ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވިގެން ދިޔައީ މީގެ 58 އަހަރު ކުރިން 1968 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގައެވެ. ސެޕްޓެންބަރު 1968 ގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރުމަށްފަހު، މައިގަނޑު ގޮތެއްގައި ޚާރިޖީ ކަންކަމުގައި މުއާމަލާތް ކުރަމުންދިޔައީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ މެލޭޝިއާ ހައިކޮމިޝަން މެދުވެރިކޮށެވެ.
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ މެލޭޝިއާ ސަފީރެއްގެ މަސައްކަތްޕުޅު އަދާކުރެއްވީ، އޭރު ލަންކާއާއި އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނެވި މެލޭޝިއާ ސަފީރު އަދި އެ ޤައުމުގެ ޝާހީ އަމީރެއްކަމަށްވާ، ޓެންގކޫ އިންދްރާ ޕެޓްރާއެވެ.
1968 ވަނަ އަހަރު ޤާއިމުކުރި ގުޅުން އިތުރަށް ބަދަހިވަމުން އައިސް، 2006 ވަނަ އަހަރު މެލޭޝިއާގެ ކުއާލަލަންޕޫރުގައި ދިވެހިރާއްޖޭގެ ހައިކޮމިޝަނެއް ޤާއިމުކުރެވުނެވެ. ރާއްޖެއިން މެލޭޝިއާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރަކީ ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި މިދްހަތު ހިލްމީއެވެ.
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަކީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ނޫނެވެ. ނަމަވެސް އެއީ ދެ ޤައުމުގެ އިޖްތިމާޢީ އަދި އިގްތިޞާދީ ތަރައްގީއާ ގުޅިފައިވާ މުހިންމު ގުޅުމެކެވެ. އެ ގުޅުމުގެ ތެރެއިން ދެ ގައުމުގެ ވެރިން ފުރަމާނަ ދަތުރުފުުޅުތައް ބާއްވާފައިވާއިރު، އެ ދަތުރުފުޅުތަކުގައި ކުރެވުނު މަސައްކަތްތަކާއެެކު ދެ ޤައުމަށްވެސް ދަނީ އެކި ރޮނގުރޮނގުން ފައިދާތަކެއް ލިބެމުންނެވެ.
މެލޭޝިއާއާއި ރާއްޖޭގެ ސިޔާސީ ގުޅުމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހުމަތްތެރިކަމުގެ ގުޅުން ވަނީ ދެ ގައުމުގެ ވެރިންނާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވެސް އުފެދިފައެވެ. މެލޭޝިއާގެ ތަރައްގީގެ ބާނީ އަދި އެގައުމުގައި ގިނަ ދުވަސްތަކެއް ވެރިކަން ކުރެއްވި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުހައްމަދަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް މިހާރުވެސް ބާއްވަމުން އަންނަ ބޭފުޅެކެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑރ. މަހާތިރު ވަނީ އެމަނިކުފާނުގެ ބޮޑު ވަޒީރުކަމުގެ ފުރަތަަމަ ދައުރުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ. ޑރ. މަހާތިރުގެ އިތުރުން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގްއަކީވެސް ރާއްޖެއާ ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އެމަނިކުފާނުވެސް ވަނީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެ ވަޑައިގެންފައެވެ.
މެލޭޝިއާގެ ވެރިން ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވަމުންދާއިރު، ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ބޭފުޅެއްގެ ވެރިކަމެއްގައިވެސް މެލޭޝިއާއާއެކު ބޭއްވީ ހީނަރުކަމެއް ނާންނަ ބަދަހި ގުޅުމެކެވެ. އަދި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވެސް ގެންދަވަނީ މެލޭޝިޔާއާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ.
މެލޭޝިޔާއާއި ރާއްޖޭގެ ސިޔާސީ ގުޅުމުގެ ތެރެއިން މުހިއްމު އެއްބަސްވުންތަކާއި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ބައިނަލްއަގުވާމީ މައިދާނުގައިވެސް ގުޅިގެން ދެ ގައުމުން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. މުސްލިމް ގައުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މެލޭޝިޔާއަކީ ރާއްޖެ ފަދައިން ކޮމަންވެލްތު އަދި އޯއައިސީގެ މުހިންމު ދެ މެންބަރު ގައުމެއްގެ އިތުރުން ބައިނަލްއަގުވާމީ އެހެން ބައެއް ޖަމާއަތްތަކުގައި ގުޅިގެން މަސައްކަތްކުރާ ދެ ގައުމެވެ.
ދެ ގައުމުގެ އިސްވެރިންގެ މެދުގައި ގަވާއިދުން ބައްދަލުވުންތައް ބޭއްވި، ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި އެއްގޮތް ސިޔާސަތުތަކެއް ދަނީ ގެންގުޅެމުންނެވެ. ޔަހޫދީންނާއި ދެކޮޅަށް އަޑުއުފުލައި، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމުގައިއާއި އެނޫންވެސް ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގެ މެލޭޝިޔާއާއި ރާއްޖެއަކީ އެއްގޮތް ސިޔާސަތުތަކެއްގެ ދަށުން އެއް މިސްރާބަކަށް މަސައްކަތްކުރާ ދެ ގައުމެވެ.
އިންޑިއާ ކަނޑުގައި އޮންނަ މެލޭޝިއާއާއި ރާއްޖެއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނުރައްކާތެރި އަސަރުކުރާ ދެ ގައުމެވެ. އެހެންކަމުން ބައިނަލްއަގުވާމީ މަސްރަޙުގައި ކުދި ޖަޒީރާ ގައުމުތަކުގެ ޙައްޤުތަކާއި، ކަނޑުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ދެ ގައުމުން އަބަދުވެސް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރެއެވެ.
ސިޔާސީ ގުޅުމުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއް ގާއިމްކޮށް، ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާއިރު، އޭގެ ފޮނި ނަތީޖާ މިއަދު އެކި ދާއިރާތަކުން ދަނީ ފެންނަމުންނެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމަކީވެސް ބަސް ވިކޭ ދެ ގައުމެވެ. އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީގެ ތެރެއިން ދެ ޤައުމަށްވެސް ފާގަތިކަމާއި ކުރިއެރުންތައް ދަނީ ލިބެމުންނެވެ.
ދައުލަތާއި ވެރިކަން ހިންގުމުގެ ނިޒާމަށް ހަރުދަނާ ބަދަލުތަކާއި ފާހަގަކޮށްލެވޭ ކުރިއެރުންތައް ދެ ޤައުމުންވެސް ދަނީ ހޯދަމުންނެވެ. މީގެ 58 އަހަރު ކުރިން ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އާދައިގެ ހާރިޖީ ގުޅުމަކުން ފެށުނު ސިޔާސީ ގުޅުން މިއަދު މިވަނީ، ތަރައްގީއާއި ތައުލީމާއި ދީނާއި ސިއްހަތާއި ސަލާމަތާއި ރައްކާތެރިކަމާއި އިޤްތިޞަދީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ސްޓްރެޓީޖިކް ވަރުގަދަ ޕާޓްނަރޝިޕަކަށް ބަދަލުވެފައެވެ.
އެހެންކަމުން މުސްތަގުބަލުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކުރަމުން، އިތުރު ދާއިރާތަކުން އައު ގުޅުންތައް އުފެދި، ތަރައްޤީއާއި ކުރިއެރުމުގައި އައު އުސްމިންތަކަކަށް ދިވެހިރާއްޖެއާއި މެލޭޝިޔާ ވާސިލުވާނެކަމާމެދު ޝައްކެއްނެތެވެ.