން ފާހަގަކޮށްލެވެއެވެ. މީގެކުރިން ރިފަރެލް ދެމުން އައީ ރާއްޖެ އިން ނުލިބޭ ފަރުވާ ހޯދުމަށް އެކަންޏެވެ. އެހެންކަމުން މި ނިޒާމަށް ގެންނަ ބަދަލުތަކުގެ މައިގަނޑު ފޯކަސްއަކީ އާއްމު މީހާއަށް އެންމެ ބޮޑަށް އޭގެ ފައިދާކުރާނެގޮތަކަށް ނިޒާމް ރާވާލުމެވެ.
މި ނިމުނު ހަފްތާގެ ތެރޭގައި މި ނިޒާމަށް ގެނައި ބަދަލަކީ މުހިންމު ބޮޑު ބަދަލެކެވެ. އެގޮތުން، 60،000 ރުފިޔާ އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ހަމަޖައްސަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ ހަފްތާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މުއްސަނދިންނަށް އެހެން އާއްމުންނާއި އެއްފަދައިން އާސަންދަ ނިޒާމުގެ ތެރެއިން ހުރިހާ ފަރުވާއެއް ލިބުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެ ބަދަލުތައް އަންނަ މަހުން ފެށިގެން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"60،000 ރުފިޔާއިން މައްޗަށް މުސާރަ ލިބޭ ފަރާތްތަކުން ކޯޕޭ ނުވަތަ ޕްރީޕޭ ނިޒާމެއްގެ ތެރެއިން އާސަންދަ ލިބޭނެ. އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެންކަންކަމަށް ޚަރަދުކުރަން ލިބޭނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިހާތަނަށް އާސަންދަ ނިޒާމު ރޭވިފައި އޮތީ، އެންމެ މުއްސަނދި މީހާއަށްވެސް އަދި އާދައިގެ މީހާއަށްވެސް އެ ނިޒާމުގެ ދަށުން އެއްވެސް ތަފާތުކުރުމެއްނެތި ޚިދުމަތް ލިބޭގޮތަށެވެ. އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު ސްވެޑެން، ނޯވޭ، ކެނެޑާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުން ޞިއްޙީ ނިޒާމަށް ބޮޑު ހޭދައެއްކުރިނަމަވެސް ހިލޭ ބޭސްފަރުވާގެ ނިޒާމެއް އެ ޤައުމުތަކުގައި ޤާއިމްވެފައއް ނޯވެއެވެ.
ބޭސްފަރުވާގެ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތަކީ، ހަޤީޤަތުގައި އެއްވެސް ޚަރަދެއް ނުހިނގާ ކަމެއް ނޫނެވެ. ސަބަބަކީ، ހޮސްޕިޓަލްތަކަށް ބޭނުންވާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ބޭހާއި، މެޑިކަލް އިކުއިޕްމަންޓްތަކާއި، އިމާރާތްތަކުގެ އިތުރުން ޓެކްނޮލޮޖީއަކީ ބޮޑު ހޭދައެއް ހިނގާ ކަންކަމެވެ.
ބަލިމީހުން އަތުން ސީދާ ފައިސާ ނުނަގާނަމަ، އެ ޚަރަދުތައް ކުރަންޖެހެނީ ސަރުކާރުންނެވެ. އެހެންކަމުން އެ ޚަރަދަކީ އެންމެ ބޭނުންޖެހިފައިވާ މީހާއަށް ކުރާ ޚަރަދެއްކަން ކަށަވަރަކުރުން މުހިންމުވެއެވެެ.
ޤައުމުތަކުގައި ކަންކަން ހިނގާ އުސޫލުތަކަށް ބަލާއިރު، އާންމުގޮތެއްގައި ސަރުކާރުތަކުން މި ފައިސާ ހޯދަނީ ޓެކްސްގެ ގޮތުގައާއި ސޯޝަލް އިންޝުއަރެންސް ކޮންޓްރިބިއުޝަންގެ ގޮތުގައި ނަގާ ފައިސާއިންނެވެ. އޯއީސީޑީގެ ޤައުމުތަކަށް ބަލާއިރުވެސް ޞިއްޙީ ދާއިރާއަށް ކުރާ ޚަރަދުގެ ބޮޑު އިންސައްތައެއް ޚަރަދުކުރަނީ ދައުލަތުގެ ބަޖެޓުންނެވެ. މިއިން ދޭހަވަނީ ޞިއްޙީ ޚިދުމަތްތައް މިހާރުވެސް ދައުލަތުގެ ފައިސާއަށް ބަރޯސާވެފައިވާ މިންވަރެވެ.
ހިލޭ ބޭސްފަރުވާ ފޯރުކޯށްދޭ ބައެއް ޤައުމުތަކަށް ބަލާލާއިރު ފާހަގަކޮށްލެވޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން މޮރިޝަސްގައި ހިލޭ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެނީ އެ ޤައުމުގެ ދައުލަތުގެ ޞިއްޙީ ނިޒާމުގެ ތެރެއިންނެވެ.
އަމިއްލަ ހޮސްޕިޓަލުތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުން ފީ ދައްކަންޖެހެއެވެ. އަދި އެ ޤައުމުގެ ދައުލަތުގެ ޞިއްޙީ ނިޒާމަށް ފައިސާ ހޯދަނީ ޓެކްސްގެ ނިޒާމުގެ ތެރެއިންނެވެ. މީގެއިތުރުން ސްރީލަންކާގަވެސް ސަރުކާރުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް މެދުވެރިކޮށް ހިލޭ ޞިއްޙީ ޚިދުމަތް ފޯރުކޮށްދެއެވެ.
މެލޭޝިއާގައިވެސް ޞިއްޙީ ޚިދުމަތަށް ބޮޑު ސަބްސިޑީއެއް ހޭދަކުރެވެ. މި ޤައުމުތަކަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކެވެ. އެހެންކަމުން ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ އެހެނިހެން ޤައުމުތަކާ އަޅާބަލާއިރު އެ ޤައުމުތަކުން އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ޓެކްސްއަށް ބަރޯސާވެއެވެ.
އެ ޤައުމުތަކާއި ޚިލާފަށް ރާއްޖޭގައި ނަގާ ޓެކްސްތައް ބޮޑުކޮށްގެން ޞިއްޙީ ނިޒާމް ހިންގުމުގެ ވިސްނުން ސަރުކާރުން ގެންގުޅެފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިހާރު އަޅާ ފިޔަވަޅުތަކަކީ އާސަންދައިގެ ޚިދުމަތް އެފިޝިއެންޓްކޮށް، އާސަންދަ ނިޒާމަށްކުރާ ޚަރަދު އެންމެ ބޭނުންތެރި ގޮތުގައި ހޭދަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ސަބަބަކީ މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބެލެވުމެވެ.
އާސަންދަ ނިޒާމުގައި އަދިވެސް އިސްލާޙުކުރަންޖެހޭ މުހިންމު ކަންތައްތައް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް އެންސްޕާއިން މީގެކުރިން ފާހަގަކުރައްވާފައިވެއެވެ. އަދި މި ޚަރަދުގެ އެންމެ ބޮޑު ދައްކަންޖެހެނީ އެންސްޕާއިންކަން ފާހަގަކޮށްލެވެއެވެ.
އެހެންކަމުން، ނިޒާމަށް ނުކަތާވަރަށް އަގުބޮޑުކޮށް ޚިދުމަތް ދިނުން ހުއްޓުވުމާއި، ބައެއް ޓެސްޓުތަކާއި، އޮޕަރޭޝަންތަކާއި، ބަލި މީހާއަށް ދޭ ބޭހަކީ އެކަށީގެންވާ މިންވަރަށް، އަދި ބޭނުންކުރަން ޖެހޭ އެއްޗެހިތޯ ބެލޭނެ އިންތިޒާމުތަކެއް އެކުލަވާލުމަކީ، އާސަންދަ ނިޒާމު އެންމެ އެދެވޭގޮތުގައި ބޭނުންކުރުމަށް ގެނައުން މުހިންމު ބަދަލުތަކެވެ.