އަހަރުތަކެއް ވަންދެން މަޑުޖެހި، ހުއްޓުން އަރާފައި އޮތް ދިވެހި ފުޓުބޯޅައަށް ދިރުމެއް ލިބި، ބަދަލުތަކަކާއިއެކު މިފަހަރުގެ ސީޒަނުގެ ކުޅުން ފަށައި ދިވެހި ލީގުގައި ވެސް މިވަނީ މެޗުތަކެއް ކުޅެފައެވެ.
މި ސީޒަނުގެ ލީގުގައި މިހާތަނަށް އަށް ޓީމުން، ކޮންމެ ޓީމަކުން ދެ މެޗު ކުޅެފައިވާއިރު ދެޓީމަކުން ވަނީ ތިން މެޗު ކުޅެފައެވެ. ލީގުގައި ތިން މެޗު ފުރިހަމަކޮށްފައި ވަނީ، ކޮލިފިކޭޝަން ބުރުތައް ފުރިހަމަކޮށް މުޅިން އަލަށް ފުރަތަމަ ޑިވިޝަނުން ޖާގަހޯދި ހއ. ދިއްދޫއާއި ގދ. ގައްދޫ ރެކްރިއޭޝަން ކުލަބެވެ.
ޖުމްލަ 11 މެޗު މިހާތަނަށް ލީގުގައި ކުޅެފައިވާއިރު މިހާރު މިވަނީ ބައިނަލްއަޤްވާމީ ބްރޭކަށް ލީގު މެދުކަނޑާލާފައެވެ.
ބްރޭކަށް ލީގު މެދުކަނޑާލިއިރު، ލީގު ތާވަލުގެ އެއްވަނައިގައި އޮތީ، ސަސްޕެންޝަނުގެ މައްސަލައިގައި ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން އެކަހެރިވެފައެވެ. އެ ސަސްޕެންޝަނުން އަރައިގަނެ 2022ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެނބުރި އައި ވިކްޓްރީއަށް އަލުން ފުރަތަމަ ޑިވިޝަނާ ހަމައަށް އާދެވުނީ މިދިޔަ ސީޒަނުގައެވެ. އެހެންނަމަވެސް މިދިޔަ ސީޒަން އެޓީމުން ނިންމާލީ ތާވަލުގެ ހަވަނައިގައި އޮވެގެންނެވެ.
ވިކްޓްރީން ދިވެހި ފުޓުބޯޅައިގައި ހޯދާފައިވާ މަގާމަށް އެނބުރި އައުމަށް އަޒުމު ކަނޑައަޅައި ކުރި މަސައްކަތުގައި މި ސީޒަނުގައި ވަނީ ޓީމު ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ރާއްޖޭގައި ނަން ހިނގާ ގިނަ ކުޅުންތެރިންތަކެއް އެކުލަބާ މި ސީޒަނުގައި ގުޅިފައިވާއިރު، އޭގެ ނަތީޖާވެސް މިވަނީ ފެންނަން ފަށާފައެވެ.
ލީގު މެދުކަނޑާލައި ފުޓުބޯޅަ ބްރޭކަށް ދިޔައިރު، ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއިއެކު ވިކްޓްރީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ކްލަބް އީގަލްސްއާއި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ވެސް ދެމެޗުން ހަ ޕޮއިންޓު ލިބިފައިވެއެވެ. އެހެންނަމަވެސް ނިއުގެ މައްޗަށް އީގަލްސްއަށް އަދި އީގަލްސްްގެ މައްޗަށް ވިކްޓްރީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ބްރޭކަށް ދިޔައިރު ލީގު ތާވަލުގެ ހަތަރުވަނަ މަގާމު ލިބިފައިވަނީ މިދިޔަ ސީޒަނުގެ ލީގުގެ ރަނަރަޕްކަން ހޯދި އޮޑި ސްޕޯޓްސް ކުލަބަށެވެ. އެޓީމުން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާއިރު އަނެއް މެޗުން މޮޅުވެ، ތިން ޕޮއިންޓު ހޯދާފައިވެއެވެ. ލީގު ތާވަލުގެ ފަސްވަނައިގައި އޮތް މާޒިޔާއަށް ވެސް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ހަވަނައިގައި އޮތް ދިއްދޫ، ހަތްވަނައިގައި އޮތް ބިސްބުރު އަދި އަށްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ.
ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން އެންމެ ޕޮއިންޓެއް ވެސް ލިބިފައި ނުވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ ނުވަވަނައިގައި އޮތް ބުރު ސްޕޯޓްސް ކުލަބާއި ކުޅުނު ތިން މެޗުންވެސް ބަލިވެ، 10ވަނައިގައި އޮތް ގައްދޫ ރެކްރިއޭޝަން ކުލަބަށެވެ.
ބައިނަލްއަޤްވާމީ ބްރޭކަށް ދިވެހި ލީގު މެދުކަނޑާލާފައިވާއިރު ބްރޭކަށްފަހު ލީގުގެ ކުޅުން ދެން ފަށާނީ އަންނަ މަހުގެ 9ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅޭނެއެވެ.
އެގޮތުން އެދުވަހުގެ ހަވީރުގެ މެޗުގައި ބައްދަލުކުރާނީ ބިސްބުރު ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބެވެ. އެރޭގެ މެޗުގައި އޮޑި ސްޕޯޓްސް ކުލަބުން ނުކުންނާނީ ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށެވެ. މިއީ ލީގުގައި، މާލޭގައި ގައްދޫއިން ކުޅޭނެ ފުރަތަމަ މެޗެވެ.