ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއިސް ޑިލަފުއެންޓޭ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަކަށް 6 އަހަރު އިތުރުކޮށްފިއެވެ.
ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ސްޕެއިންއަށް ހޯދައިދިން ކޯޗު, ޑިލަފުއެންޓޭ އާއިއެކު ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނުން ކުރިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ. ނަމަވެސް އޭނާއަށް އިތުރު 6 އަހަރުގެ މުއްދަތެއް ދިނުމާއިއެކު 2028 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2030 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ އިތުރުން 2032 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް އޭނާ އެ މަގާމުގައި ހުންނާނެއެވެ.
ސްޕެއިންގެ ފުޓްބޅަ ފެޑަރޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކުން ޑިލަފުއެންޓޭގެ އެއްބަސްވުމުގެ މުއްދަތަށް 6 އަހަރު އިތުރުކުރަން ނިންމިއިރު މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައިވެސް މިހާތަނަށް ގައުމީ ޓީމުގެ ކޯޗެއްގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރަން ނިންމި އެންމެ ދިގު މުއްދަތެވެ.
ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވުމަށްފަހު މިހާތަނަށް ޑިލަފުއެންޓޭގެ އިރުޝާދުގެ ދަށުން ޖުމްލަ 50 މެޗު ކުޅެފައިވާއިރު އޭނާ ވަނީ 2023 ވަނަ އަހަރުގެ ނޭޝަންސް ލީގާއި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ސްޕެއިންއަށް ކާމިޔާބުކޮށްދީފައެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނާއި ގުޅުން އޮންނަ ބައެއް މީޑިޔާ ރިޕޯޓްތަކާއި ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި ޑިލަފުއެންޓޭގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިއިރު އޭނާގެ މުސާރައަށްވެސް ވަނީ ބޮޑު ބަދަލެއް ގެނެސް މުސާރަ ބޮޑުކޮށްފައެވެ.
ޑިލަފުއެންޓޭގެ ދަށުން ސްޕެއިންގެ އިން ރަގަޅު ނަތީޖާތަކެއް ހޯދާފައިވާއިރު އެ ޓީމު މެޗަކުން ބަލިނުވެ މިހާރު ވަނީ 38 މެޗު ކުޅެފައެވެ.
ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވުމުގެ ކުރިން ޑިލަފުއެންޓޭ ވަނީ ސްޕެއިންގެ ޒުވާން ޓީމުތަކަށްވެސް ކޯޗު ކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދަދީފައެވެ. އެތްލެޓިކޯ ބިލްބާއޯގެ ޑިފެންޑަރެއްގެ ގޮތުގައި ކުރިން ފެނިގެންދިޔަ ޑިލަފުއެންޓޭގެ ކޯޗިން ހަޔާތް ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ.
ޑިލަފުއެންޓޭ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި ސްޕެއިންއަށް ލިބުނު ދަށް ނަތީޖާ ތަކާއިއެކު އޭރުގެ ކޯޗު މަގާމުން ވަކިކުރުމަށްފަހުގައެވެ.