ޚަބަރު

ރައިސް އާއި ޕާމާ ހިމެނޭހެން 5 ކުޅުންތެރިން ސްކޮޑުން ވަކިކޮށްފި


ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުން ޑެކްލަން ރައިސް އާއި ކޯލް ޕާމާ ވަކިވެއްޖެއެވެ.

ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ސްކޮޑުން ފުރުސަތު ގެއްލުނު ޗެލްސީގެ މިޑްފީލްޑަރ ކޯލް ޕާމާ އަށް މި ފަހަރުގެ ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ސްކޮޑުން ވަކިވާނެކަމަށް ވަނީ ރިޕޯޓްތައް ބުނެފައެވެ.

މީގެ އިތުރުން އާސެނަލްގެ މިޑްފީލްޑަރ ޑެކްލަން ރައިސް އާޢި ޓިނޯ ލިވްރަމެންޓޯ އާއި ކޯބީ މައިނޯގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑްވެސް މި ފަހަރުގެ ސްކޮޑަށް ނެގުމަށްފަހު ވަނީ ވަކިވެފައެވެ.

އަނިޔާގެ ސަބަބުން ސްކޮޑުން ވަކިވި ކުޅުންތެރިންގެ ބަދަލުގައި ކޯޗު ތޯމަސް ޓުޗެލް ވަނީ ނޮޓިންހަމް ފޮރެސްޓްގެ މޯގަން ގިބްސް ވައިޓް އާއި އެވަޓަންގެ ޖޭމްސް ގާނާ ސްކޮޑަށް ނަގާފައެވެ. އަދި މި ކުޅުންތެރިން މިއަދު ގައުމީ ޓީމާއި ގުޅޭނެއެވެ.

އަނިޔާގެ ސަބަބުން ރައިސް އާއި ޕާމާ ގައުމީ ސްކޮޑުން ވަކިވިއިރު މި ދެ ކުޅުންތެރިންވެސް ވަނީ ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެއްކޮށް ކުޅެފައެވެ.

ވޯލްޑްކަޕްގެ ސްކޮޑުގައި ޕާމާ ހިމެނިފައިނުވާތީ އޭރު އެކަމަށް ގިނަބަޔަކު ވަނީ ފާޑުކިޔާފައެވެ. ނަމަވެސް މި ފަހަރުގެ ސްކޮޑުގައި ޕާމާ ހިމެނުމަށްފަހު ޓުޗެލް ބުނެފައިވަނީ ޕާމާއަށް ޓީމުން ފުރުސަތު ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެކަމަށެވެ.

ނޭޝަންސް ލީގުގައި އަންނަ ހޮނިހިރު ދުވަހު އިންގްލޭންޑް ނިކުންނާނީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އާއި ދެކޮޅަށެވެ. އަދި އޭގެ ފަހުން ރަށުން ބޭރުގައި ޗެކް ރިޕަބްލިކް އާއި ކްރޮއޭޝިޔާ އާޢި ދެކޮޅަށް ކުޅުމަށްފަހު އަމިއްލަ ގައުމުގައި އޮކްޓޯބަރ 6 ގައި ޗެކް ރިޕަބްލިކްއާއި ދެކޮޅަށް ކުޅޭނެއެވެ.