ޚަބަރު

އަންވަރު އިބްރާހިމް: ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއް


  • ފާއިތުވި 50 އަހަރު ސިޔާސީ އިސްލާޙީ މަސައްކަތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި

  • ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި މާލީ ވަޒީރުގެ މަޤާމުވެސް ފުރުއްވެވި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އަކީ ފާއިތުވި 50 އަހަރު އިސްލާޙީ ހަރަކާތްތެރިކަމާއި ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާފައިވާ ވަރުގަދަ ޝަޚުސިއްޔަތެކެވެ. 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި މާލީ ވަޒީރުގެ މަޤާމު ވެސް ފުރުއްވައިފައެވެ. އިދިކޮޅި ޕާޓީގެ ވެރިޔާގެ ގޮތުގައި ވެސް އޭނާ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާއިރު، އެ މަނިކުފާނު ޖަލުގައި ވެސް ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ.

1947ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10ވަނަ ދުވަހު މެލޭޝިއާގެ ޕެނޭންގގެ ޝެރޮކް ޓޮކް ކުންއަށް އުފަންވެވަޑައިގެންނެވި އަންވަރު ބޮޑުވެވަޑައިގަތީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ އާއިލާއެއްގެ ތެރޭގައެވެ. އޭނާގެ ބައްޕާފުޅު، އިބްރާހިމް އަބްދުލްރަޙްމާން އަކީ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން، ޔޫއެމްއެންއޯގެ ސިޔާސީވެރިއެއްގެ ގޮތުގައި އުޅުއްވި ބޭފުޅެެކެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ކަން ވެސް އޭނާ ޢަދާކުރައްވާފައިވެއެވެ. އަންވަރުގެ މަންމާފުޅު، ޝޭ ޔާން އަބްދުލްހާމިދު ޙުސައިން އަކީ ވެސް މުޖުތަމައުގެ ތެރޭގައި ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އަންވަރު ޔުނިވަސިޓީއަށް ވަޑައިގަތުމުގެ ކުރިން ކިޔަވާ ވިދާޅުވީ މެލޭ ކޮލެޖު ކުއަލަ ކެންގސަރުންނެވެ. އޭނާ ޔުނިވަސިޓީއަށް ވަޑައިގަތީ 1968ވަނަ އަހަރު ޔުނިވަސިޓީ އޮފް މަލެޔާއަށެވެ. އޭނާ ޔުނިވަސީޓީގައި އުޅުއްވި ދުވަސްވަރު ދަރިވަރުންގެ އިޖުތިމާޢީ އަދި ސިޔާސީ ހަރަކާތްތެރިކަމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.

ދަރިވަރެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރު މުސްލިމް ދަރިވަރުންގެ ޖަމްއިއްޔާތަކާއި ޒުވާނުންގެ ހަރަކާތްތަކުގައި އަންވަރު ބައިވެރިވެވަޑައިގަންނަވަމުން ދިޔައެވެ. އޭނާ ވަނީ މުސްލިމް ޔޫތު މޫވްމަންޓް އޮފް މެލޭޝިއާ، އޭބީއައިއެމް އުފެއްދެވުމަށް އެހީތެރިވެވަޑައިގެންފައެވެ. އެ ޖަމްޢިއްޔާގެ ރައީސްގެ މަޤާމަށް އޭނާ ހޮވިވަޑައިގަތީ 1974ވަނަ އަހަރުގެ ތެރޭގައެވެ. އެ ދުވަސްވަރު ޒުވާނުންގެ މެދުގައި އޭނާ މަޤުބޫލުކަން ހޯއްދަވައި، ނުފޫޒުގަދަ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައި އޭނާ މަޝްހޫރުވެވަޑައިގެންނެވިއެވެ.

ނަމަވެސް އޭނާގެ އެ މަސައްކަތްތަކަށް އަގެއް ޢަދާ ކުރައްވަން ޖެހުނެވެ. 1974ވަނަ އަހަރުގެ ތެރޭގައި ރަށްފުށު ސަރަޙައްދުތަކުގެ ހާލަތާ ގުޅޭ ގޮތުންނާއި ފަޤީރުކަމާ ދެކޮޅަށް ކުރި މުޒާހަރާތަކަކާ ގުޅިގެން އޭނާ ވަނީ މެލޭޝިއާގެ ދާޚިލީ ސަލާމަތާބެހޭ ޤާނޫނުގެ ދަށުން ބަންދުކޮށްފައެވެ. އޭނާ ބަންދުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވިއެވެ. މި ގޮތަށް ހަރަކާތްތެރިވި ފުރަތަމަ އަހަރުތަކުގެ ތެރޭގައި އަންވަރު ވަނީ އޭނާގެ ސިޔާސީ ޙަޔާތަށް ކޮންމެހެން މުހިންމު ސިފަތަކެއް އޭނާގެ ކިބައިގައި އަށަގަންނުވާފައެވެ. އެއީ، ބާރުގައި ތިބި މީހުންނަށް ފަސްޖެހުމެެއް ނެތި ގޮންޖެހުމަށް ކެރިވަޑައިގަތުމާއި، އިސްލާޙީ ހިޔާލުތައް ޢާންމުންގެ މެދުގައި މަޤުބޫލު ކުރުމުގެ ހުނަރެވެ.

1982ވަަނަ އަހަރު އަންވަރުގެ ސިޔާސީ ފިކުރަށް ބޮޑު ބަދަލެއް އައެވެ. ސަރުކާރަށް ފާޑުކިޔާ ބޭފުޅެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ އަންވަރު ވަނީ އޭރުގެ ވެރިކަންކުރާ ޕާޓީ، ޔޫއެމްއެންއޯއާ ގުޅިވަޑައިގެންފަައެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ އޭރުގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދުގެ ދައުވަތަކަށެވެ.

އެހާ ހިސާބުން ސިޔާސީ ދުނިޔޭގައި އޭނާ ކުރިއަރައިގެން ދިޔައީ ވަރަށް ހަލުވިކަމާއެކުގައެވެ. ބޮޑުވަޒީރުގެ ޑިޕާޓްމަންޓުގެ ނައިބު ވަޒީރެއްގެ މަޤާމަށް އޭނާ އިސްކުރެވުނެވެ. އެއަށްފަހު ތަރިކައާއި ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރުގެ މަޤާމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމު ވެސް އޭނާ ފުރުއްވިއެވެ. 1991ވަނަ އަހަރު އޭނާ ވަނީ މެލޭޝިއާގެ މާލީ ވަޒީރުގެ މަޤާމަށް އިސްކޮށްފައެވެ. އަދި 1993ވަނަ އަހަރު ބޮޑުވަޒީރުގެ ނައިބުގެ މަޤާމަށް އިސްކުރެވުނެވެ.

1990ގެ އަހަރުތަކުގައި އަންވަރު ދެކެވިފައި އޮތީ މަހާތިރަށް ފަހު ބޮޑުވަޒީރަށް އިސްވެވަޑައިގަންނަވާނެ ބޭފުޅުގެ ގޮތުގައެވެ. ނަމަވެސް ދެން އައި އަހަރުތަކުގައި މަހާތިރާއި އަންވަރާ ދެމެދު އޮތް ގުޅުން ހީނަރުވެގެން ދިޔައެވެ. އެއީ 1997ވަނަ އަހަރު ކުރިމަތިވި އޭޝިޔާގެ މާލީ ކާރިޘާއާ ގުޅިގެންނެވެ. މާލީ ކާރިޘާއާ ގުޅިގެން މެލޭޝިއާއިން ޢަމަލުކުރާނެ ގޮތަކާމެދު ދެ ބޭފުޅުން ދެބަސްވެވަޑައިގަތެވެ. މަހާތިރު ބޭނުންވެވަޑައިގަތީ ޤައުމުގެ އިޤްތިޞާދު ރައްކާތެރިކުރުމަށް ދައުލަތުން ޢަދާ ކުރާ ދައުރު އިތުރަށް ފުޅާ ކުރުމަށެވެ. ނަމަވެސް އަންވަރު ބޭނުންވެވަޑައިގަތީ ސަރުކާރުން އިޤްތިޞާދުގެ މައްޗަށް ބާރުފޯރުވާ މިންވަރު ކުޑަކޮށް، ކޮރަޕްޝަނާއި، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ ކަންކަމުން ސަރުކާރު ދުރުހެލި ކުރާށެވެ. ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، އެންމެ ފަހުން 1998ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ބޮޑުވަޒީރުގެ ނައިބުގެ މަޤާމުންނާއި މާލީ ވަޒީރުގެ މަޤާމުން އަންވަރު ވަނީ ވަކިކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު ޔޫއެމްްއެންއޯއިން ވެސް އޭނާ ވަކިކުރިއެވެ.

ސަރުކާރުން އަންވަރު ވަކިކުރުމާއެކު ރިފޯމަސީގެ ޙަރަކާތް ފެށިގެން ދިޔައެވެ. އެ ހަރަކާތުގެ ދަށުން ސިޔާސީ އިސްލާޙީ ބަދަލުތައް ގެނައުމަށް ގޮވާލައި އެއްވުންތައް ބާއްވަން ފެށިއެވެ. އަދި މަހާތިރުގެ އިސްތިޢުފާއަށް ގޮވަން ފެށިއެވެ. ރިފޯމަސީގެ މުޒާހަރާތަކާ ގުޅިގެން ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހު ފުލުހުން ވަނީ އަންވަރު ހައްޔަރުކޮށްފައެވެ. އޭރު އޭނާ ހައްޔަރުކޮށްފައި ވަނީ މެލޭޝިއާގެ ދާޚިލީ ސަލާމަތާބެހޭ ޤާނޫނުގެ ދަށުންނެވެ. އޭގެ ފަހުން އޭނާއާ ދެކޮޅަށް ކޮރަޕްޝަން ހިމެނޭހެން އިތުރު ދައުވާތަކެއް ކޮށްފައިވާއިރު، އަންވަރު ވިދާޅުވަމުން ދިޔައީ އެއީ ސިޔާސީ މަޤްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. 1999ވަނަ އަހަރުގެ އޭޕްރިލް މަހު އޭނާ ހަ އަހަރަށް ޖަލަށް ލުމުން އޭނާ ދެން ވެގެން ދިޔައީ އިދިކޮޅު ހަރަކާތުގެ އެންމެ ފާހަގަކޮށްލެވޭ ޝަޚުސިއްޔަތަށެވެ.

ޖަލު ހުކުމް ތަންފީޛުކޮށް ނިންމައި 2004ވަނަ އަަހަރު ޖަލުން ސަލާމަތްވެވަޑައިގަތުމަށް ފަހު އަންވަރު އަނެއްކާ ވެސް ސިޔާސީ މަސައްކަތްތަކުގައި ޝާމިލުވެވަޑައިގަތެވެ. 2008ވަނަ އަހަރު އޭނާ ވަނީ ޤާނޫނުހަދާ މަޖިލީހަށް އަނެއްކާ ވެސް އިންތިޚާބުވެވަޑައިގެންފައެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރަށް ވެވަޑައިގަތެވެ. 2013ވަނަ އަހަރުގެ އާންމު އިންތިޚާބުގައި އިދިކޮޅު އިއްތިޙާދުން ވަނީ މަޤުބޫލު ވޯޓުގެ މެޖޯރިޓީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ގިނަ ގޮނޑި ކާމިޔާބު ކުރީ ވެރިކަންކުރާ ޕާޓީއިން ކަމުން، 2015ވަނަ އަހަރުން އަލުން ޖަލަށް ވަޑައިގަންނަވަންދެން އަންވަރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވިއެވެ. އޭނާއާ ދެކޮޅަށް އައު ދައުވާތައް އުފުލުމުން އަންވަރު ދެން ވެސް ވިދާޅުވަމުން ދިޔައީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަޤްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނަވީ ނަޖީބު ރައްޒާޤުއެވެެ.

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަތުމުން އަންވަރުގެ ސިޔާސީ ހަޔާތް ބަރުބާދުވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަކީ އިސްލާހީ މަސައްކަތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހިތްވަރުގަދަ ބޭފުޅެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޤުބޫލު ކަން ހޯއްދެވިއެވެ. އޭނާއަކީ މީހުންގެ ހިތް ދަމައިގަންނަ ފަދަ ސިފަތައް ލިބިގެންވާ، ޢަޒުމް ވަރުގަދަ، ވާހަކަ ދައްކައި ބަހުސް ކުރައްވަން މޮޅު ބޭފުޅެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އޭނާ ސިފަކުރެއެވެ. ސިޔާސީ ގޮތުން އޭނާގެ އެންމެ މުހިންމު ސިފަފުޅު ކަމުގައި ފާހަގަ ވަނީ ޢާންމުންގެ ތާއީދު ހޯދައި އިސްލާޙީ މަސައްކަތުގައި ޢަމަލޫ ގޮތުން މީހުން ޝާމިލުވުމަށް މީހުންނަށް ހިތްވަރު ދެއްވާ ދެއްވުމެވެ.

އަންވަރުގެ ސިޔާސީ ޙަޔާތުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޞަފްޙާއަކީ އޭނާ ސިޔާސީގޮތުން އަލުން މަހާތިރާ ގުޅިވަޑައިގެންނެވި ހިސާބެވެ. އެތައް އަހަރެއް ވަންދެން ސިޔާސީ ހަތުރުންގެ ގޮތުގައި އުޅުއްވުމަށް ފަހު، 2018ވަނަ އަހަރުގެ އާންމު އިންތިޚާބާ ދިމާކޮށް ދެ ބޭފުޅުން ވަނީ އޭރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤްގެ ސަރުކާރި އިންތިޚާބުގައި ބަލިކުރުމަށް އެކުގައި މަސައްކަތް ކުރައްވައިފައެވެ. ދެ ބޭފުޅުން ގުޅިވަޑައިގެން ކުރެއްވި މަސައްކަތުން އިންތިޚާބުގައި އިދިކޮޅު ޕަކަޓަން ހަރަޕަން އިއްތިޙާދުން ބަރިސަން ނަސިއޮނަލް ބަލިކުރުމަށް މަގުފަހިވެގެން ދިޔައެވެ. އަންވަރުގެ ޖަލު ހުކުމަށް ޝާޚީ މަޢާފު ލިބިވަޑައިގަތީ އިންތިޚާބަށް ފަހު މަހާތިރު ބޮޑުވަޒީރުގެ މަޤާމާ ހަވާލުވިތާ ހަފްތާއެއްގެ ތެރޭގައެވެ. ޝާހީ މަޢާފު ލިބިވަޑައިގަތުމުން އަނެއްކާ ވެސް ޤަނޫނުހަދާ މަޖިލީހުގެ ބައި-އިލެކްޝަނެއްގައި އަންވަރު މަޖިލީހަށް އިންތިޚާބުވެވަޑައިގެތެވެ. މަހާތިރަށް ފަހު ވޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނީ އަންވަރު ކަމަށް އޭރު އޮތީ ޤަބޫލުކުރެވިފައެވެ.

އަންވަރުގެ ދިގު އިންތިޒާރަށް ނިމުމެއް އައީ 2022ވަނަ އަހަރުގެ އާންމު އިންތިޚާބަށް ފަހުގައެވެ. އެ އިންތިޚާބުގައި ސަރުކާރެއް ޤާއިމްކުރާ ވަރަށް އެއްވެސް ޕާޓީއަކަށް ގޮނޑި ކާމިޔާބުކުރެވިފައެއް ނުވެއެވެ. ޕާޓީތަކާއި އިއްތިޙާދުތަކުގެ މެދުގައި މަޝްވަރާތައް ކުރުމަށް ފަހު މެލޭޝިއާގެ 10ވަނަ ބޮޑުވަޒީރުގެ މަޤާމަށް އަންވަރު ޢައްޔަނުކޮށްފައި ވަނީ 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24ވަނަ ދުވަހުއެވެ. އޭނާ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުން އޭނާ ދުރުކުރިތާ ގާތްގަނޑަކަށް 25 އަހަރު ފަހުންނެވެ.

މިއަދު އަންވަރު ގެންދަވަނީ ގުޅިފައިވާ ސަރުކާރު ހިންގަވައި، އޭނާގެ ‘މަދަނީ’ ތަސައްވަރުގެ ދަށުން ޤައުމު ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ތަޞައްވުރު ބިނާވެފައި ވަނީ ދެމެހެއްޓެނެވި ތަރައްޤީއާއި ތަނަވަންސްކަމާއި އީޖާދާއި އިޙްތިރާމްއާއި އިތުބާރާއި އޯގާތެރިކަމުގެ މައްޗަށެވެ.

ޢާއިލީ ޙަޔާތް

އަންވަރުގެ އަމިއްލަ ދިރިއުޅުމަށް ބަލާއިރު، 1980ވަނަ އަހަރު އޭނާ ވަނީ ޑރ ވަން އަޒީޒާ އިސްމާޢިލްއާ ކައިވެނި ބައްލަވައިގެންފައެވެ. އަންވަރުގެ ދެމަފިރިކަނބަލުންނަށް 6 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އަންވަރު ޖަލުގައި ހުންނެވި ދުވަސްވަރު އޭނާގެ އަނބިކަނބަލުން ވަނީ އިދިކޮޅު ސިޔާސީ ލީޑަރަކަށް ވެވަޑައިގަންނަވައިފައެވެ. އަންވަރުގެ ދޮށީ ދަރިކަނބަލުން، ނޫރުލް ޢިއްޒާ އަންވަރަކީ ވެސް ސިޔާސީގޮތުން ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ. އޭނާ ވަނީ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައެވެ.

އަންވަރުގެ ސިޔާސީ ޚަޔާތް ބައްޓަންވެފައި ވަނީ އިސްލާމީ ޙަރަކާތްތެރިކަމާއި އިސްލާޙީ ސިޔާސަތުތަކުގެ އިތުުރުން ވާހަކަ ދެއްކުންތެރިކަމުގެ ހުނަރާއި، ސިޔާސީ ނާކާމިޔާބީތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ލިބިވަޑައިގެންފައިވާ އާދަޔާޚިލާފު ޤާބިލުކަމުގެ މައްޗަށެވެ. އިިސްލާޙީ ޙަރަކާތްތަކުން ފެއްޓެވި މަސައްކަތުން މިއަދު އޭނާ އެ ހުންނެވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމުގައެވެ. އެ މަޤާމަށް އޭނާއަށް ވަޑައިގަނެވުނީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި ޤުރުބާނީއާއި ސާބިތުކަމުގެ ސަބަބުންނެވެ.