ރިޕޯޓް

އައްޑޫސިޓީ ސީ ޕްލޭން ރަސްމީކޮށް ލޯންޗްކޮށްފި


އައްޑޫ ސިޓީގައި ސީ ޕްލޭންގެ އޮޕަރޭޝަންތައް ރަސްމީގޮތުން ލޯންޗްކޮށްފިއެވެ. 

ރާއްޖޭގައި ޤާއިމުކޮށްފައިވާ ދެވަނަ ސީ ޕްލޭން ބޭސްއާއެކު، އައްޑޫ ސިޓީގައި ސީ ޕްލޭންގެ ޚިދުމަތްތައް ފެށުން ރަސްމީގޮތުން ލޯންޗްކޮށް ލޯންޗްކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ ޑަބްލިޔު.ޓީ.އެމް ފެއަރގެ ތެރޭގައެވެ.  އައްޑޫ ސިޓީގައި ސީ ޕްލޭންގެ ޚިދުމަތްތައް ފެށުން ރަސްމީގޮތުން ލޯންޗްކޮށް ލޯންޗްކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ ޑަބްލިޔު.ޓީ.އެމް ފެއަރގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޢާން އަދި އެމް.އެމް.ޕީ.އާރ.ސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުހައްމަދެވެ. 

އައްޑޫ ސިޓީގައި ސީޕްލޭންގެ ޚިދުމަތް ތަޢާރަފުކުރުމަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫޢެކެވެ. ގަމުގައި ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހުއްދަ ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީ.އެމް.އޭއަށް ދީފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓީ.އެމް.އޭގެ ޗެއަރމަން ރިޖަޑް ސަލްޑާނާ ވިދާޅުވީ، އައްޑޫގައި އަލަށް ތަޢާރަފުކުރެވިގެންދާ ސީޕްލޭންގެ ޚިދުމަތާއެކު، އެ ސަރަޙައްދުގައި ފަތުރުވެރިކަން އިޝްތިޙާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު، ކުރިއަށްއޮތްތާ އެ ސަރަޙައްދަ ޒިޔާރާތްކުރާ ފަތުރުވެރިންގެ ނިސްބަތްގިނަވެ، ސީޕްލޭންގެ ޚިދުމަތަށް އޮންނަ ޑިމާންޑް އިތުރުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. 

އައްޑޫ އެއަރޕޯޓް ތަރައްޤީކުރެވޭ މިންވަރަކުން، ފޮޓޯ ފްލައިޓްގެ ޚިދުމަތާއި، މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ފަދަ ޓީ.އެމް.އޭއިން މިހާރުވެސް ދެމުން އަންނަ ޚިދުމަތްތައް ތަޢާރަފު ކުރަމުން ގެންދާނެ ކަމަށް އެކުންފުނިން ބުނޭ. ހަމައެހެން އެ ސަރަޙައްދުގެ ޓްރެފިކް ޖާގަދިން މިންވަރަކުން ފުވައްމުލަކާއި، ހުވަދުއަތޮޅުގެ ރަށްތަކަށްވެސް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޓީ.އެމް.އޭއިން ބުނެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ފެއަރގެ ބައިވެރިންނާއި ހިއްސާކޮށްފައެވެ.